ވާހަކަ

ވަކިވާން ޖެހުމުން - 8

7

ޔުއާނާ އޭނާއަށް ދައުވަތު އެދިނީ އެހެން މީހެއްގެ ހައްގެއްގެ ގޮތުގައި އެހެން މީހެއްގެ އަނތްބެއްގެ ގޮތުގައި އިނދެ ސިއްރުސިއްރުން ބައްދަލު ކުރުމަށެވެ. ފުރުސަތުގެ ބޭނުން ކިތަންމެހާވެސް ރަނގަޅަށް ހިފެން އޮތެވެ. އެހެންނަމަވެސް ޔުއާނާ ދެކެ ވެވުނު އިހުތިރާމާއި ގަދަރު ދެވިފައިވާ ލޯބި އެފަދަ ހިޔާނާތަކަށް ތަނެއް ނުދިނެވެ.

އަހަރީ ބަންދުގެ ދުވަސްތައް ނުނިމެނީސް އަނބުރާ ލަންކާއަށް ދިއުމަށް އެދުނީ ޝާމިން އަމިއްލައަށެވެ. މާލޭގައި އުޅޭހިތް ނުވާކަމަށް ބުނި ބުނުމަކީ ދޮގެއް ނޫނެވެ. ޔުއާނާ ފެންނަ ހިސާބަށްވެސް ދާންޖެހިދާނެ ކަމެއް އެފަސްގަޑުގައި ނެތުމުން ހަމަ ޔަގީނުންވެސް ދިމާނުވާނެއެވެ.

ބައްޕަ އާއި މަންމަ ނުހަނު އުފަލުން ޝާމިން ގޮވައިގެން ފުރައިގެން ދިޔައެވެ. އެހިސާބުން ފެށިގެން ޔުއާނާގެ އެއްވެސް މެއިލަކަށް ނުވަތަ ފޯންކޯލަކަށްވެސް ޝާމިން ޖަވާބެއް ނުދެއެވެ. ހުރިހާ ވަގުތެއް ހުސް ކުރެވިގެން ދިޔައީ ކިޔެވުމަށެވެ. އެހެންނަމަވެސް ހިތުގައި އެޅުނު ކޫރުންތަކާއި ޒަހަމްތައް ހުރީ ތާޒާކަން މަތީ ވޭން އަޅައަޅައެވެ. ހުސް ވަގުތުކޮޅެއް ކިރިޔާ ލިބޭއިރަށް މިޔުޒިކްގެ ތެރެއަށް ގެއްލި ގަންނަ ޝާމިންއަށް އެވޭނާއި ތަދު ތަހަންމަލު ކުރަން ލިބުނު އެންމެ ވަފާތެރި އެހީތެރިއަކަށްވީ ލަންކާގެ ހައިސްކޫލުން ބައްދަލުވި ލިންޑާ އާއި ޖެކޮބްގެ ފަރާތުން ތައާރަފުވި "ދެވި" ހިފިގެން ދިޔަ ބާވަތެއްގެ ބޭސްތަކެކެވެ. މަޑުމަޑުން އެއްތަށިން ދެތަށްޓަށް އެއް ޕެގުން ހަޕެގަށް ބަދަލުވަމުން ގޮސް ރަލުގެ އެއާދަ އާއި އެކަތިން ދޭތިން... ގިނަވަމުން ދިޔަ ހިކި ބާވަތްތަކުގެ ދިލަ ޝާމިންގެ ނާރުތަކުގައި ގަދައަށް ހަރުލައިފިއެވެ. ވޭނުގެ ހިތިކަން އަރުތެރެއިން ފިލުވުމަށް އިންޖެކްޝަނުގެ އެހީގައި ބޭނުން ކުރަންފެށި މަސްތަކީ އޭނާގެ އެހީތެރިޔާއެވެ. ބައިވެރިއަކީވެސް އެއަށް ވެނިމިއްޖެއެވެ.

ޝާމިނާއި ޑްރޮތީއާ ބައްދަލުވީ އިންޖިނިއަރިންގެ މާސްޓާސްގެ ތެރެއިންނެވެ. އޭރު ޝާމިން ހުރީ ހަމަ ރަނގަޅަށްވެސް އެތަނުގެ ފެނަށް ދިރިފައެވެ. އޭނާއަކީ ކްލަބުތަކާއި ޑީޖޭތަކުގެ ރޫޙެވެ. މަންމަ އާއި ބައްޕަގެ އިތުރުން ދައްތަމެނާއި ބޭބެމެންވެސް ތިބެނީ ޝާމިންގެ ކޮންމެ އެދުމެއް ހިތުން ރުހުމުން ލޮލުން ބޮލުން ފުރިހަމަ ކޮށްދޭން ތައްޔާރަށެވެ.

ޑްރޮތީއަކީ މުޅި ޔުނިވަސިޓީގެ ރީތީގެ ރާނީއެވެ. ހުރިހާ ފިރިހެން ކުދިން ތިބީ ޑްރޮތީއަށް އެދިއެދިއެވެ. ޝާމިން ކަހަލަ މަދު ކުދިންކޮޅެއް ފިޔަވައި އެހެން ކޮންމެކުއްޖަކުވެސް ޑްރޮތީގެ އިޝާރާތަކަށް ފާރަލަމުންދިޔައެވެ.

އިސްވެ ލޯބި ހުށަހެޅުމަކީ އޮސްޓްރޭލިޔާގެ އަންހެންކުއްޖަކަށް މާބޮޑު ކަމެއް ނޫނެވެ. ޝާމިންގެ ޖަވާބު ވަރަށް ސީދާވެފައި ފާޅުކަންބޮޑެވެ.

"އޯޕަން ރިލޭޝަނެއްގައި އުޅެވިދާނެ.. އެކަމަކު ލޯތްބެއް ނުވެވޭނެ...."

ޑްރޮތީއަށް އެގޮތްވެސް ކަމުދިޔައެވެ. އެގުޅުމަށް ފާޑު ނުކިޔާ މީހަކު މަދެވެ. ކްރިސްޓިއަން އަންހެން ކުއްޖަކާ އެކު އުޅެން ޝާމިން ހިޔާރު ކުރި ސަބަބު ވިސްނައިގަންނަން ނޭނގުނު އެންމެންވެސް ޝާމިނަށް ވިސްނައިދިނީ އެއީ ގޯސް ގުޅުމެއް ކަމެވެ. ދިވެއްސަކު އެކަހަލަ ގުޅުމެއް ބަދަހި ކޮށްގެން ނުވާނެކަމަށް ނަސޫހަތް ދިން އެންމެނަށް ޝާމިން ދިނީ ހަމަ އެއް ޖަވާބެކެވެ.

"އިޓްސް މައި ލައިފް... މިއީ އަހަރެންގެ އަމިއްލަ ދިރިއުޅުން... މީގަ އޮންނާނީ މަގޭ މިނިވަންކަން..."

ޑްރޮތީގެ އިތުރުން ކައިލީ އާއި ލިންޑާއަކީވެސް ޝާމިންއަށްޓަކައި ހިތާއި ފުރާނައިން ގުރުބާންވި ދެ އަންހެންކުދިންނެވެ. އެއިން ކޮންމެ ކުއްޖަކީ ޝާމިންގެ ހަތަރުމަސް ނުވަތަ ފަސްވަރަކަށް މަހުގެ ބައިވެރިއެކެވެ. ކޮންމެ ކުއްޖަކުވެސް ޝަކުވާކޮށް ގުޅުން ހަރުދަނާ ކުރުމަށް އެދެނީ ޝާމިންދެކެ ލޯބިވާތީއެވެ. އެކަމަކު އެހިސާބުން ޝާމިންގެ ވަދާއީ ސަލާމްގެ ވަގުތު ޖެހުނީއެވެ.

ބޭރުން ތައުލީމު ހާސިލުކޮށްގެން ރާއްޖެ އައުމާ އެކު ޝާމިންގެ ދޮންބެ ޒަމީލް އެސްއާރްސަންސްގެ ނަމުގައި ކުންފުންޏެއް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ފެށިއެވެ. ޒަމީލާއި ޝާމިނަށް ހުރިހާ ގޮތަކުންވެސް ބައްޕަގެ އެހީތެރިކަން ލިބުނެވެ. މާލެ އައުމަށްފަހު ޝާމިންގެ ދެވިހިފާފައިހުރި ބައެއް ކަހަލަ އާދަތަކަށް ވަގުތީ ހުއްޓުމެއް އަޔަސް ނިމުމެއް ނާދެއެވެ. ޔުއާނާއާ އެއް ފަސްގަޑަކަށް އާދެވުމުން ހިތުގައި ވަޅު ޖައްސާފައިވާ ހަނދާންތައް އާވެއާލާވެގަތެވެ. އެހެންނަމަވެސް އަމިއްލައަށް އިސްވެ ޔުއާނާ ކޮބައިތޯ ފަހަރެއްގައިވެސް ޝާމިން ނުބަލައެވެ.

ދޮންބެއާ އެކު ވިޔަފާރީގެ ސިލްސިލާގެ ތެރެއަށް ރެއާއި ދުވާ ގެއްލިގަނެގެން އުޅުމުގެ ހެޔޮ ނަތީޖާއަކަށްވީ ހިތުގެ ރިހުން ރޭގަނޑުގެ ނިދީގެ ތެރެއިން އާވާ ވޭނެއްގެ ގޮތުގައި ހިތުގައި ފޮރުވިފައި އޮތުމެވެ.

އާއިލާގެ ހުރިހާ އަންހެން ކުދިންހެން މީހުންނާ އިނދެގެން ދިރިއުޅުން ފަށައިފިއެވެ. ޝާމިންގެ ދެ އަންހެން ކޮއްކޮ، ސަމާހާ އާއި ސުނޭހާ ދިޔައީ ސާނަވީ މަދުރަސީދައުރުގެ ދުވަސްތައް ގުނަމުންނެވެ. ޝާމިން ފިޔަވައި އާއިލާގެ ހުރިހާ ފިރިހެން ކުދިން ޒަވާޖީ ހަޔާތް ފަށައިފިއެވެ.

ކުރިންވެސް އަލިއަޅުވާލި ފަދައިން އެކި މަންމައިންގެ ދަރިންނަށްވިޔަސް ސައްތާރު ސައީދުގެ ދަރިން އެކަކު އަނެކަކާ ބާއްވަނީ އަހުވަންތަ އުހުވަންތަ މިސާލީ ގުޅުމެކެވެ. ފަހަރެއްގައިވެސް ދޮންމަންމައިންނާ ބައްދަލުވާއިރު އެއީ އުފަން މަންމަ ނޫނޭ ދެކޭ އެއްވެސް ލޮލަކަށް ފާހަގައެއް ނުވާނެއެވެ. ހަމައެހެންމެ އެއްވެސް ކަމެއްގައި އެއްކުއްޖަކު އަނެއް ކުއްޖަކު ހިޔާލު ބަދަލު ކުރުމެއް ނެތި ގޮތެއް ނުނިންމައެވެ. ފަހަރިންނާއި ޅިޔަނުންނަށްވެސް މިއާދަކާދަ ވާރުތަ ވެފައިވާ ކަހަލައެވެ.

ޝާމިން މީހަކާ ނީނދެ ހުންނާތީ އެވާހަކަ އެކަކު އަނެކަކަށް ދައްކާ ކޮންމެވެސް އެއްގޮތަކުން އޭނާގެ ކައިވެނި ކުރުވަން ޖެހޭނެކަމަށް ހިޔާލު ބަދަލު ކުރާ މަޝްވަރާ ބައްދަލުވުންތައް ބޭއްވެއެވެ. ހިތާވާ ރުހޭ ކުއްޖަކު ހުރިނަމަ ނަމާއި ވަނަވަރު ދިނުމަށާއި ވަގުތުން ވަގުތަށް އެކައިވެނި ކުރެވޭނެ ގޮތް ހަމަޖެއްސުމަށް އެންމެން ތިބެނީ އަތުކުރި އޮޅައިގެން ތައްޔާރަށެވެ. މިފަދަ ކޮންމެ ތަނަކުން ޝާމިން، ކޮންމެވެސް މޮޅު ބަހަނާއެއް ދައްކައި ސަލާމަތް ވެގަންނަނީ އެއްވެސް ގޮތަކަށް ޔުއާނާގެ ނަންވެސް ހިއްސާކުރުމެއް ނެތިއެވެ. ހަގީގަތް ކިރިޔާ އެނގޭ ނަމަވެސް އޭނާގެ ދައްތަމެން ބޭބެމެން ޔުއާނާ ކިޑްނެޕްވެސް ކުރާނެއެވެ. ފައިސާއިން ގަނެވެން އޮތް ގޮތަކަށް ގަންނަން ޖެހުނަސް އެމީހުން ފަހެއް ނުޖެހޭނެއެވެ. އާހިރުގައި ކޮންމެ ގޮތަކަށް ކޮންމެ ކަމެއް ވިޔަސް ޝާމިންއަކީ އެއެންމެންގެ ލޯބިވާ ލޮބުވެތި އެންމެ ހަނގު އެންމެ ކުޑަ ކޮއްކޮ ވިއްޔާއެވެ.

ނުވަދިހައިގެ އަހަރުތައް ފަސްދީ ދެހާހުގެ އަހަރުތައް ގުނެމުން އައިސް ދެހާސް ފަސްވަނަ އަހަރާ ކުރިމަތިލި ދުވަސްތަކެވެ. އެއަހަރު ހިމެނުނީ އެސްޓީއާރް ސަންސް އަށް ކާމިޔާބުގެ މާމެލާމެލީގެ ވާރޭ ވެހުނު އަހަރެއް ކަމުގައެވެ.

ރާއްޖޭގެ އެތައް ކުންފުންޏެއްގެ ފައިބާނެޓް ކޭބަލް އެޅުމުގެ ބިޑް ލިބިގެން އެކަމުގައި އަވަސްކަމާއި ގާބިލުކަމާ އެކު ކުންފުނި ކުރިއަށް ދެމިގަތީ އިތުރަށް އެތައް ކަމެއްގެ އާ ވިޔަފާރި ފެށުމާ އެކުގައެވެ. އެގޮތުން މިޔުޒިކް ސާމާނާއި ޝޯ ހުށަހެޅުމަށް ބޭނުންވާ ލައިޓިން ފަދަ ތަކެތި ކުއްޔަށް ދިނުމާއި ޝޯތައް ސްޕޮންސާކޮށް އަދި ތައްޔާރު ކުރުމާއި ހަމައަށް އެކުންފުނި ދިޔައީ ކުރިއަށް ގެންދަމުންނެވެ.

ކާމިޔާބުގެ މިސިލްސިލާ އުފާވެރިކަމުގެ ތެރެއިން ހިތް ހަލާކުވާ ކަހަލަ އެއް ހަބަރަކަށް ލިބުނީ ޔުއާނާ އަންހެން ދަރިފުޅެއްގެ މަންމައަކަށްވި ހަބަރެވެ. ބޭނުންނުވުމާ އެކުވެސް ފޭސްބުކް މެސެންޖާ ބަލައި ޗެކްކޮށްލެވުނެވެ.

ޔުއާނާގެ އެތައް މެއިލެއް އެތައް މެސެޖެއް އެތައް ގޮވުމެއް ހުޅުވާނުލާ ބައްވެފައި ހުއްޓެވެ. އަލުން ގުޅުމަށް ކޮށްފައި ހުރި އާދޭސްތަކެވެ. މައާފަށް އެދި ރޮއިފައި ހުރި އެތައް މެސެޖެކެވެ. ފިރިމީހާ ގާތުން ވަރިވެގެން ޝާމިންގެ އަނތްބަކަށް ވާން އެދޭ ވާހަކަ ބުނެފައި ހުރި މެސެޖްތަކެވެ. އާދޭހުގެ އެތައްއެތައް ބަސްތަކެކެވެ. އާލާކޮށް ހަނދާންކޮށްދީފައިވާ މާޒީގެ އެތައް މަންޒަރުތަކެކެވެ. އެންމެ ފަހުން މާޔޫސްވެގެން ގޮތްހުސްވެގެން އަލުން ފިރިމީހާއާ އެކީ އުޅެން ފެށިކަމުގެ ހިތްދަތި ހަބަރާ އެކު ޝާމިންގެ ދަރިއެއް ނޫނީ ޔުއާނާގެ ބަނޑުން ނުވިހެއުމަށް ކޮށްފައިވާ ވައުދު އުވާލާފައި ހިތާއި ދެކޮޅަށްވިޔަސް މަންމައަކަށް ވި ހަބަރެވެ. އެހެން މީހަކަށް ލިބުނު ދަރިފުޅަކަސް ޝާނާގެ ކިބައިން ޔުއާނާއަށް ފެންނަނީ ޝާމިންގެ އަދާތަކާއި ސިފަތައް ކަމަށް ބުނެފައިވާ ވާހަކަތަކެވެ.

ހިތްދަތިވެގެން ގޮސް ހަލާކުވާވަރު ވިޔަސް އެނބުރި ޔުއާނާގެ ހަޔާތަށް ނުދާނެ ކަމަށާއި އަމިއްލަ ހަޔާތަށް ދުވަހަކުވެސް ޔުއާނާ ނުގެންނަން ކަމަށް އަމިއްލަ ނަފުސަށް ވެފައިވާ ވައުދު ޝާމިން ހަނދާނެއް ނުނެތެއެވެ.

ހިތާމައިގެ ސާލު އޮޅާލައިގެން ހޭދަކުރާ ވަގުތު އެއްވެސް ލޮލަކަށް ފެންނަން އޭނާ ބޭނުމެއް ނުވެއެވެ. ދުވަސްތަކަކަށްފަހު އަނެއްކާވެސް ނިދުމަށް އެހީތެރިއަކު ބޭނުންވީ އެރެއެވެ. ބޮލުގައި ރިހުނު ރިހުމާއި ހިތުގައި އަޅަމުން ދިޔަ ވޭނަށް ލުޔެއް ލިބުނީ ދެހާސް ތިންހާސް ރުފިޔާ ހަރަދުކޮށްގެނެވެ. މަސްތުވާތަކެތީގެ އަޅަކަށްވިޔަސް މުޖުތަމައުގެ އެއްވެސް ލޮލަކަށް އެކަން އޮތީ ފާހަގަ ނުކުރެވިފައެވެ. އަހަރުތަކެއްގެ ހުއްޓުމަކަށްފަހު އަނެއްކާވެސް ވަބާގެ ޝިކާރައަކަށްވީއެވެ. ޔުއާނާއަކީ އޭނާގެ ހަލާކުކަމަށް ވީއިރު އެޔުއާނާ އެއްވެސް އަގެއް ހުރި މީހަކަށް ނުވާނެ ނޫން ހެއްޔެވެ. އެކަމަކު ޝާމިންއަށްޓަކައި ޔުއާނާއަކީ ހިނިތުންވުމެކެވެ. އަގުނުކުރެވޭނެ ހަޒާނާއެކެވެ.

ރިހޭ ފައި މައްޗަށް ފޮއި ވެއްޓުނީ އެއަހަރު ނިމިގެން އާއަހަރުގެ އުފާ ފާޅުކުރަމުން ދިޔަ ހަފުތާގައެވެ. ބައްޕަ އިންޑޮނޭޝިޔާއަށް ފުރީ ޖެނުއަރީ މަހުގެ ދެވަނަ ދުވަހު މަންމަވެސް ގޮވައިގެންނެވެ. ފުރުމުގެ ކުރިންވެސް އެތައް ގޮތަކަށް ޅީދަރިފުޅެއް ގެނެސް ދިނުމަށް ބައްޕަ ޝާމިން ކުރެން އެދުނެވެ. ރުހޭ ކުއްޖަކު ނެތްނަމަ ބައްޕަ ކުއްޖަކު ހޯދައިދޭންވެސް ތައްޔާރަށް ހުރި ވާހަކަވެސް ބުންޏެވެ. އެކަމަކު އެކަމާ ޝާމިން އެއްބަސް ވާނީ ކިހިނެއް ކޮންފަދައަކުން ހެއްޔެވެ.

ބައްޕަ ނިޔާވި ހަބަރު ލިބުނު ދުވަހަކީ ޝާމިންގެ ހަޔާތުގައިވެސް އަޑުން އަޑު ނަގައި ބާރަށް ރޮވުނު ދުވަހެކެވެ. އަމިއްލަ ނަފުސަށް މަލާމާތްކޮށް އެއްޗިހި ގޮވުމުންވެސް ލޮލުން ކަރުނަ ހިކޭ ގޮތެއް ނުވިއެވެ. ބައްޕައަކީ ޝާމިންގެ ހިތުގެ ހަމަޖެހުމެވެ. އޭނާގެ ދިރިހުރި ރޯލްމޮޑެލެއެވެ. އެކަމަކު ބައްޕަ އޭނާއާ ވަކިވީއެވެ. ޝާމިންގެ އަނބިމީހާ އާއި ދަރިފުޅު ދުށުމުގެ ނަސީބުން އެފަކީރު މަހުރޫމްވީއެވެ. އެންމެ ހިތްދަތިވި ކަމަކީ ފަހު ވަގުތު މޫނު ދުށުމުގެ ނަސީބެއްވެސް ޝާމިނަށް ނުލިބުނުކަމެވެ.

ތަގުދީރު ޝާމިނާ ހައްތަހާވެސް ކުރަމުން ދިޔައީ ބިރުވެރި ސަމާސާތަކެވެ. އޭނާ ހިތުގެ އަޑިން ލޯބިވެ އެދޭ އެއްޗެއް ނަމަ އޭނާއާ ކޮންމެވެސް ގޮތަކުން ވަކިވެއެވެ. ބައްޕަ ނިޔާވެގެން އެހިތާމައިގައި ހިތްފުރެންދެން ރޯލާނެ މުއްދަތެއްވެސް ނިކަމެތި ޝާމިނަކަށް ނުލިބުނެވެ. އެތައް ހުވަފެންތަކަކާއި އެތައް އުއްމީދީ ޕްރޮޖެކްޓްތަކެއްގެ މެދު ތެރެއިންލާފައި ޒަމީލު ހިތުގެ މައްސަލައެއްގެ އިތުރުން ޑިޕްރެޝަންގެ ޝިކާރައަކަށްވެ ހަމަ ކުއްލި ގޮތެއްގައި ނިޔާވީ ބައްޕަގެ ޖަނާޒާ ބޭއްވުނުތާ ބަރާބަރު ހަމަސްވެސް ފުރިހަމަ ނުވަނީހެވެ.

"އަސްލު އަމިއްލަ ތަގުދީރާ ދިމާއަށް ސުންޕާއޭވެސް ކިޔޭ… އެއްވެސް އިންސާފެއް ނެތޭވެސް ހިތަށް އަރާ…" ހުލިވެފައި އޮތް ސިނގިރޭޓް ފިލްޓަރު އަޅިކެޑިއަށް ލަމުން ޝާމިން ބުނެލިއެވެ.

"އަމިއްލަ ތަގުދީރާ މެދު ޝަކުވާ ކުރުމުގެ ބަދަލުގައި އެތަގުދީރު ހިތާމަ އާއި ވޭނުން އުފަލާއި ހަމަޖެހުމަށް ބަދަލުކޮށްދެއްވާ ރަނގަޅު ހެޔޮ ގޮތެއް ފެނޭތޯ އެދެން ވާ ފަރާތުގައި ދުވަހަކުވެސް އެދެވުނުބާ…؟!"

ޝާމިންގެ ހުރިހާ ވާހަކައެއް އެންމެ އަކުރެއްވެސް ފިއްޔެއްވެސް ވައްޓާނުލައި އަޑު އަހަން އިން ޝައުފާ ހަރު މީހެއް ފަދައިން ވާހަކަ ދެއްކިއެވެ. ކޮންމެ ގޮތަކަށް އުޅެމުން އައިކަމަށް ވިޔަސް ޝާމިންގެ ގައިގައި ރަނގަޅު އާދަތައް ގިނައެވެ. މީހަކަށް ކުށެއް ކުރެވިދާނެއެވެ. އަދި ފާފައިގެ ސިލްސިލާ ބޮޅުތަކެއްވެސް މީހެއްގެ އަމަލުތަކުގެ ފަތުގައި ހިމެނިދާނެއެވެ. އެއީ ބަދަލު ނުކުރެވޭނެ ކަންތައްތަކެއް ނޫނެވެ. އަމުދުން ޝާމިން ކަހަލަ އިލްމާއި ހިލްމުން ފުރިފައިވާ މީހަކަށް އެއީ ދަތި ކަމެއްވެސް ނޫނެވެ.

ޝާމިންގެ ހަޔާތުގެ އެތައް ގިނަ ސިއްރެއް ޝައުފާ ފަދަ ދާދި އިހަކަށް ދުވަހު ދިމާވި ރައްޓެއްސެއް ގާތު އެގޮތަށް ކިޔައިދެވުނު ސަބަބެއް ހުދު ޝާމިނަކަށްވެސް ނޭނގެއެވެ. ޝައުފާއަކީ އޭނާއަށް ހެޔޮ އެދޭނެ ރަނގަޅު ގާތް ރަހުމަތްތެރިއަކަށް ވާނެހެން ހީވީ ކީއްވެގެން ކަމެއް ނޭނގެއެވެ. އެނގޭހާވެސް ވަރަކީ ޝައުފާގެ އާދައިގެ ވިދުމެއް ނެތް ލޮލުން އޭނާއަށް ހިތްހެޔޮކަމާއި ތެދުވެރިކަން ފެނުނު ކަމެވެ. އެއާދައިގެ އަންހެން މީހާގެ މޫނުން އޭނާއަށްޓަކައި އޯގާތެރިކަމާއި އަޅާލުން ފާހަގަ ވިކަން ޔަގީނެވެ. އޭނާއަކީ ދިވެހި އަންހެން ކުދިންނާ އެއްވެސް ގުޅުމެއް، އެންމެ ކުޑަމިނުން އެކުވެރިކަމެއްވެސް ބާއްވާ މީހެއް ނޫނެވެ. އަމުދުން ޔުއާނާ ކަންތައް ކުރި ގޮތުން އެއްވެސް އަންހެން ކުއްޖަކާ ސީދާ ދެމިގެންދާނެފަދަ އެއްވެސް ގުޅުމެއް އޭނާ ނުބާއްވައެވެ. ތެދުތެދަށް ކުރުކޮށް ބުނާނަމަ އޭނާ އެފަދަ ގުޅުންދެކެ ފޫހިވެ ނިމުނުތާ އެތައް ދުވަހެއް ވެއްޖެއެވެ.

ޝާމިން ދިޔަތާ އިރުކޮޅެއް ވީއިރުވެސް ޝައުފާ އިން ގޮތަށް އެނދުގެ ކަނެއްގައި އިނެވެ. އޭނާގެ ހިތާއި ސިކުނޑީގައި ޝާމިން ދެއްކި އެކި ވާހަކަތައް އެނބުރެމުން ދިޔައެވެ. އޭނާގެ ނިއްކުރިއަށް އަރާފައިވާ ރޫތައް ސިކުނޑީގެ ހާލަތު ކިޔައިދެއެވެ. ޝާމިން ދިޔައީ ވަގުތެއް ލިބޭ ކޮންމެ ގަޑިއެއްގައި ޝައުފާ ގާތަށް އައުމަށް ވައުދު ވެފައެވެ. ފޯން ނަމްބަރު ބަދަލު ކުރީ ކަމެއް ދިމާވިޔަސް އެހީއެއް ބޭނުން ވެއްޖެއްޔާވެސް ގުޅަން ވާނެކަމަށް ބުނެ ހުވާ ކުރުވައިފައެވެ.

"އެހާ ރީތި އެހާ ހޭންޑްސަމް އެހާ މޮޅު… އިންޓެލިޖެންޓް… ހިތްހެޔޮ އޯގާތެރި މަޖާ… ކޮންކަމެއް މަދުވެގެންބާ އެމޮޔަ އަންހެން ކުއްޖާ އެހެން މީހަކާ އިނީ… ޝާމިން ބުނި ގޮތުންނަމަ ފަހުންވެސް އޭނާއަށް ދައުވަތު ދިން… ފިރިމީހާ ކަމުނުދޭ… ޝާމިން ދެކެ ލޯބިވޭ… ބޭނުންވެސް ވޭ… އެކަމަކު ވަރިވެގެން ޝާމިންގެ މީހަކަށް ޝާމިންގެ އަނތްބަކަށް ވާނެ ހިތްވަރެއްވެސް ނެތް… ކީއްކުރާނީ"

ތުންތަޅުވަމުން ޝައުފާ އެނދުން ތެދުވެ ދެއަތް މައްޗަށް ދަމާލަމުން އުޅާހަކަށް ދެމިލިއެވެ. އަދި ކޮޓަރި ތެރޭގައި އަރަން ގެންގުޅޭ މަހުމާ ފޮތީގެ ފައިވާނަށް ފައި ކޮއްޕާލިއެވެ. ގަޑިން އިރުއޮއްސި ހަތެއް ޖަހަނީއެވެ. އޭނާ އަދި މަޣްރިބް ނަމާދެއް ނުކުރެއެވެ. އިޝާއަށް ގޮވައިފިއްޔާ ވަގުތު ފާއިތުވެދާނެއެވެ. ނަމާދު އަޅާފައި އެއްވެސް އެހެން ކަމެއް ނުކުރެވޭނެއެވެ. ހަނދާން ހުންނަން ފެށީއްސުރެވެސް ވަގުތުން ނަމާދު ގާއިމު ކުރުމުގެ އާދަ އޭނާގެ ގައިގައި ހުރެއެވެ. ކޮންމެ ކަމެއް ދިމާވިޔަސް ކަލާނގެ ހަޒުރަތަށް ދަންނަވާ ވަކީލު ކުރެއެވެ. ކުޑަކުޑައިރު، އަލިފާނެއް ފެނެއް ރަނގަޅަށް ވަކިކޮށް ދެނެގަންނަން ނޭނގޭހާ ކުޑައިރު، މައުސޫމުކަމާއި ލޮބުވެތިކަމާއި ހުރިހާ ރިވެތިކަމެއް ފޭރިގަނެވި އެތައް އަނިޔާއެއް އެތައް ވޭނެއް ތަހައްމަލުކޮށް އަމިއްލަ ގޭގައި ބީރައްޓެހި ވެގެން އުޅެން ޖެހުނު ޝައުފާއަށް ހިތްވަރާއި އަޅާލުމާއި ލޯބި ދިން މަންމަގެ މަންމަ، އޭނާގެ ލޮބުވެތި މާމަ ނިޔާވުމުން އެގެއާ އެފަސްގަޑާވެސް މާދުރަށް އައިސް މާލޭގެ ފެނަށް ދިރިގަނެގެން ދަފުތަރުގައި ނަންވެސް ޖައްސުވައި ހަމަޖެހިލެވުނުތާ މިވީ ހައެއްކަ އަހަރު ތެރޭ ޝައުފާ އެތައް ކަމެއް ހަނދާނުން ފޮހެލައިފިއެވެ. އަދި ހަމަ އެހެންމެ އަމިއްލަ ފައި މައްޗަށް ތެދުވެ ދިރިއުޅުމުގެ ހަގީގަތާ ކެރި ހުރެ ކުރިމަތިލުމުގެ ހިތްވަރުވެސް އޭނާ ކޮށްފިއެވެ.

ރޭގަނޑުގެ ކެއުމަށް ފާރޮށްޓާއި ކަޅުސައި ތަށްޓެއް ބޭނުން ކުރީ އެއީ އޭނާއަށް ހަމަ ވަރަށް މީރު އެއްޗަކަށްވާތީއެވެ. ރޮށްޓާއި ބަތާއި ރިހަ ފަދަ ކާއެއްޗިހި ތައްޔާރު ކުރަން ކިތަންމެ ފުރިހަމައަށް އެނގުނަސް ހެނދުނުގެ ސަޔާއި ރޭގަނޑުގެ ކެއުން ވީހާވެސް ލުއި ގޮތަކަށް ނިންމާލުމަކީ ޝައުފާގެ އާދައެކެވެ. ސަބަބު ކިތަންމެހާވެސް ސާފެވެ. އުމުރުން މައްޗަށް ދާ ހަށިގަނޑާއި ސިއްހަތަށް ޝައުފާ ސަމާލުކަން ދޭކަމުގެ ހެއްކަކީ ބައްތިރީސް އަހަރުގައިވެސް ލޮކި މަސް އޭނާގެ ގައިގައި ޖަހާފައި ނެތުމާއި އޮޅަލި ކުލައިގެ ހަމުގެ އޮމާންކަމާއި ރީތިކަމެވެ.

ނިދަން އޮށޯވެލި ނަމަވެސް ޝައުފާގެ ސިކުނޑިން ދެމުން ގެންދިޔަ ސިގުނަލް ލޮލުގެ އެސްފިޔަ ނިންޖަށް ލެއްޕުނަ ނުދިނެވެ. އެންމެ ފަހުން އަމިއްލަ ނަފުސަށް ހިނިތުން ވެލުމާ އެކު އެނދުން ތެދުވުމުގެ ބަދަލުގައި އެއޮތްގޮތަށް އޮވެ އަތްދިއްކޮށްލައި، އެނދުގެ ސައިޑު ކަބަޑް މަތީގައި އޮތް ފޯން ނަގައި އޭގެ ކޯޑް ޖަހައި ފޯން ހުޅުވާލިއެވެ.

"ހަތެއް... ހަތެއް… ހަތެއް… ނުވައެއް… ފަހެއް... ފަހެއް… ފަހެއް…” ޝައުފާ ނަމްބަރުތަކަށް ޑައިލް ކޮށްލިއެވެ. އެވަގުތު އޭނާގެ ހިތް ޑަގަޑަގަ ލާފައި ތެޅެން ފެށީ ކޮންކަމަކާ ކީއްވެގެން ކަމެއް ނޭނގެއެވެ.

"ރިރީރީންގ…” ފޯން ރިންގު ވާން ފެށިތަނާ އެކޮޅުން ޖަވާބުދިން އަޑު އިވިއްޖެއެވެ. އެއަޑު ކަންފަތުގައި ޖެހުމުން ޝައުފާގެ ހަތަރެސްފައި ފިނިވެ ތުރުތުރު އަޅައިގަތެވެ. އަޖާއިބެކެވެ. އެއީ ހަމަ އާދައިގެ ރައްޓެއްސެކެވެ. މާހާއްސަ އެއްވެސް ކަމެއް ހުރި މީހެއް ނޫނެވެ. ކޮންހާ ގޮތްތަކެއް ވާކަށް ހެއްޔެވެ. އަމިއްލަނަފުސަށް ހިތާހިތުން އެއްޗިހި ކިޔަމުން ޝައުފާ ފޯނުން ވާހަކަ ދައްކަން ފެށިއެވެ.

"ސާހިބުޒާދާ ކީއްކުރައްވަނީތޯ…؟ ކޮންތާކުތޯ ތިހުންނެވީ…؟ ކޭންބެއްލެވީތޯ…؟!" ޝައުފާ ހީނލަމުން ސުވާލުކޮށްލިއެވެ.

"އާދެމަސާހިބު…" ޝާމިންގެ ބަރު އެހާމެ ސާފު ރީތި އަޑު އިވުނެވެ. ޝައުފާގެ ސަކަ ބަސްތަކަށް ޝާމިން ވެސް ޖަވާބު ދިނީ މަޖާ ރާގެއްގައި ސަމާސާ ބަސްތަކަކުންނެވެ. "ނިކަމެތި އަޅުގަނޑު މިހުރީ ގޭގަ… ނިދަން ތައްޔާރުވަނީ… ކަމަނާ ކީއްކުރައްވަނީތޯ…؟ ރޭގަނޑު ދިހައެއް ޖަހާ ބޮޑުވި ފަހުން އަޅުގަނޑުގެ ހަނދާންކޮށްލެއްވީ ކޮންކަމަކާތޯ….؟!!"

"އުނހު… އައާނނ… މި މި އަނެއްހެން އެއްވެސް ކަމެއް ނުވޭ… ނިދަން އޮށޯވެފައި ހިތަށް އެރީ ޝާމިންގެ ހާލު ބަލާލާނީއޭ… ރޭގައިވެސް ގުޅަން ހިތުލައިގެން އޮއްވައި ނިދުނީ… ދެދުވަސް އެއްވެސް ހަބަރެއް ނުވެ ދިޔައީމަ… އެހެންވެ ހިތަށް އެރީ އަސްލު ކިހިނެއްތޯ އަހާލާނަމޭ…" ޝައުފާ އެނދުގެ ފަޑީގައި ބުރަކަށި ޖައްސާލިއެވެ.

"ހާދަ ހިތްހެޔޮ އޯގާތެރި މަންޖެއެކޭދޯ…." ޝާމިންގެ ހުނުމުގެ އަޑުވެސް އެހާ ހިތްގައިމެވެ.

