ޖަލުތަކުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ނޫނީ ވާނުވާ ޖަހާފައި ތިބޭ މީހުންގެ ޝަރީއަތް ލަސްވުމާއި އެމީހުންނަށް އެކަށީގެންވާ ބޭސް ފަރުވާ ނުލިބޭ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
އެ މައްސަލަ މަޖިލީހަށް ހުށަހެޅީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު އެވެ. މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް 47 މެންބަރުން ވޯޓު ދެއްވި އެވެ. ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.
މައްސަލަ ހުށަހަޅުއްވައިދެއްވަމުން ސިރާޖު ވިދާޅުވީ ޝަރީއަތް ނިމެންދެން އެތައް ބަޔަކު އަހަރުތަކެއް ވަންދެން ބަންދު ކޮށްފައި ތިބޭ ކަމަށެވެ. އޭގެ ތެރޭގައި އިބްތިދާއީ އަޑުއެހުން ނުފެށި ތިބޭ ފަރާތްތަކާއި ހެކި ބަސް ނެގުމުގެ މަރުހަލާގައި ތިބޭ ފަރާތްތަކާއި އަދި އަޑު އެހުންތައް ނިމިފައިވާ ފަރާތްތައް ވެސް ހިމެނޭ ކަމަށެވެ. ސިރާޖު ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި އިސްމާއީލް ޝަބީން ބޭސްފަރުވާއަށް އެދި ސަލާން ޖަހަފައިވާ ކަަން ދައުލަތުގެ ލިޔެކިޔުންތަކުން އެނގޭ ކަމަށެވެ. އެހެންކަމުން ބޭސްފަރުވާގެ ކަންކަން ޖަލުތަކުގައި ދަނީ ރަނގަޅަށް ނޫންކަން ސާފުވާ ކަމަށެވެ.
"މިކަމުން ދަލާލަތު ކޮށްދެނީ ޖަލުތަކުގައި އަދިވެސް ބޭސްފަރުވާގެ އިންތިޒާމުތައް އެންމެ ރަނގަޅަށް ހަމަޖެހިފައި ނުވާ ކަން،" ސިރާޖު ވިދާޅުވި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެދިގެން، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް މަރުވި ޝަބީން އަކީ ހަކުރު ބައްޔަށް ބޭސްކުރަމުން ދިޔަ މީހެކެވެ. އަދި ގައިންގަޔަށް ނާރާ ޓީބީ ބަލީގެ ވައްތަރަކަށް ވެސް ބޭސްކުރަމުން ދިޔަ މީހެކެވެ.
ޝަބީންގެ މަރާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމުން ވިދާޅުވެފައި ވަނީ، ގައިދީން ޑޮކްޓަރަށް ދެއްކުމުގެ ކަންކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި ބައެއް ގައިދީން އަހަރަކު 40 ފަހަރުވެސް ޑޮކްޓަަަރަށް ދައްކާފައިވާނެ ކަމަށެވެ. ޝަބީން ޑޮކްޓަރަށް ދެއްކިތޯ ބަލައި ކަށަވަރުކޮށްފައިވާ ކަމަށާއި އަދި ޑޮކްޓަރުގެ ލަފަޔާ އެއްގޮތަށް ކަންތައްތައް ކުރިކަން ކަށަވަރުވެފައިވާ ކަމަށާއި އެހެންކަމުން ޝަބީން މަރުވުމުގައި ކަރެކްޝަން ސާވިސްގެ އިހުމާލެއް ނޯންނާނެ ކަމަށް އިމްރާން ވިދާޅުވެފައި ވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު