ދުނިޔޭގެ ކަސްޓަމާ ސާވިސް ހަފުތާއާ ގުޅުވައިގެން އެމްޓީސީސީން މިއަހަރުގެ "ހިނިތުންވުމާއެކު" ކެމްޕެއިން އިފުތިތާހު ކޮށްފި އެވެ.
އެމްޓީސީސީން މިއަދު ބުނީ މި ކެމްޕެއިންގެ އެންމެ ބޮޑު މަގުސަދަކީ ކުންފުނީގެ މުއައްޒަފުންގެ މެދުގައި ކަސްޓަމަރ ސާވިސްގެ މުހިއްމުކަމާމެދު ހޭލުންތެރިކަން އިތުރު ކުރުމާއި އެ ކުންފުނިން ހިދުމަތް ލިބިގަންނަ އެންމެހައި ކަސްޓަމަރުންގެ ކަސްޓަމާ ތަޖުރިބާ މިހާރަށްވުރެ ރަނގަޅު ކުރުން ކަމަށެވެ. އަދި އެ ކުންފުނީގެ އުންމީދަކީ "ހިނިތުންވުމާއެކު" މި ކެމްޕެއިގެ ސަބަބުން އެމްޓީސީސީ އާއި ކަސްޓަމަރުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެ ކަސްޓަމަރުން ކުންފުންޏަށް ކުރާ އިތުބާރު ބޮޑުވެގެން ދިއުން ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
އެމްޓީސީސީގައި މިއަދު ބޭއްވި މި ރަސްމިއްޔާތު އިފްތިތާހުކޮށްދެއްވައި ވާހަކަ ދައްކަވަމުން ކުންފުނީގެ ޗީފް އޮޕްރޭޓިން އޮފިސަރު ޝާހިދު ހުސައިން މޫސާ ވިދާޅުވީ އެމްޓީސީސީއަކީ މިގައުމުގެ ތަފާތު އެކި ސިނާއަތްތަކުގައި ގިނަ ރައްޔިތުންތަކަކަށް ސީދާގޮތުން ހިދުމަތް ދެމުން އަންނަ ކުންފުންޏެއް ކަމަށާއި ކަސްޓަމަރުން ހިތްހަމަޖެހޭ ފަދަ ހިދުމަތެއް ދިނުމަށް ކުންފުނީގެ ކޮންމެ މުވައްޒަފަކުވެސް ގަދައަޅައި މަސައްކަތް ކުރަން ވާނެ ކަމަށެވެ. މި ކެމްޕެއިން ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމަށް ހުރިހާ މުވައްޒަފުންގެ ތަރުހީބާއި އެއްބާރުލުން ވަރަށް މުހިންމު ކަމަށާއި ހުރިހާ މުވައްޒަފުންގެ އެއްބާރުލުން މިކެމްޕެއިނަށް ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ގެސްޓް ސްޕީކާސްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ ކޯޕަރޭޓް ޓްރޭނިން އިންސްޓިޓިއުޓްގެ ފަރާތުން ޑރ. ހުސައިން ސަނީ އުމަރާއި މުހައްމަދު ޔަމާނީ އެވެ. އެބޭފުޅުންގެ ވާހަކައިގައި ކަސްޓަމަރުންނަށް ދޭ ހިދުމަތް ރަނގަޅު ކުރުމުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ.
"ހިނިތުންވުމާއެކު" ކެމްޕެއިން ފެށުމުގެ ގޮތުން އިއްޔެއިން ފެށިގެން މިމަހުގެ 28 ވަނަ ދުވަހާ ހަމަޔަށް ބަހާލައިގެން އެ ކުންފުނީގެ ކަސްޓަމަރުންނަށް ވަރަށް ހާއްސަ އެތައް ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓިސީސީން ވަނީ ބުނެފަ އެވެ.
ޚަބަރު
ޚަބަރު