ޔުއާނާއާ ވަކިވާން ޖެހޭނެ ދުވަހެއް ވަގުތެއް އުމުރުގެ އެއްވެސް ހިސާބެއްގައި އަތުވެދާނެކަމަކަށް ފަހަރެއްގައިވެސް ޝާމިން ހީކޮށްފައެއް ނެތެވެ. ހަމައެހެންމެ ޔުއާނާވެސް އެފަދަ ކަމަކާ ދުވަހެއްގައިވެސް ކުރިމަތިލާން ޖެހިދާނެ ކަމަކަށް އެއްވެސް ގޮތެއްގައި ހިއެއް ނުކުރެއެވެ.
"އަސްލު މަންމަމެން ޝާމިންދެކެ ރުޅިއެއް ނާދެއޭ... ވާގޮތަކީ ސްކޫލުގައި އުޅޭތީ ކަމެއް ދިމާވެދާނެކަމަށް ހީކޮށް ކަންބޮޑު ވަނީ... ބޮޑުނުވެއޭ ބުނަނީ... އަށާރަ އަހަރުވާން އަދި ހައެއްކަ މަސް އެބައޮތް... އޭރުން އާނާއަށް ހުއްދަ އޮންނާނެ މެރީ ކުރަންވެސް..."
އާންމުކޮށް ރޭގަނޑު އަށެއް ޖެހުމުން ޓިއުޝަން ކްލާސް ފެށޭނެއެވެ. ޓިއުޝަން ގަޑީގައި ދޭ ފިލާވަޅު ވަރަށް އަވަހަށް ރަނގަޅަށް ނިންމާލުމަށްފަހު ޔުއާނާ ގެއަށް ދިޔުމުގެ ހުއްދައަށް މުދައްރިސް ކުރެން އަހާލައެވެ. ގޭގެ ފޯން ލައިނަށް ގުޅިޔަސް އެގަޑީގައި ނުގުޅޭނެކަން އެނގޭނީ އޭނާއަށްތާއެވެ. ގޭގެ ފޯންލައިންގެ ޖެކް ހުންނާނީ ލުއްސާލާފައެވެ. ވަރަށް ކައިރިއަށް ގޮސް ބަލާލައިގެން ނޫނީ އެކަމެއް ނޭނގޭނެއެވެ.
ކުރީގައި މުދައްރިސް ބައެއްފަހަރު ގެއަށް ގުޅަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އެއް ރެއަކު ޔުއާނާގެ މަންމަ ޓިއުޝަން ކްލާސް މުދައްރިސަށް ގުޅާފައި ކްލާހުގެ ދޮޅުގަޑިއިރު ހަމަނުވަނީސް ކްލާސް ފެށިގެން ބައިގަޑިއިރު ވުމުން ޔުއާނާ ގެއަށް ފޮނުވައި ދިނުމަށް އެދުނު ފަހުން އިތުރަށް ގެއަށް ގުޅުމުގެ ތަކުލީފު ނުއުފުލާ މުދައްރިސް ޔުއާނާ ގެއަށް ފޮނުވާލައެވެ.
އެހެންކަމުން އަށްގަޑިބައިން ފެށިގެން ނުވަގަޑި ފަންސަވީސް ވަންދެން ޔުއާނާ ހޭދަ ކުރަނީ ޝާމިން އާއިއެކުގައެވެ. ބަރާބަރު ނުވަގަޑި ބައިވާއިރު ޔުއާނާ ހުންނަނީ ގޭދޮރާށި ކުރިމަތީގައެވެ. އެހެންކަމުން ޔުއާނާގެ އާއިލާގެ އެއްވެސް މީހަކަށް ރޭގަނޑު ގަޑިއެއްހާ އިރުވަންދެން ޔުއާނާ ޝާމިން ގާތު ހޭދަ ކުރާކަމެއް އެނގިފައެއް ނެތެވެ.
މިރެއަކީވެސް އެފަދަ ރެއެކެވެ.
ލޮނުޒިޔާރަތްކޮޅު ތޮށިގަޑު މަތީގައި އިން ޝާމިންގެ ކޮނޑާއި ކޮނޑު ޖެހޭހާ ގާތުގައި އިން ޔުއާނާގެ އެވާހަކައަށް ޝާމިނަށް ހީނގަނެވުނެވެ.
