ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހާއި މިހާރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ބޭނުންކުރި ތަފްސީލު ހޯދަން ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީން ނިންމައިފިއެވެ.
އެކަމާބެހޭ ތަފްސީލު ހޯދުމަށް ކޮމިޓީން ނިންމީ، މަޖިލިސް މެމްބަރުންނާ އެކު ދަތުރުކުރާ ރައްޓެހިންގެ ވީއައިޕީއަށް ވެސް މަޖިލިސް ބަޖެޓުން ހަރަދުކުރާ ގޮތަށް، މީގެ ކުރިން އެ ކޮމިޓީން ނިންމި ނިންމުން އަލުން ރިވިއު ކުރުމަށް ކޮމިޓީއަށް ހުށަޅުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފުނަދޫ ދާއިރާގެ މުހައްމަދު ޝާހިދު ވިދާޅުވީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކިތައް މެމްބަރުން އަހަރެއްގެ މައްޗަށް ވީއައިޕީން ދަތުރު ކޮށްފައިވޭތޯ އާއި ވީއައިޕީގައި އެބޭފުޅުންނަށް ހަރަދު ކުރި މިންވަރާއި ކޮންމެ އަހަރަކު އެންމެ ގިނައިން ދަތުރުކުރި 10 މެންބަރުންނާއި އެ މެންބަރުންގެ އަރިހުގައި ކިތައް ބޭފުޅުން ދަތުރުކޮށްފައިވޭތޯ ވަކި ވަކިން ހޯދަން ކޮމިޓީއަށް ހުށަހަޅުއްވާ ކަމަށެވެ.
އޭގެ އިތުރުން މިހާރު އޮތް 19 ވަނަ މަޖިލީހުގެ މެންބަރުންނާ ބެހޭ އެ މައުލޫތުތައް ހޯދަން ހުށަހަޅާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ވީއައިޕީ ބޭނުންކުރުމުގެ ހުއްދަ ލިބުނު ނަމަވެސް، މަޖިލީހުގައި މި ވޭތުވެދިޔަ އަހަރުތަކުގައި އަމިއްލަ ދަތުރެއްގައި އޭނާ އެތަން ބޭނުންކުރީ، އެންމެ ފަހަރަކު ކަމަށެވެ. އެއީވެސް ވަރަށް ބޮޑަށް ބަލިވެގެން ކަމަށްވެސް ވިދާޅުވިއެވެ.
ޝާހިދުގެ ހުށަހެޅުމަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވަމުން، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ވިދާޅުވީ ބައެއް މަޖިލިސް މެމްބަރުންގެ ކޮއްކޮ، ދައްތަ، ބޭބެ، ވެސް ވީއައިޕީ ބޭނުންކޮށްފައި ވާއިރު، އެކަމަށް ބަޖެޓް ކޯޑުގައި ކިހާވަރެއް ކަނޑައަޅާފައިވޭތޯ ބަލަންޖެހޭ ކަމަށެވެ.
ނިމިދިޔަ 18 ވަނ މަޖިލީހުގަިއ އެ ހިދުމަތް ބޭނުންކޮށްފައި ވަނީ އެއްވެސް ކޮންޓްރޯލެއް ނެތި ކަމަށާއި ބައެއް މެމްބަރުންގެ ދަނބިދަރިންނާއި ރަށްޓެހިން ވެސް ވީއައިޕީ ބޭނުންކޮށްފައިވާ ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.
ކޮމިޓީ މެމްބަރުން ވިދާޅުވީ، އެ މައްސަލައާމެދު ގޮތެއް ނިންމޭނީ އެ މައުލޫމާތުތައް ސާފު ކޮށްގެން ކަމަށެވެ. އެހެންވެ އެ ކަންތައްތައް ސާފު ކުރުމަށް ކޮމިޓީން ވަނީ ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު