މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އަކީ މިންތީގެ ހަމަހަމަކަން ގާއިމުކޮށްފައިވާ ސިޔާސީ ޕާޓީއެއް ކަމަށް އެޕާޓީގެ ރައީސް ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.
އެމްއާރްއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފާރިސް ވިދާޅުވީ އެމްއާރްއެމުން މަސައްކަތް ކުރާނީ އެޕާޓީގެ ޒައީމް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިރުޝާދާއެކު އިސްލާމީ ރިވެތި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށެވެ.
ގައުމުގެ ހުރިހާ ކަމެއްގައިވެސް އަންހެނުންގެ ބައިވެރިވުން އޮންނަން ޖެހޭކަން ފާހަގަކުރައްވައި ފާރިސް ވިދާޅުވީ އެމްއާރްއެމަކީ ޒުވާނުންގެ ބައިވެރިވުން އޮތް އަދި އަންހެނުންގެ ބައިވެރިވުން ބޮޑު ޕާޓީއެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ލީޑަޝިޕްގެ 50 ޕަސަންޓަކީ އަންހެން ބޭފުޅުން، ލީޑަޝިޕްގެ 35 ޕަސަންޓަކީ ޒުވާނުން. އަޅުގަނޑުމެންގެ ކޮމިޓީތަކުގައިވެސް އަންހެނުންގެ 50 ޕަސަންޓް ހިއްސާ އޮންނާނެ" ފާރިސް ވިދާޅުވިއެވެ.
ފާރިސް އިތުރަށް ވިދާޅުވީ އެހެން ޕާޓީތަކާ ހިލާފަށް އެމްއާރްއެމްގެ އެންމެ އިސް ދެ މަގާމުކަމުގައިވާ ޒައީމްގެ މަގާމާއި ރައީސްގެ މަގާމަށްވެސް އޮތީ އަންހެނުންނަށް ވާދަކުރެވޭ ގޮތަށް ކަމަށެވެ.
އެމްއާރްއެމްގެ ފުރަތަމަ ކޮންގްރެސް މިމަހުގެ ދެވަނަ ދުވަހު ބާއްވާފައިވާއިރު، ޕާޓީގެ އިސް މަގާމުތަކަށް ގިނައިން އިންތިހާބުކޮށްފައި ވަނީ އަންހެނުންނެވެ.
އެމްއާރްއެމްއަކީ ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ހިއްސާދާރެވެ.
ޚަބަރު
ޚަބަރު
ޚަބަރު