އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ދިވެހި ދައުލަތުގެ އިއްޒަތް ހައްގު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝާހިދަށް ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބު އެރުވީ ޖުމްހޫރީ މައިދާނުގައި މިހާރު ކުރިއަށްދާ ގައުމީ ދުވަހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެކަމާ ގުޅިގެން ޝާހިދަށް މަރުހަބާ ވިދާޅުވެ ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޝާހިދު ރާއްޖެއަށް ހޯއްދަވައި ދެއްވި ޝަރަފަކީ، އެމަނިކުފާނަށް ދިވެހި ދައުލަތުގެ އިއްޒަތް ހައްގުވާ ޝަރަފެއް ކަމަށެވެ.

ނިޝާނުގެ އިއްޒަތަކީ އެމީހެއްގެ ގައުމީ ހިދުމަތް ފާހަގަކުރުމުގެ ގޮތުން ނުވަތަ ބައިނަލްއަގްވާމީ ހިދުމަތް ވަޒަންކުރުމުގެ ގޮތުން ދައުލަތުގެ ފަރާތުން އަރުވާ އިއްޒަތެކެވެ. ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން (ނ.އ.އ.ވ) ނިސްބަތްކުރެވެނީ އައްސުލްތާނުލް ޣާޒީ ހަސަން އިއްޒުއްދީން، ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުންނަށެވެ. އެ ސުލްތާންއަކީ މިނިސްޓަރު ޝާހިދުގެ ހަވަަނަ ކާފާފުޅެވެ.

އދ.ގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް ކަމަށް ޝާހިދު އިންތިހާބުވެވަޑައިގަތުމަކީ ރާއްޖޭގެ ތާރީހުގައި އދ.ގެ ރިޔާސަތު ބަލަހައްޓަން ރާއްޖެ ހޮވުނު ފުރަތަމަ ފަހަރެވެ.