ބޮޑުތަކުރުފާނު ކުރެއްވި ގައުމީ ޖިހާދު ދައްކުވައިދޭ ގޮތަށް ފިލްމެއް ހެދުމަށް ނިންމައިފިއެވެ.
މި ފިލްމުގެ މަސައްކަތް ފެށުން އިފުތިތާހުކޮށްދެއްވީ ގައުމީ ދުވަހުގެ މުނާސަބަތުގައި އުތީމުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއެވެ.
ރަސްމިއްޔާތުގައި މިނިސްޓަރު އިމްރާން ވިދާޅުވީ ފިލްމުގެ މަސައްކަތް ނިންމައި އަންނަ އަހަރުގެ ގައުމީ ދުވަހު އާންމުންނާ ހަމައަށް ފިލްމު ގެނެސްދިނުމަކީ އަމާޒެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މި ފަދަ ފިލްމެއް ގެނެސްދެނީ އުތީމު ބޮޑުތަކުރުފާނު ކުރެއްވި މަތިވެރި ޖިހާދާއި ގުރުބާނީތައް ޒަމާނުގެ ވިސްނުންތަކާ އެއްގޮތަށް، ޒަމާނުގެ ލޯތަކަށާއި ޅަދަރިންނާ ހަމައަށް ގެނެސްދިނުމަށް ކަމަށެވެ.
ބޮޑުތަކުރުފާނުގެ ގައުމީ ޖިހާދާ ގުޅޭގޮތުން ލިޔެފައިވާ "ބޮޑުތަކުރުފާނު ވާހަކަ" ފަސް ފަހަރު ވިދާޅުވިކަން ފާހަގަކުރައްވައި މިނިސްޓަރު އިމްރާން ވިދާޅުވީ ބޮޑުތަކުރުފާނުގެ ގައުމީ ޖިހާދުގެ އިހްސާސް، އެ ފޮތް ކިޔާ ކޮންމެ ފަހަރަކުވެސް ކުރެވޭ ކަމަށެވެ.
ބޮޑުތަކުރުފާނުގެ ގައުމީ ޖިހާދުން ރަމްޒުކޮށްދެނީ ގައުމަށްޓަކައި ގުރުބާންވާންޖެހޭ ވަގުތުގައި އެކަން ކުރުމުގެ މުހިއްމު ކަމާއި އެކަމުން ލިއްބައިދޭ އިބުރަތްތައް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
"އޭގެ ކޮންމެ ހާދިސާއަކީ އޭގެ މައްޗަށް ފުންކޮށް ނަޒަރުހިންގައި ވިސްނާލާއިރު އޭގެއިން ބޮޑެތިވެގެންވާ އިބުރަތްތަކެއް ލިބެނިވި, ދީނާއި ގައުމަށްޓަކައި އަމިއްލައަށް ގުރުބާންވާންޖެހޭ ކަމުގެ ފުރިހަމަ އިހުސާސްތައް ރަމްޒުކޮށްދޭ ކިތަންމެ މިސާލެއް،" މިނިސްޓަރު ވިދާޅުވިއެވެ.
ބޮޑުތަކުރުފާނުގެ ގައުމީ ޖިހާދާ ގުޅޭގޮތުން ހަދާ ފިލްމުގެ ޑައިރެކްޓަރަކީ އޮފީސްތަކުގެ ޑްރާމާތައް ޑައިރެކްޓް ކޮށްގެން ދިވެހިންގެ މަގުބޫލުކަން ހޯދައިފައިވާ އަޝްހަރު ވަހީދެވެ.
ޚަބަރު
ޚަބަރު
ޚަބަރު