ޚަބަރު

ނޫސްވެރިންގެ އެވޯޑް ދޭ ގޮތާ މެދު ހިތްހަމަ ނުޖެހިގެން 20 ނޫސްވެރިޔަކު ކޯޓަށް

އަލީ ޔާމިން

އަންނަ ހޯމަ ދުވަހު ދުވަހުގެ ރޭ ބާއްވަން ހަމަޖެހިފައިވާ ނޫސްވެރިކަމުގެ އިނާމާ ގުޅޭ މައްސަލައެއް، 20 ނޫސްވެރިއެއްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.

މިއަހަރުގެ ނޫސްވެރިކަމުގެ އިނާމު ދެނީ މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގައި އާންމުކޮށްފައިވާ އުސޫލާ ހިލާފަށް ކަމަށް ބުނެ، ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލި ދިހަ މީޑިއާގެ ތެރެއިން ހަތް މީޑިއާއަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް މޯލްޑިވްސް މީޑިއާ ކައުންސިލަށް ޕެޓިޝަނެއް ހުށަހަޅައިފައެވެ. ނަމަވެސް މީޑިއާ ކައުންސިލުން ނިންމީ މިހާރުވެސް އޮތް ގޮތަށް ނޫސްވެރިކަމުގެ އިނާމު ދިނުމަށެވެ.

މީޑިއާތަކުގެ މައިގަނޑު ކަންބޮޑުވުމަކީ އޮންލައިން މީޑިއާތަކުގެ ނޫސްވެރިންނަށް ވަކި ޕެނަލަކުން މާކްސް ދީފައި، ބްރޯޑްކާސްޓިން މީޑިއާތަކުގެ ނޫސްވެރިންނަށް ވަކި ޕެނަލަކުން މާކްސް ދިނުމަށްފަހު، އެ ދެބައި އެއްކޮށްލައިގެން އިނާމު ދިނުމަށް ނިންމާފައި ވުމެވެ. އެކަމަށް ވަކި ފަނޑިޔާރުންގެ ދެޕެނަލެއް ނަގަން އުސޫލު ޖާގަ ނުދޭކަމަށްވެސް މީޑިއާތަކުން ބުނެފައިވެއެވެ.

އެހެންވެ ބައެއް ނޫސްވެރިންގެ ފަރާތުން އެ މައްސަލަ ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފައެވެ. އެ މައްސަލަަ ނޫސްވެރިންގެ ފަރާތުން ހުށަހެޅީ ޝުނާނާ އެންޑް ކޯ ލޯ ފާމްގެ ފަރާތުންނެވެ.

އެ ލޯފާމުން ނެރުނު ބަޔާނުގައި ބުނީ، 2020 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އިނާމަށް ނޫސްވެރިން ހޮވުމުގައި ގާނޫނުތަކާއި އުސޫލުތަކާ ހިލާފަށް މީޑިއާ ކައުންސިލުން އަމަލުކޮށްފައިވާތީ، 20 ނޫސްވެރިއެއްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

މީޑިއާ ކައުންސިލްގެ އުސޫލު ބުނާގޮތުން، މި އަހަރު 12 ދާއިރާއަކުން އެވޯޑު ދޭނެއެވެ. މި އެވޯޑް ބާއްވާތާ އެތައް އަހަރެއް ވެފައިވާ އިރު މީގެ ކުރިން ނޫސްވެރިން ދުވަހަކު ވެސް އެވޯޑާ ގުޅޭ މައްސަލައެއް ކޯޓަށް ހުށަހަޅައި އިހުތިޖާޖުކޮށްފައެއް ނުވެ އެވެ.

މި މައްސަލަ ކޯޓަށް ހުށަހަޅާފައިވާއިރު، އެ ހަފުލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެ ބައިވެރިވަޑައިގަތުމަކީ ނޫސްވެރިން ކަންބޮޑުވާ ކަމެއް ކަމަށް ބުނެ މިއަދު އެ މަނިކުފާނަށް ވަނީ ސިޓީއެއް ފޮނުވައިފައެވެ. ރައީސަށް ފޮނުވި ސިޓީގައި 75 ނޫސްވެރިއަކު ވަނީ ސޮއި ކޮށްފައެވެ.