"އޮހްހޯ... އަށާރަ އަހަރު ވުމުން ވަރަށް ބޮޑުވީތާ..."
ކިތަންމެ މަޖާވެފައި ވާހަކަ ދެއްކި ނަމަވެސް ޝާމިން އިނީ ކޮންމެވެސް ކަމަކާ ކަންބޮޑުވެފައެވެ. އިރުއޮއްސެމުން ދަނިކޮށް ބައްޕަ ގެއަށް ދުރުވެ މަންމައާ ދެއްކެވި ވާހަކަ އިވުނީއްސުރެ އޭނާގެ ހިތާއި ސިކުނޑީގައި ވަނީ ހައިޖާނު ހެދިފައެވެ.
ކިތަންމެ ދެކޮޅު ހެދިޔަސް އެކަން ނުކޮށް ސަލާމަތެއް ނުވެވޭނެއެވެ. އަމުދުން ބައްޕައާ ދެކޮޅު ހެދުމަކީ އޭނާއަށް ކުރެވޭނެ ކަމެއް ނޫނެވެ. ހަމަ އެހެންމެ ޔުއާނާއާ ވަކިވުމަކީވެސް ކުރެވޭނެ ކަމެއް ނޫނެވެ. ހަތަރު އުދަރެސް ފެނު ޖެހިފައި ހުރި މީހެއް ފަދައިން ޝާމިން ޔުއާނާގެ މޫނަށް ބަލައިލިއެވެ.
"އައްދެ... އުފާވާ ކަހަލަ ވާހަކައެއް ދެއްކުމުންވެސް ތިއިންނަނީ މާކަނައެއްހެން ތުން ދިގުކޮށްގެނެއްނު... އަޅެ ކިހިނެއްވެފައި މިރޭ ތިއިންނަނީ... އާނާދެކެ ހިތްހަމަ ނުޖެހިފަތަ..." ޔުއާނާ ދެރަވެލާފައި ޝާމިންގެ ޓީޝާޓްގެ ކަނުގައި ހިފާ ދަމާލިއެވެ.
"ޔުނާދެކެ ޝާމިން ދުވަހަކުވެސް ރުޅިއެއް ނާންނާނެ.. ފޫއްސެއް ނުވާނެ... އެއަށްވުރެ މާބޮޑަށް ލޯބިވެއޭ... އެކަމަކު ބައެއް ކަހަލަ ކަންތައް ކުރަން ޖެހޭތީ ވިސްނާލީ..." ޔުއާނާގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން ޝާމިން ވާހަކަ ދެއްކިއެވެ.
"ބައެއް ކަހަލަ ކޮންކަންތަކެއް... ކީކޭ ކިޔަން ތިއުޅެނީ..." ޔުއާނާ ދެލޯ ބޮޑުކޮށްލިއެވެ. "އާނާ ކަންބޮޑުވޭ.... ޕްލީސް... އެނގޭ ގޮތަށް ކިޔާބަލަ..."
"ބައްޕަ އަހަރެން ލަންކާއަށް ފޮނުވަން ނިންމައިފި... އަންނަ ހަފުތާގައި މަންމަ އާއި ބައްޕަ އަދި ކޮއްކޮމެން ވެސް ގޮވައިގެން... ލަންކާއަށް ފުރަނީ..." ހީވީ ޔުއާނާގެ ގަޔަށް އެއްޗެއް ކަށި ޖެހިހެނެވެ. ފުންމައިގަތުމަކާއެކު ޝާމިނާ ދުރަށް ޖެހިލިއެވެ.
"ދާހިތެއް ނުވޭ.... ބޭނުމެއް ވެސް ނޫން... އެކަމަކު އެއްވެސް އެހެން ގޮތެއް ނެތް.." ދުރަށް ޖެހިލި ޔުއާނާގެ އަތުގައި ހިފާ ގާތަށް ޖައްސަމުން ޝާމިން ވާހަކަދެއްކިއެވެ.
"އަހަރެން ނެތަސް ބަސް އަހައިގެން މޮޅުވާތި.... އެނގެއެއްނު މުޅި ސްކޫލުގައިވެސް ޓިއުޝަން ކްލާހުގައިވެސް ޔުނާއަކީ އެއްވަނަ... ކިޔެވުމުންވެސް... ރީތިކަމަށްވެސް... ހުރިހާ ފިރިހެން ކުދިން އެތިބެނީ ފާރައަށް... ޔުނާ ފްރީވޭތޯ އެދިއެދި... ހުވަފެން ބަލަބަލާ..."
"އަހަރެން ފުރައިގެން ދިއުމުން ޔުނާއަށް ސަލާމްތައް އަންނަން ފަށާނެކަން ޔަގީން.... އެހެންވީމަ... އެވަރު ދަންނާތި.... ފޯން ކުރާނަން.... ކޮމްޕިއުޓާ ހުރެއެއްނު.... މެއިލް އެޑެއް ހަދާފައި ދޭނަން... އެއެޑުން މެއިލްކޮށް ބޭނުން ކޮންމެ ގަޑިއަކު ބޭނުން ކޮންމެ ވާހަކައެއް ދެއްކޭނެ... އެންމެ ގިނަވެގެންވެސް ވާނީ އެއް އަހަރު... އަހަރެން އެނބުރި އަންނާނަން.... ހަމަސް ތެރޭ ސެމިސްޓާ ބްރޭކަށްވެސް އަންނާނަން.. އޭރުން ޔުނާއަށް އަށާރަ އަހަރުވެސް ވެދާނެދޯ..." ޝާމިން ޔުއާނާގެ އިނގިލިތަކާ ކުޅެމުން ވާހަކަ ދެއްކިއެވެ.
"ޔުނާގެ މަންމަމެން ޔުނާއަށް އަށާރަ ވާއިރަށް އެންގޭޖް ކުރުވަފާނެ... އެހެން ނަހަދައްޗޭ... ޝާމިން އަސްލުވެސް މޮޔަވެދާނެ.... އެނޫނީ މަރުވެސް ވެ.." ޝާމިންގެ ޖުމްލަ މެދުކަޑާލަން ޖެހުނީ ޔުއާނާގެ އިނގިލިތަކުން އޭނާގެ ތުންފަތުގައި ޖައްސާލުމުންނެވެ.
"ޔުނާ ކިހިނެއް ޝާނާއި ނުލާ އުޅޭނީ... މިއީ ޝާންގެ ޔުނާއޭ... މަންމަމެންގެ ހުންނާނީ އާނާއެއް... ޝާންގެ ހުންނާނީ ޔުނާއެއް... ޔުނާގެ ހުންނާނީ ޝާންއެއް... ޝާމިން ލަންކާއަށް ދިޔަޔަސް ޔުނާގެ ޝާން އަބަދުވެސް ކޮންމެ ތާކުވެސް ހުންނާނީ ޔުނާއަށްޓަކައި... ޔުނާގެ މީހެއްގެ ގޮތުގައި..." އޭރު ޔުއާނާގެ އަޑު ހުރީ ކުރެހިފައެވެ. ވަރަށް ހިތްވަރުކޮށްގެން ހުރުމާއިއެކުވެސް ޔުއާނާއަށް ރޮވުނީއެވެ.
"އަޅޭ... މަގޭ ކުޑަކުޑަ ލޯބި ޕްރިންސަސް.... ދެރަނުވޭ... ޝާންވެސް ޝާމިން ވެސް.... ހަމައެކަނި ޔުނާގެ.. އާނާގެ.. ޔުއާނާގެ.... ޔުނާ ޝާނާއި ވަކިވާނީ... އެހެނެއް ނުވާނެދޯ... ޝާމިން ޕްރޮމިސް މިކުރަނީ... ދުވަހެއްގައިވެސް ޔުނާ ދޫކޮށްނުލާނަން.... މަރުވަން ދެންވެސް ހުންނާނީ ހަމަ އެކަނި ޔުނާގެ މީހެއްގެ ގޮތުގައި..." ޔުއާނާގެ ފެންކަޅިވެފައިވާ ލޮލުގައި ތުންފަތް ޖައްސާލަމުން ޝާމިން ވައުދުވިއެވެ.
ޝާމިން ފުރައިގެން ދިޔައީ އޭނާގެ ހިތާއި އެހިތުގެ އުފާވެރިކަމާއި ހަމަޖެހުން ޔުއާނާއާ ހަވާލުކޮށްފައެވެ.
ލަންކާގައި ހޭދަވި ކޮންމެ ދުވަހަކީ އެތައް ވާހަކައެއް މެއިލް މެދުވެރިކޮށް ޔުއާނާއާ ދެމެދުގައި ދެއްކުމުގެ ތެރެއިން އެދެމެދުގައި އޮތް ގުޅުން ތަރައްގީ ވަމުން ދިޔަ ދުވަހެކެވެ. ހަމަސް ދުވަހަށްފަހު މާލެ އައިސް ޔުއާނާއާ ބައްދަލުކުރުމުން ޝާމިނަށް ފެނުނީ އޭނާއަށްޓަކައި ވަފާތެރިކަމާއެކު އިންތިޒާރު ކޮށްގެން ހުރި ރީތި ތެދުވެރި އަންހެންކުއްޖެކެވެ.
އެއީ ހާއްސަ އެތައް ކަމެއް ދިމާވި ދެހަފުތާއެކެވެ. ޔުއާނާ، ޝާމިނާ އެކުގައި ވަގުތު ހޭދަކުރީ އެއްވެސް މީހަކު ބުނެފާނެ އެއްޗަކަށް ސަމާލުކަމެއް ދިނުމެއް ނެތިއެވެ. އަދި އެންމެ ފަހުން ފުރައިގެން ދިއުމުގެ ކުރިން ޔުއާނާ އޭނާގެ މިލްކިއްޔާތުގައި ވާ އެންމެ ބޮޑު މުދާވެސް ޝާމިނަށް ހިބަކޮށްދިނެވެ. އެއްވެސް މަޖްބޫރަކުން ޝާމިނާ ވަކިނުކުރެވޭނެކަމުގެ ހެއްކެއްގެ ގޮތުގައެވެ.
އުއްމީދުތަކާއި ހުވަފެންތަކުގައި އަސްލު ކުލަ ހަޔާތުގެ ފަތްފުށްތަކުގައި ޖެހުމުގެ މާކުރިން ވިއްސިވިހާލިވެ ބަނަވެ ކަޅު އަނދިރި ވިލާތަކުގެ ހިޔަނި އެޅި ކުއްލި ޔޫފާން އައިސް ހަޔާތުގެ ނާ ގަރަގުކޮށްލައި... އުއްމީދުތަކާއި އުފާތަކުގެ ޖަނާޒާ ކޮޑު އަޅަންޖެހޭ ފަހަރު ދިމާވަނީ މަދެއްކޮށެއް ނޫނެވެ. ސެމިސްޓާ ބްރޭކަށްފަހު ޝާމިން އެނބުރި ލަންކާއަށް ދިޔައީ ފަހަރެއްގައިވެސް އޭނާގެ ހިތުގެ ޔުއާނާއާ ވަކިވާން ޖެހިދާނެކަމުގެ އެއްވެސް ހިލަމެއް ނެތިއެވެ.
ފުރަތަމަ ދޭތެރޭގެ ދުރުމިން ދިޔައީ ކޮންމެ ރެއަކާއިދުވާލެއްގެ މައްޗަށް ލިޔެވި ދެމީހުންގެ ދެމެދުގައި ބަދަލު ކުރެވެމުން ދިޔަ މެއިލްތަކުންނެވެ. ޔުއާނާގެ މެއިލްތައް ލަސްވަމުން ގޮސް ހަފުތާއަކު އެއް ޖަވާބު ލިބުންވެސް ހުއްޓުނީއެވެ. މަހަކު އެއްފަހަރު ލިބެން ފެށުމުން ޝާމިން ނުހަނު ކަންބޮޑުވާން ފެށިއެވެ. ޔުއާނާގެ ސްކޫލު ދައުރު ނިމުނުކަމާއި ކުރިއަށްވުރެ އެތައް ގޮތަކުން ޔުއާނާ ރީތިކަން ޝާމިނަށްވެސް އެނގެއެވެ. އެރީތި ފުރިހަމަ މަލުގެ ހުރި ފޮނިކަމާއި މީރުކަމެއް ހިއްސާކުރެވުނީ ހަމައެކަނި ޝާމިނާއެވެ. އެހެންނަމަވެސް ޔުއާނާއަށް އެއައި ބޮޑު ބަދަލުގެ ސިއްރު ޝާމިނަކަށް އެއްގޮތަކަށްވެސް ފަހުމެއް ނުވިއެވެ. އަދި އަދަށް ދާނދެންވެސް މިއަދުގެ މިހިނދުކޮޅުގައިވެސް އެހެން ޔުއާނާ ހެދީ ކިހިނެއްވެގެން ކޮން ސަބަބަކާ ހުރެ ކީއްވެގެން ކަމެއް ޝާމިނަކަށް ނުވިސްނެއެވެ.
