އިޚުލާސްތެރި ޕާޓީ މޯލްޑިވްސް އުފެއްދުމަށް އިލެކްޝަން ކޮމިޝަން (އީސީ)އިން ދިން ހުއްދަ ބާތިލުކޮށްފި އެވެ.
އެ ޕާޓީ އުފައްދަން ދިން ހުއްދަ ބާތިލުކުރިކަން އީސީގެ ރައީސް ފުއާދު ތައުފީގު ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ. އިހުލާސްތެރި ޕާޓީ އުފެއްދުމަށް މިދިޔަ އާދިއްތަ ދުވަހު ހުއްދަދިނީ މ.ކެލަން، މުހައްމަދު އިސްމާއިލް އަށެވެ.
ފުއާދު "ވަން" އަށް ވިދާޅުވީ، އެ ޕާޓީ އުފެއްދުމަށް ދީފައިވާ ހުއްދަ ބާތިލު ކުރީ މުހައްމަދު އިސްމާއީލް އެގޮތަށް އެ ކޮމިޝަންގައި އެދިވަޑައިގަތުމާ ގުޅިގެން ކަމަށެވެ.
މުހައްމަދު އިސްމާއީލް އެންމެ ފުރަތަމަ ހުށަހަޅާފައި ވަނީ "ކަރިޝްމާ ޕާޓީ"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދާށެވެ. އެ ޕާޓީ އުފެއްދުމުގެ ހުއްދަ އީސީން ނުދިނީ އެ ނަމަކީ ސިޔާސީ ޕާޓީއަކަށް ކިޔަން އެކަށީގެން ވާ ނަމަކަށް ނުވާތީ އެވެ. އަދި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދޭ ފޯމާ އެކީ ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާތީ އެވެ.
ޕާޓީ އުފެއްދުމަށް ދީފައިވާ ހުއްދަ ބާތިލު ކުރަން އީސީގައި އެދުނު ވަކި ސަބަބެއް މުހައްމަދު އިސްމާއީލް އަދި އާންމެއް ނުކުރައްވަ އެވެ. އެކަމުގެ މައުލޫމާތު ހޯދަން ގުޅުމުން ޖަވާބެއް ނުދެއްވަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު