އެންމެ ކުޑައިރުއްސުރެވެސް ޝައުގުވެރިކަން ހުރީ އިންޖިނިއަރިން ދާއިރާއަށެވެ. ސްކޫލުގައި އުޅުނު ދުވަސްވަރު އަމިއްލަ ބައިސްކަލަށް އެކި ކަހަލަ މޮޑިފިކޭޝަންތައް ގެނެސް، މަރާމާތުކުރުމުގެ ތެރޭގައި ދަސްވި، ކަންކަމުގެ ބޭނުން ހިފައި ފަހަރަކު ކަމެއް ތަޖުރިބާކުރަމުން އައިސް މިއަދު އެހުރީ އަމިއްލަ ވެހިކަލެއް އުފައްދައި އީޖާދީ ހަޔާތުގައި މުޅީން އާ ސޮފުހާއެއް ލިޔެލުމުގެ އުއްމީދުގަ އެވެ.
ލ. މާމެންދުއަށް އުފަން އުމުރުން 29 އަހަރުގެ ހުސައިން ނިހާން (ނެއްބެ) އަކީ އެރަށުގެ މީހުންނަށް ފަރިތަ މޫނެކެވެ. އިލެކްޓްރޯނިކް އެއްޗެއް ހަލާކު ވެއްޖެނަމަ އެންމެ ފުރަތަމަވެސް ދާނީ ނެއްބެގެ ކައިރިއަށެވެ. އެއީ ނެއްބެއަށް އޮންނަ އިތުބާރެއްގެ ބޮޑުކަމާއި މަސައްކަތަށް އޭނާ ބަހައްޓާ ޝައުގުވެރިކަމުގެ ބޮޑުކަމުންނެވެ.
"ވަރަށް ކުރީއްސުރެ މިކަހަަލަ މަސައްކަތް ކުރަމުން އަންނަނީ. ސްކޫލު ދައުރުން ފެށިގެންވެސް ކުރަން، ސީދާ އަހަރެއް ބުނާކަށް ނޭނގޭ. އެއިރު ގެންގުޅޭނީ ބައިސްކަލެއް. އޭގައި ލައިޓް ހަރުކޮށް މޮޑިފިކޭޝަން ގެނެސް އުޅުމުގެ ތެރޭގަ މިކަމަށް ޝައުގުވެރިކަން އުފެދިގެން މިކަމުގެ ތެރެއަށް ވަދެވުނީ." ނެއްބެ "ވަން" އަށް ބުންޏެވެ.
މާމެންދޫ ވޭސްޓް މެނޭޖުމެންޓް ސެންޓަރުގައި އަހަރެއް ވަންދެން ވަޒީފާ އަދާކުރުމަށް ފަހު ނެއްބެ މިހާރު ހުސްވެގެން ހުރީ އަމިއްލަ މަސައްކަތަށެވެ. މިހާރު އޭނާ އަކީ އޭސީ މަރާމާތުކުރުމާއި ހަރުކޮށްދިނުމާއި އެކިއެކި އިލެކްޓްރޯނިކް ސާމާނު މަރާމާތުކުރުމުގެ އިތުރުން ސައިކަލު މަރާމާތުކޮށްދީގެން ދިރިއުޅުމުގެ ހަރަދުތައް ފޫބައްދަމުން އަންނަ މުރާލި ޒުވާނެކެވެ.
އަބަދުވެސް ތަފާތު ކަމެއް ކުރުމުގެ ޝައުގުވެރިކަން ހުންނަ ނެއްބެއަށް، އަމިއްލަ ބެޓެރި ސައިކަލެއް އުފެއްދުމުގެ ވިސްނުން އައީ ހަލާކުވެފައި ހުރި ބެޓެރި ސައިކަލެއް އޭނާއަށް ލިބުނު ހިސާބުންނެވެ. ނެއްބެ ބޭނުންވީ އެ ސައިކަލުގެ ބައިތައް ބޭނުންކޮށްގެން އަމިއްލަ ޑިޒައިނަކަށް ސައިކަލެއް ނެރުމަށެވެ. އެ އަޒުމުގައި ރައްޓެއްސެއްގެ ބައިވެރިވުމާއެކު ސައިކަލް ހެދުމުގެ މަސައްކަތް ނެއްބެ ފަށައިގަތީ ސައިކަލު ހޯދުމަށް ބޭނުންވާ ތަކެތި އެކިތަންތަނުން ހޯދުމަށް ފަހުގައެވެ. މަސައްކަތް ފެށިތާ ގާތްގަނޑަކަށް ހަފުތާއެއްގެ ތެރޭގައި ނެއްބެ ވަނީ ސައިކަލު އެއްކޮށް ފުރިހަމަކޮށް ޓެސްޓު ރައުންޑް ޖަހާފައެވެ.
"ސައިކަލް ހެދުމަށް ބޭނުންކޮށްފަ ހުންނާނީ އަމިއްލަ އެއްޗެހި. ދެން މޮޓޯ ސައިކަލެއްގެ ބައިބައިވެސް ހުންނާނެ ބޭނުންކޮށްފަ.ބަގީއެއްގެ މީޓަރުތައްްވެސް. އެކި ތަންތަނުން އެކި އެއްޗެހި ހޯދައިގެން މަސައްކަތް ކުރީ. މައިގަނޑުވެސް އެއީ ހަމަ ދަގަނޑު ހޯދައިގެން އެ ވެލްޑިންކޮށްގެން އަމިއްލަ ޑިޒައިނަކަށް ހަދާފަ. ބެޓެރިވެސް އެއީ އަލުން އެސިޑް އަޅައިގެން ހަދާފަ." ނެއްބެ ބުންޏެވެ.
ތަކެތި ހޯދުމަށް ހުރި ދަތިތަކާއެކުވެސް ހަފުތާއެއްގެ ބުރަ މަސައްކަތުން ބެޓެރި ސައިކަލުގެ މަސައްކަތް ނެއްބެ ނިއްމާލައި ޓެސްޓު ރައުންޑް ޖެހިއިރު ބަރާބަރަށް އެ ސައިކަލު ދުވެއެވެ. ނެއްބެ ފާހަގަކުރި ގޮތުގައި އެ ސައިކަލަކީ ދުއްވާލަން ފަސޭހަ ސައިކަލެކެވެ.
ބެޓެރި ސައިކަލެއް އުފެއްދުމުގެ އިތުރުން ނެއްބެ ވަނީ ކަރަންޓު ކީހެއްގެ އައުޓްބޯޑް އިންޖީނެއްވެސް މީގެ ކުރިން ހަދާފައެވެ. އަދި ހަލާކުވެފައިވާ ބަގީއެއް އަމިއްލައަށް ޑިޒައިން ކޮށް މަރާމާތުކޮށްފައިވެސް ވެއެވެ.
ނެއްބެގެ މިހާރުގެ އަމާޒަކީ ރަށުގައި އަމިއްލަ ވޯކްޝޮޕެއް ހުޅުވައި ވިޔަފާރިއެއް ފެށުމެވެ. ނެއްބެ ގަބޫލުކުރާ ގޮތުގައި އެ ދާއިރާއަކީ ރަނގަޅު އާމްދަނީއެއް ލިބޭނެ ދާއިރާއެކެވެ. އަދި އެއީ ޝައުގުވެރިކަން ހުރެއްޖެ ނަމަ ކުރަން އުނދަގޫ މަސައްކަތެއް ނޫން ކަމަށް ނެއްބެ ބުނެއެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް