ފަސް މަހަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގެންފި އެވެ.
ދުބާއީގައި އޮތް އެކްސްޕޯއެއްގައި ބައިވެރިވެ ވަޑައިގެންނެވުމަށް އެގައުމުގައި ހުންނެވުމަށްފަހު ރައީސް ނަޝީދު މިއަދު ރާއްޖެ ވަޑައިގެންނެވީ އެމިރޭޓްސްގެ ފްލައިޓެއްގަ އެވެ. އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
އަދި އެއާޕޯޓުގެ ވީއައިޕީ ލައުންޖުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާގެ އިތުރުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވަނީ ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެފައެވެ.
ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގެންނެވި ނަމަވެސް، ރާއްޖޭގައި ހޭދަކުރައްވަނީ ކިހާ ދުވަހެއް ކަމެއް ނުވަތަ އަލުން ރާއްޖެއިން ބޭރަށް ވަޑައިގަންނަވާނެ ކަމެއް އަދި ޔަގީނެއް ނޫނެވެ.
ރައީސް ނަޝީދު ރާއްޖެ މި ވަޑައިގެންފައި މިވަނީ އެމަނިކުފާނު އަވަހާރަކޮށްލަން މިއަހަރުގެ މެއި މަހު ދިން ބޮމުގެ ހަމަލާގައި ލިބިވަޑައިގެން ޒަހަމްތަކަށް ފަރުވާ ހޯއްދެއްވުމަށް މެއި މަހުގެ 13 ވަނަ ދުވަހު ރާއްޖެ ރާއްޖެ ދޫކޮށް ވަޑައިގެންނެވިތާ ފަސް މަސް ފަހުންނެވެ.
އެމަނިކުފާނު ވަނީ ޖަރުމަނާއި އިނގިރޭސި ވިލާތުންވެސް ފަރުވާ ހޯއްދަވައިފައެވެ. އަދި ރައީސް ނަޝީދު ހާލު މިހާރު ރަނގަޅު ކަމަށް އާއިލާ އިން ބުނެއެވެ.
ޚަބަރު
ޚަބަރު