އާންމުންނަށް ހުޅުވާލައިގެން ބާއްވާ ރޭސިން އިވެންޓް، މޮޓޯހާނާ 2021 މިއަދު ހުޅުމާލޭގައި އޮންނާނެއެވެ.

ހުޅުމާލޭ ފޭސް ދޭއްގެ ރޭސް ޓްރެކުގައި މިއަދު ބާއްވަން ހަމަޖެހިފައިވާ ރޭސިން އިވެންޓަކީ އާންމުންނަށް ހުޅުވާލެވިގެން ކުރިއަށް ގެންދާ ބޮޑު ރޭސިން އިވެންޓެކެވެ. ރޭސިންނަށް ޝުއުގުވެރިކަން ހުރެ، ރޭސް ޖެހުމުގެ ކުޅަދާނަކަން ހުރި ކޮންމެ މީހަކަށް މިއަދުގެ އިވެންޓުގައި ބައިވެރިވެ ފެންވަރު ދައްކާލެވިދާނެއެވެ. މިއަދުގެ އިވެންޓުގައި ބައިވެރިވުމަށް ރޭސް ކާރެއް ނޫނީ ރޭސް ޖެހުމަށް ހާއްސަ ސައިކަލެއް ބޭނުމެއް ނުވާނެއެވެ. އެމީހެއްގެ އަމިއްލަ ވެހިކަލުގައި އިވެންޓުގައި ރޭސް ޖެހޭނެއެވެ.

މިއަދު މެންދުރުފަހު 2:30 އިން ހަވީރު 6:00 އަށް އިވެންޓު ކުރިއަށް ގެންދަން ރޭސިން އެސޯސިއޭޝަން އޮފް ދި މޯލްޑިވްސް އިން ނިންމާފައިވާ އިރު، ބައިވެރިކުރާ ވެހިކަލްތަކުގައި ބްރޭކް، އަދި ޓަޔަރުގެ ކޮލިޓީ ޗެކު ކުރެވޭނެއެވެ. ރައްކާތެރިކަމުގެ ގޮތުންވެސް ހާއްސަ ސްޓޭންޑަޑުތަކެއް ރޭސް އޯގަނަައިޒް ކުރާ ފަރާތުން ކަނޑައަޅާފައިވާ އިރު، ސޭފްޓީ ގާޑުތައް އެތަނުންވެސް ފޯރުކޮށްދޭނެއެވެ.

ރޭސިން އެސޯސިއޭޝަނުން ބުނީ، މި ރޭސްގެ މައިގަނޑު ބޭނުމަކީ ފާޑުފާޑަށް މޮޅަށް ދުއްވާ ދުއްވުންތެރިން ހޯދުން ނޫން ކަމަށާއި ރޭސިންގެ ޕްރޮފެޝަނަލް ހުނަރު ދައްކާލުން ކަމަށެވެ.

ރޭސިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އަކީ ޔޫތު މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ކުޅިވަރު ޖަމިއްޔާއެކެވެ. ޖަމިއްޔާގެ މައިގަނޑު މަސައްކަތަކީ ރޭސިންއަކީ ސްޕޯޓްސްއެއްގެ ގޮތުގައި ކުރިއެރުވުމާއި ރޭސިންއަކީ ސްޕޯޓެއްގެ ގޮތުގައި ގިނަ ބަޔަކު ބަލައިގަންނާނެ ޕްލެޓްފޯމްތަކެއް ގާއިމުކުރުމެވެ. ހާއްސަކޮށް ރޭސިންއަކީ ކުޅިވަރެއްގެ ގޮތުގައި މީހުންނަށް ދައްކައިދީ، ރޭސިންގެ ކުޅިވަރު ކުރިއެރުމަށް މަގުފަހިވާނެ ކަންކަން ކުރުންވެސް އެ ޖަމިއްޔާގެ މަގުސަދުތަކުގައި ހިމެނެއެވެ.