ޝާހްރުކްހާން އަދި ގޯރީހާންގެ ދޮށީ ފިރިހެން ދަރިފުޅު އާރްޔަން މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކޮށް މުމްބާއީގެ އާތަރު ޖަލުގައި އަންނަނީ ދުވަސްތައް ވެއަތުކުރަމުންނެވެ.

އާރްޔަންގެ ބަންދަށް ލުޔެއް ނުލިބި ޖަލުގައި ހޭދަކުރާތާ މިވަނީ ހަފުތާއަކަށްވުރެ ގިނަ ދުވަސް ވެފައެވެ. އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި އާރްޔަން ހައްޔަރު ކުރި ހަބަރާއެކު ޝާހްރުކާއި ގޯރީ އަށް ވަނީ ބޮޑެތި މައްސަލަތަކެއް ކުރިމަތި ވެފަ އެވެ. ކަފާލާތުގެ ދަށުން އާރްޔަން ދޫކުރަން ކޯޓުން ހުއްދަ ނުދިން ހިސާބުން ޝާހްރުކު އަންނަނީ ދަރިފުޅު މިނިވަން ކުރެވޭތޯ ކެނޑިނޭޅި މަސައްކަތް ކުރަމުން ކަމުގައި ހަބަރުތައް ބުނެއެވެ.

އާއިލާގެ ގާތް މީހަކު އިންޑިއާ ޓުޑޭ އަށް މައުލޫމާތު ދީފައިވާގޮތުގައި އާރްޔަންގެ ބަންދާއެކު ޝާހްރުކު ވަނީ ނިދިން މަހުރޫމު ވެފައެވެ. ލޮލުފިޔައެއްވެސް ޖަހައިނުލައި ދަރިފުޅު މިނިވަން ކުރެވޭތޯ ކުރެވެން ހުރި މަސައްކަތެއް އޭނާ އަންނަނީ ކުރަމުންކަމުގައި އެފަރާތުން ބުނެއެވެ. އޭނާ ހާމަކުރިގޮތުގައި އާރްޔަންގެ ބަންދުގެ މުއްދަތު އެހާ ދިގުވެގެންދާނެ ކަމަށް އެމީހުން އުއްމީދެއް ނުކުރެއެވެ. އަދި ހައްޔަރުން މިނިވަން ވީހާ އަވަހަކަށް އާރްްޔަންގެ ކުރިމަގު ބައްޓަން ކުރުމަށް މަޝްވަރާ ކުރުމަށް އާއިލާއިން ނިންމާފައިވާ ކަމުގައިވެސް އޭނާ ވަނީ ބުނެފައެވެ.

ޝާހްރުކަށް އަދި ގޯރީއަށް އާރްޔަން އާ ސީދާ ބައްދަލުކޮށް ވާހަކަ ދެއްކޭނެ ފުރުސަތެއް ލިބިފައި ނުވާ ކަމަށް އެފަރާތުން ވަނީ ބުނެފައެވެ.

''އެމީހުން ކޮންމެ ދުވަހަކުވެސް ގުޅައިގެން އާރްޔަންގެ ހާލު އޮޅުންފިލުވައި ހަދާ. އޭނާގެ ހާލަތާ ގުޅޭ މައުލޫމާތު ލިބުނު ނަމަވެސް ސީދާ އާރްޔަން އާ ވާހަކަ ދައްކާނެ ފުރުސަތެއް ނުލިބޭ.'' އިންޑިއާ ޓުޑޭއަށް މައުލޫމާތު ހިއްސާކުރި ފަރާތުން ބުނެފައިވެއެވެ. މީގެ އިތުރުން އާރްޔަން އަށް ގެއިން ކާބޯތަކެއްޗާއި އޭނާއަށް ބޭނުންވާނެ އެހެނިހެން ތަކެތި ފޯރުކޮށްދެވޭނެ ގޮތެއް ހޯދައިދިނުމަށްވެސް އާއިލާގެ ފަރާތުން އެދިފައިވާ ކަމަށް އޭނާ ބުންޏެވެ.

އާރްޔަންގެ ބަންދާ ގުޅިގެން ޝާހްރުކަށް ވަނީ މާލީ ގޮތުންވެސް ގެއްލުންތަކާ ކުރިމަތި ވާން ފަށައިފައެވެ. އެގޮތުން އޭނާ ބްރޭންޑު އެމްބެސެޑަރުކަން ކުރަމުން އަންނަ ބައެއް ވިޔަފާރިތަކުން އަންނަނީ ޝާހްރުކާއި އެކު މަސައްކަތްކުރުމަށް ދެކޮޅު ހަދަމުންނެވެ. ޝާހްރުކަށް ދިމާވެފައިވާ މި ދަތި ދަނޑިވަޅުގައި އިންޑަސްޓްރީގައި އޭނާއާ އެންމެ ގާތުން މަސައްކަތްކުރާ ބައެއް ތަރިން އަންނަނީ ޝާހުރުކަށް ހިތްވަރުދެމުންނެވެ. އާރްޔަން ހައްޔަރުކުރި ހަބަރާއެކު ކަރަން ޖޯހަރު އަދި ސަލްމާން ހާން ވަނީ ޝާހުރުކުގެ ގާތަށް ޒިޔާރަތްކޮށް އޭނާއަށް ހިތްވަރު ދީފަ އެވެ.

އާރްޔަން ހާން ކަފާލާތުގެ ދަށުން މިނިވަން ކުރުމާ ގުޅޭގޮތުން ބޭއްވޭ އިތުރު އަޑުއެހުމެއް މާދާމާއަށް ވަނީ މުމްބާއީ ކޯޓުގައި ތާވަލުކުރެވިފައެވެ.