ފުރަތަމަ ކާފަ ދަރިފުޅު ޕްރިންސް ޖޯޖަށް ހާއްސަކުރެވިފައިވާ ބަގީޗާއެއް ޝާހީ ގަނޑުވަރުގައި ހިމެނޭ ކަމުގައި ޕްރިންސް ޗާލްސް ވިދާޅުވެއްޖެ އެވެ.

ޕްރިންސް ޗާލްސް މިހެން ވިދާޅުވީ މޫސުމަށް ކުރާ ނޭދެވޭ އަސަރުތަކާއި އެކަމުން ޒުވާން ޖީލަށް ލިބޭ ގެއްލުންތަކާ ގުޅޭގޮތުން ބީބީސީއަށް ދެއްވި އިންޓަވިއުއެއްގެ ތެރެއިންނެވެ.

ޕްރިންސް ޗާލްސް ވިދާޅުވި ގޮތުގައި ބަލްމޮރަލް އެސްޓޭޓުގައި ހައްދާފައިވާ މި ބަގީޗާއަށް ދީފައިވާ ނަމަކީ ''ޕްރިންސް ޖޯޖުސް ވުޑް'' އެވެ. އެ ބަގީޗާ ހެއްދިގެން އައިގޮތުގެ ވާހަކަ ހިއްސާކުރައްވަމުން ޗާލްސް ވިދާޅުވީ ގަސް އިންދާނެ ހުސް ބިންކޮޅެއް އޮތުމުން އެތަނުގައި ގަސް އިންދަވަން ފެއްޓެވީ ކަމަށެވެ. އަދި ކަން ދިމާކުރިގޮތުން އެ މަސައްކަތް ފެށްޓެވި ދުވަސްވަރަކީ ފުރަތަމަ ކާފަ ދަރިކަލުން ޕްރިންސް ޖޯޖު ދުނިޔެއަށް އުފަންވެވަޑައިގެން ދުވަސްވަރު ކަމުން އެ ބަގީޗާ ޕްރިންސް ޖޯޖަށް ހާއްސަ ކުރައްވަން ނިންމެވީ ކަމަށެވެ. އަދި ޕްރިންސް ޖޯޖަށް ހާއްސަކުރެވިފައިވާ ބަގީޗާއެއް ޝާހީ ގަނޑުވަރުގައި ހެއްދިފައިވާތީ ޕްރިންސް ޖޯޖު ކޮންމެވެސް ދުވަހަކުން އެކަން ގަބޫލުފުޅުކުރައްވާނެ ކަމަށް އުއްމީދުކުރައްވާކަމުގައި ޗާލްސް ވިދާޅުވި އެވެ.

ޕްރިންސް ޗާލްސްއަށް މިހާރު ކާފަ ވިދާޅުވާ ފަސް ބޭފުޅުން ލިބިވައިޑައިގެންފައެވެ. ޕްރިންސް ޗާލްސްގެ ދޮށީ ދަރިކަލުން ޕްރިންސް ވިލިއަމް އަދި ވިލިއަމްގެ އަނބިކަނބަލުން ޕްރިންސެސް ކޭޓަށް ވަނީ ޕްރިންސް ޖޯޖު، ޕްރިންސެސް ޗާލޮޓް، ޕްރިންސް ލުއީ ލިބިވަޑައިގެންފައެވެ. ޕްރިންސް ޗާލްސްގެ ހަގު ދަރިކަލުން ޕްރިންސް ހެރީ އާއި އޭނާގެ އަނބިކަނބަލުން މެގަން މާކެލްއަށް ވަނީ އާޗީ ހެރިސަން މައުންޓްބެޓަން-ވިންޑްސާ އަދި ލިލިބެޓް ޑަޔާނާ މައުންޓްބެޓަން-ވިންޑްސާ ލިބިވަޑައިގެންފައެވެ.

ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތަކާއި އެކަމުން ކުރިއަށް އޮތް ޖީލުތަކަށް ލިބޭ ގެއްލުންތަކާމެދު ޒުވާނުންގެ މެދުގައި ހުރި ކަންބޮޑުވުންތައް ގަބޫލުކުރެއްވޭ ކަމުގައި ޕްރިންސް ޗާލްސް ބީބީސީއަށް ދެއްވި މި އިންޓަވިއުގައި ވިދާޅުވިއެވެ. ޕްރިންސް ޗާލްސްގެ ވާހަކައިގައި ވަނީ ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތައް ހުއްޓުވުމަށް ދުނިޔޭގެ ގައުމުތަކުން މާބޮޑު މަސައްކަތްތަކެއް ކުރާކަމަށް ޒުވާން ޖީލު ގަބޫލު ނުކުރާކަމަށާއި އެކަމުގެ ސަބަބުން ރުޅިވެރިކަން އުފެދިގެން އަންނަ ކަން ފާހަގަ ކުރައްވައިފައެވެ. ނަމަވެސް ބަދަލެއް ގެނެވޭނީ ނަފުރަތު އުފެދޭ ގޮތަށް ކަންކަން ކޮށްގެން ނޫންކަމުގައި ވެސް ޗާލްސް ފާހަގަ ކުރެއްވި އެވެ.