ދުނިޔޭގެ ގިނަ ހިސާބުތަކުގައި އަދިވެސް ޕީރިއަޑްގެ ވާހަކަތައް އާއްމުކޮށް ދައްކައި އުޅުމަށް އަންހެންކުދިން ފަސްޖެހެއެވެ. ހާއްސަކޮށް އިންޑިއާގައި މިމައުލޫއަކީ ''ހަޑި'' މައުލޫއެއް ގޮތުގައި ބެލެވޭތީ ފުރާވަރަށް އަޅަމުން އަންނަ ގިނަ އަންހެންކުދިންނަށް މައްސަރު ކަންތަކާ ގުޅޭ ގޮތުން އޮޅުންފިލުވަން ބޭނުން ވާ ގިނަ މައުލޫމާތުތައް ލިބުމުގައި ހުރަސް އެޅިގެން ދެއެވެ.

އިންޑިއާގެ އަހުމަދު އާބާދުގައި ދިރިއުޅެމުން އަންނަ 11 އަހަރުގެ އައިޝާ ގޯޔާލް އޭނާއާ އެކުގައި އުޅޭ ރަށްޓެހިންނަށް މި އުނދަގުލާ ކުރިމަތިވަމުން އަންނަކަން ފާހަގަކުރެވި، ފަސޭހައިން ބޭނުން ކުރެވޭ އެޕްލިކޭޝަނެއް އުފައްދަން ނިންމިއެވެ.

އައިޝާ އުފެއްދި ''ފްރީ ފްލޯ'' އެޕް އަކީ ޕީރިއަޑް ސައިކަލް ޓްރެކް ކުރުމަށާއި އެ އުމުރުގެ ކުދިންނަށް ޕީރިއަޑާ ގުޅޭ ގިނަ މައުލޫމާތުތަކެއް އެއްތަނަކުން ހޯދުމުގެ ބޭނުމުގައި އުފައްދާފައިވާ އެޕެއް ކަމުގައި އައިޝާ ބުނެއެވެ. މިކަހަލަ އެޕެއް އުފައްދަން ނިންމީ މިހާތަނަށް ފެންނަން ހުރި ގިނަ ޕީރިއަޑް އެޕްލިކޭޝަންތައް ފަރުމާކުރެވިފައިވަނީ ބޮޑެތި މީހުންނަށް ހާއްސަ ކުރެވިގެން ކަމަށްވާތީކަމަށްވެސް އައިޝާ ފާހަގަ ކުރެއެވެ. އައިޝާގެ މި އެޕް މެދުވެރިކޮށް ޕީރިއަޑް ދުވަސްތައް ޓްރެކުކުރުމާއި، އާއްމު ސުވާލު ތަކަށް ޖަވާބު ދިނުމަށް ޗެޓް ބޮޓެއްގެ އެހީ ލިބޭ ގޮތަށް ވަނީ ފަރުމާކުރެވިފައެވެ.

ވައިޓް ހެޓް ޖޫނިއާގައި މިކަމުގައި އައިޝާއަށް އެހީތެރިވެދިން އޭނާގެ މުދައްރިސް ޕަރްނާ މެހެތާ ބުނެފައިވާގޮތުގައި އައިޝާ ވަނީ އޭނާގެ ރަށްޓެހިންނަށް ކުރިމަތިވަމުންދާ އުނދަގޫތަކަށް ހައްލެއް ހޯދައިދިނުމުގެ ބޭނުމުގައި ގަދައަޅައި މަސައްކަތް ކޮށްފައެވެ. އަދި އައިޝާ އުފައްދާފައިވާ ފްރީ ފްލޯ އެޕް އަކީ އެ އުމުރުގެ ކުދިން ޝައުގުވެރިވާނެ އަދި ފަސޭހައިން ބޭނުންކުރެވޭގޮތަށް ތައްޔާރުކުރެވިފައިވާ އެޕްލިކޭޝަނެއް ކަމުގައި އޭނާ ބުނެއެވެ.

އައިޝާގެ މި އުފެއްދުމާ ގުޅިގެން އޭނާގެ މަންމަ ޝެލީޒާ ވެސް ދަރިފުޅަށް ޓަކައި ފަހުރުވެރިވެއެވެ. ޝެލީޒާ ބުނެފައިވަނީ ޕީރިއަޑް ކަންތަކުގައި މަޝްވަރާކުރުމަށް އެ ދެމައިންގެ މެދުގައި ހުރަހެއް ނޯވެއެވެ. ނަމަވެސް އިންޑިއާގައި ބޮޑުވަމުން އަންނަ ގިނަ ކުދިންނަށް އެ ނަސީބު ލިބިފައި ނުވާކަން އޭނާ ފާހަގަކުރެއެވެ.