"ހިނގާ މާދަމާރޭ ދުއްވާލަން ދާން… ޝައުއަށް ދެވޭނެތަ….؟ ސައިކު ހިފައިގެން ހުޅުމާލެ ދާނީ… އެކޮޅުގައި ދުއްވާފައި އެއްޗެއް ކައިގެން ކޮފީއެއް ބޮއިގެން ބާރައިގެ ފެރީން މާލެ އަންނާނީ… ޕްލޭން ކަމުދޭތަ…؟" ޝާމިން ސުވާލުކޮށްލިއެވެ. "އެއްޗެއް އޮޅުން ފިލުވާލަން ޝައުއާ ބައްދަލުކޮށްލަން ޖެހިފައި އޮއްވައި ފުރުސަތެއް މިލިބުނީ…"

"އައްދެ… ޝާމިނަށް ނޭނގޭ އެއްޗެއް މަށަށް ކިހިނެއް އެނގޭނީ….؟! ލަދެއްގަ ބައްދާލުމުގެ ހިޔާލެއް އޮތީތަ…؟!" ޝައުފާ އަހާލިއެވެ.

"ތިފާޑެއް ނޫން… އެހެންނޫނަސް މަމީ މާއެނގޭތަ…؟!" ޝާމިން ހޭން ފެށިއެވެ.

"މަށަކަށް ނޭނގޭނެ ދީނީ ކަންތައްތަކެއް މާބޮޑަކަށް… ދޮންބެ ނިޔާވިތާ އަހަރެއް ވާން އުޅޭތީ އޭނަގެ ފުރާނައަށް އެއްވެސް ކަމެއް ކޮށްދެވެން އޮވޭތޯ އަހާލަން… ދެން މަށަށް ރޯދަ ހިފައި ނަމާދު ކުރެވޭނެތޯ….!؟ ރަމަޟާން މަސް އަންނަނީއެއްނު… މަށަށް ދުވާލު އެއްވެސް އެއްޗެއް ބޭނުން ނުކޮށް ނަމާދުކޮށްގެން ރޯދަ ވީއްލައިގެން އެކަން ކުރެވޭނެތާ… މިއީ ރައްޓެއްސަކު ދިން އައިޑިޔާއެއް… މިރޯދަމަހު ކޮންމެވެސް ވަރެއްގެ ހިތްވަރެއް ކޮށްލަން ކަމަށް"

“ޔާރައްބީ… ތައުބާ... ތައުބާ…" ޝައުފާ ހަރުކަށި ރާގެއްގައި އެހެނަސް އަޑުބާރު ކުރުމެއް ނެތި ވާހަކަ ދެއްކިއެވެ.

"ތީ ކޮން ވިޔާނުވާ ހިޔާލެއް ދިން ކޮން ރޯނުއެދުރަކު ދިން ބިދުއަ ހިޔާލެއްތަ… އެއޮތީ ގަވާއިދު ފޮތުގައި ލިޔެ ބަޔާންކޮށްދީފަ… މަސްތުވެފައި ހުރެ، ބުއްދިފިލައި ގޮސް ހުރެ ނަމާދާ ކައިރިނުވެވޭނެ… ރޯދައިގެ ޝަރުތު ހަމައެއް ނުވާނެއެއްނު… އެހެންނޫނަސް އަޅުކަން ބިނާވަނީ ނިޔަތަށް… އިއްނަލް އައްމާލަ ބިއްނިޔަތް… އެކަލާނގެ ބައްލަވާވޮޑިގެންވަނީ ނިޔަތަށް… ރޯދައަށް ދުވާލު ހަތަރުދަމު ނުކައިނުބޮއި މިހުންނަނީ ގައިގައި އަޅާ ވޭން ފިލުވަން އިރުއޮއްސުނީމަ އެކަންތައް ކުރުމަށް ނިޔަތް ލައިގެން އެކަމަށް ތައްޔާރުވެގެން އެކަމާ ވިސްނަވިސްނާ… ދެން ކިހިނެއް ކޮން ގޮތަކުން ކޮން ފޮތަކުން އެކުރި ނަމާދާއި އެހިފި ރޯދަ ސައްހަވާނީ… ސަހަރޯ… އަމިއްލަ އަމިއްލަ ގަވާއިދާއި ގޮތް ދީނަށް ހަދާލަން ބިރެއްވެސް ނުގަނެއޭދޯ…!!؟؟" ޝައުފާ ހަރު މީހެއް ހެން ވާހަކަ ދެއްކިއެވެ.

"އެންމެ ރަނގަޅު… މާދަމާރޭ މުދައްރިސާ ތި ފިލާވަޅު ރަނގަޅަށް ބުނެދޭން އެއްބަސްތަ…؟"

ޝައުފާ ފޯން ބޭއްވީ މާދަމާރޭ ޝާމިނާ އެކު ހުޅުމާލެއަށް ދިއުމަށް އެއްބަސްވެ ވައުދުވެފައެވެ. އުފާވެރި ހިނިތުންވުމަކާ އެކު ލޯމަރާލީ އޭނަގެ އާ ރަހުމަތްތެރިޔާއަށް އޮޅި ގެއްލިފައިވާ މަގުން އަނބުރާ ހެޔޮ މަގަށް އަމާންކަމާއި ސުލްހައިގެ މަގަށް ތައުބާގެ ދޮރުން ވަންނާނެ ކަމުގެ އުފާވެރި ފޮނި ހިޔާލުގެ ތެރޭގައި އޮއްވައި ފުން އަރާމް ނިދީގެ ތެރެއަށް އޭނާ ގެންދެވިއްޖެއެވެ. ފޮނި ހުވަފެންތަކުގެ ދަރުބާރަކަށެވެ.

(ނުނިމޭ)