އެއަހަރު އަހަރީ ބޮޑު ބަންދަށް މާލެ އައި އިރު ހުރިހާ ކަމެއްހެން އޮތީ ނިމިފައެވެ. ލިބުނު ކުއްލި ހައިރާންކަމާއި ސިކުނޑިއަށް ލިބުނު ޝޮކްގައި ހުއްޓުން އަރާފައި ހުރި ޝާމިންގެ އެސްފިޔަތައް ތެމެމުން ހިތް ފުރިގެން ލޮލުގެ ހަނި ދާއިރާ ފަސްދީ ކޯތާފަތްމަތިން ކަރުނަ ފޭބީ ހޯސްލާފައެވެ.
އެއްވެސް މީހަކު ނެތި އެކަނިމާ އެކަނި ކޮޓަރީގައި އިނދެ ހިތް ފުރެންދެން އެރޭ ޝާމިން ރުޔެވެ.
އޭނާގެ ޔުނާ އެހެން ކަންތައް ކުރީ ކީއްވެގެންބާވައެވެ. އޭނައަށް ކޮންކަމެއް ނުކޮށްދެވިގެންބާވައެވެ. އެންމެ ފަހަރަކުވެސް ބުނެނުލީ ކީއްވެގެންބާވައެވެ. ހަމަ އެންމެ ފަހަރަކު ބުނެލި ނަމަވެސް އޭނާ ހުރިހާ ކަމެއް ދޫކޮށްލާފައި އެނބުރި ޔުއާނާ ގާތަށް އައީހެވެ.
އެކަމަކު.......
އެންމެ އިޝާރާތެއްވެސް ޔުއާނާ ކޮށްފައެއް ނެތެވެ. އެހެން އެފަދަ ކަމެއް ކުރަން އުޅޭހެން ހީވާނެފަދަ ބަހެއްވެސް އެންމެ ފަހަރަކުވެސް ބުނެފައެއް ނެތެވެ.
"ޝާމިން ފުރައިގެން ދިޔަތާ މާގިނަ ދުވަހެއް ނުވޭ.... ޝާމްއާ ބައްދަލުވެއްޖެ... ޝާމިނަށްވެސް އެނގޭނެ... އާނާ ހުރީ ބޮޑުވެފައި... ޝާމިނާއެކު އުޅުނު ގޮތަށް އެގުޅުމެއް އެހެން މީހަކާ ބާއްވައިގެން އުޅޭކަށް އާނާ ބޭނުމެއް ނޫން... ރައްޓެއްސެއް ނޫންވީ... ފުރަތަމަ ދިމާވި ދުވަހު ނޫން... ދެވަނަ ފަހަރަށް ބައްދަލުވި ދުވަހު ފޯމް ކޯޓަށް ލައިފިން.... ހަމަ ޖެހިގެން އައި ހުކުރު ވިލޭރޭ މެރީ ކުރީ... ޝާމް ވަރަށް ރަނގަޅު... ގޭ އެންމެންވެސް ޝާމާ ގަބޫލު.... ހަނީމޫނަށް އިޓަލީއަށް ގޮސްފައި މާލެ އައީ މިދިޔަ ހޯމަ ދުވަހު.... ޝާމިން ކިހިނެއް... ކޮންއިރަކު ފުރަނީ... ފުރުމުގެ ކުރިން މީޓެއް ނުކުރާނަންތަ....." ފޯންގެ ރިސީވަރު އަތުން ދޫވެގެން ވެއްޓިދާނެތީ އަވަހަށް ރިސީވަރު ބޭއްވުމަށްފަހު ޝާމިން ފުން ނޭވައެއް ލިޔެވެ.
ކިހާ ފަސޭހަ ރާގެއްގައި ޔުއާނާ އެބުނީ ކޮންފަދަ ބޮޑު ވާހަކައެއްކަން ޔުއާނާއަށް އިހްސާސް ކުރެވުނުބާވައެވެ.
(ނުނިމޭ)
ވާހަކަ
ވާހަކަ