ބޮޑީބިލްޑިންގ

ދުނިޔޭގެ ބޮޑީބިލްޑިން މުބާރާތުން ރާއްޖެއަށް ދެ ރިހި މެޑަލް

ބާރަވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް 2021 އިން ރާއްޖޭގެ މުހައްމަދު މޫސާ އާއި މުހައްމަދު ރަޝީދު ރިހި މެޑަލް ހޯދައިފިއެވެ.

އުޒުބަކިސްތާނުގައި ކުރިއަށްދާ މުބާރާތުން ރާއްޖެއަށް ރިހި މެޑަލް ގެނެސްދިނީ 65 ކިލޯގެ ކެޓަރީގައި ވާދަކުރި މުހައްމަދު ރަޝީދާއި 55 ކިލޯގެ ކެޓަގަރީގައި ވާދަކުރި މުހައްމަދު މޫސާއެވެ. މި ހަފުތާގެ ނިޔަލަށް އުޒުބަކިސްތާނުގައި ކުރިއަށްދާ މުބާރާތުގައި ރާއްޖޭގެ ހަ ބޮޑީބިލްޑަރުން ވާދަކުރެއެވެ. އެއީ މެޑަލް ހޯދި ދެ އެތުލީޓުންގެ އިތުރުން އަޒްނީން ރަޝީދާއި، ހުސެއިން ހިމްޔާނާއި، ފަތުހުﷲ މުހައްމަދު އަދި އިބްރާހީމް ނަބީލެވެ.

ބޮޑީބިލްޑިންއަކީ ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖެއަށް ރަނގަޅު ކާމިޔާބީތަކެއް ހޯދައިދީފައިވާ ކުޅިވަރެކެވެ. އޭޝިއާގެ މުބާރާތުން މިހާތަނަށް ތިން މެޑަލް ހޯދައިފައިވާ އިރު، ދުނިޔޭގެ ލެވެލްގައިވެސް ހަތަރު މެޑަލްއެއް ވަނީ ހޯދައިފައެވެ. މިފަހަރު ރާއްޖެއަށް މެޑަލް ގެނެސްދިން މޫސަ ވަނީ 2019 ވަަނަ އަހަރުގެ ދެކުނު އޭޝިއާ މުބާރާތުގެ 55 ކިލޯގެ ބައިން ރަން މެޑަލާއި ހަމަ އެ އަހަރު އިންޑޮނީޝިއާގެ ބަތާމްގައި ބޭއްވި އޭޝިއާގެ މުބާރާތުން ލޯ މެޑަލް ހޯދައިފައެވެ.

މިއަހަރުގެ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ބާއްވަން ނިންމާފައިވަނީ ރާއްޖޭގައެވެ. ކ. މާފުށީގައި ބާއްވަން ނިންމި އެ މުބާރާތް، ކޮވިޑް 19 އާ ގުޅިގެން މިހާރު ވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ.