ހދ. ކުޅުދުއްފުށިން މާލެ ދަތުރުކުރާ ބޯޓަކުން ކޮވިޑަށް ޕޮޒިޓިވް ވި މީހަކާ ކޮންޓެކްޓް ވި ގިނަ ބަޔަކު ޕޮޒިޓިވް ވެއްޖެ އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ދާއޫދު "ވަން" އަށް މިއަދު ވިދާޅުވީ އެރަށު ބަހާދުރު ބޯޓުން ދަތުރު ކުރި މީހަކު އަލާމާތްތައް ފެނިގެން ހެދި ޓެސްޓުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި މި ކޭހާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 12 މީހަކު މިހާތަނަށް ޕޮޒިޓިވް ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދާއޫދު ވިދާޅުވީ އެރަށުން އިއްޔެގެ ނިޔަލަށް ޖުމުލަ 13 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެހެން ނަމަވެސް މީގެ ތެރެއިން އެކަކީ ކަރަންޓީނުގައި ހުރި މީހެއް ކަމަށާއި އޭނާ ޕޮޒިޓިވް ވެފައިވަނީ ކަރަންޓީނުން ދޫކޮށްލުމަށް ހެދި ޓެސްޓުން ކަމަށް ވިދާޅުވި އެވެ.

މިހާތަނަށް ކުޅުދުއްފުށި މޮނިޓަރިން އަށް ލާފައި ނުވާއިރު އެޗްޕީއޭ އިން ކަނޑައަޅާފައިވާ އުސޫލު އޮންނަ ގޮތުން ރަށުތެރެއިން މީހަކު ޕޮޒިޓިވް ވެއްޖެ ނަމަ އެރަށެއް މޮނިޓަރިން އަށް ލާނެ އެވެ. އަދި ވެކްސިންގެ ޑޯޒް ފުރިހަމަކޮށްފައިވީ ނަމަވެސް ކަރަންޓީނު ނުކޮށް ހުރި ގެއަކުން ނުވަތަ ރަށުތެރެއިން މީހަކު ޕޮޒިޓިވް ވެ، އޭނާއާ ކޮންޓެކްޓް ވި އިތުރު މީހަކު ޕޮޒިޓިވް ވި ނަމަވެސް އެރަށެއް ކަރަންޓީނު ކުރާނެ ކަމަށް އުސޫލު ބުނެ އެވެ.

މިކަމާ ގުޅިގެން ދާއޫދު ވިދާޅުވީ ކުޅުދުއްފުށީގައި ވެކްސިންގެ ދެ ޑޯޒް މިހާރު 90 ޕަސެންޓް މީހުން ފުރިހަމަކޮށްފައިވާ ކަމަށާއި މޮނިޓަރިން އަށް ނުލައި އޮތީ އެކަމުގެ ސަބަބުން ކަމަށްވެސް ވެދާނެ ކަމަށެވެ. އަދި ކުޅުދުއްފުށްޓަކީ އެ އަތޮޅުގެ ގިނަ ރަށްތަކުން ބޭސް ފަރުވާ އާއި ވިޔަފާރީގެ ބޭނުމަށްވެސް އަންނަ ރަށަކަށްވެފައި އެރަށް މޮނިޓަރިން އަށް ލައިފިނަމަ ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ޓަކައި ކަމަށްވެސް ވެދާނެ ކަމަށެވެ.

"ސީދާ ނޭނގެ ކީއްވެ ކަމެއް މޮނިޓަރިން އަށް ނުލައި އޮތީ. ވެދާނެ ހަމަ މިރަށް (ކުޅުދުއްފުށްޓަށް) ގިނަ ބަޔަކު އެކި ބޭނުންތަކަށް، މިސާލަކަށް ބޭސްފަރުވާގެ ކަންކަމާއި ވިޔަފާރި އަށް އަންނަ ރަށަކަށްވާތީ ރައްޔިތުންނަށް ދަތިވެދާނެތީ ކަމަށްވެސް. އަނެއްކާ ވެކްސިން ދެ ޑޯޒް މިރަށުގެ މުޅި އާބާދީގެ ބޮޑުބައެއް މިއޮތީ ފުރިހަމަކޮށްފައި." އޭނާ ވިދާޅުވި އެވެ.

އާބާދީގައި 12،000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ކުޅުދުއްފުށިން މީގެ ކުރިންވެސް ބަލި ފެނި މިދިޔަ ޖުލައި މަހުގެ ތެރޭގައިވެސް މޮނިޓަރިން އަށް ލި އެވެ. އަދި މޮނިޓަރިން އުވާލާފައިވަނީ އޭގެ އެއްމަސް ދުވަސް ފަހުންނެވެ.

ހެލްތު މިނިސްޓްރީގެ ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ އުސްމާނު "ވަން" އަށް މިއަދު ވިދާޅުވީ މިހާރު އުސޫލު އޮންނަ ގޮތުން ރަށެއް މޮނިޓަރިން އަށް ލާނީ ޕޮޒިޓިވް ވި މީހާގެ ހަރަކާތާއި އޭނާގެ ފަރާތުން ޕޮޒިޓިވް ވާ މީހުންގެ އަދަދަށް ބެލުމަށްފަހުގައި ކަމަށެވެ. އަދި އެ މީހުންނަކީ ޕޮޒިޓިވް ވި މީހާއާ އެއްކޮށް އުޅުނު ބައެއްތޯވެސް ބަލާނެ ކަމަށް ވިދާޅުވި އެވެ.

ތަސްލީމާ ވިދާޅުވީ ރަށެއް މޮނިޓަރިން އަށް ލަނި ރައްޔިތުންނަށް އުދަނގޫވާނެތީ ވިސްނާފައި ނޫން ކަމަށާއި ނަމަވެސް އެއީ ރައްޔިތުންގެ ރައްކާތެރިކަމަށް ބަލާފައި އަޅާ ފިޔަވަޅެއް ކަމަށެވެ. އަދި ކުޅުދުއްފުށިން މިހާރު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންނަކީ ފުރަތަމަ ޕޮޒިޓިވް ވި މީހާއާ ކޮން ގުޅުމެއް އަދި ކިހާ ގާތްކޮށް އުޅުނު ބައެއްތޯ ބަލަމުން އަންނަ ކަމަށެވެ.