ބީއެމްއެލްގެ އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑުގެ ދަށުން އިތުރު ފަސް ރަށަކަށް އެހީވާން ނިންމައިފިއެވެ.
ބީއެމްއެލްގެ އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން ބީއެމްއެލުން ތައާރަފުކޮށްފައިވާ ފަންޑެކެވެ. އެގޮތުން މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ ފަސް ޕްރޮޖެކްޓެއް ވަނީ ހޮވައިފައެވެ.
- ބ. ކުޑަރިކިލުގައި ސޯލާ ލައިޓް ހަރުކުރުން
- ހއ. ތަކަންދޫގައި ފޮތްކިޔުމަށް ހާއްސަ ތަނެއް ތަރައްގީކުރުން
- ވ. ފެލިދޫގައި ޕިކްނިކް އޭރިއާއެއް ތައްޔާރުކުރުން
- ނ. މާޅެންދޫގައި މަސްކަނޑާތަނެއް ތަރައްގީކުރުން
- ހއ. މޮޅަދޫގައި އިކޯލޮޖިކަލް ޕާކެއް ގާއިމުކުރުން
ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު މިއަދު ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ މި ފަންޑުގެ ދަށުން މުޖުތަމައަށް ފައިދާކުރާނެ މުހިންމު ޕްރޮޖެކްޓްތަކަކަށް އެހީތެރިކަންފޯރުކޮށްދިނުން ކަމަށެވެ. މިފަހަރު ވެސް ރަނގަޅު ޕްރޮޕޯސަލް ތަކެއް ކޮމިއުނިޓީ ފަންޑަށް ލިބުނު ކަމަށާއި މިއިން ދައްކައިދެނީ އަމިއްލަ ފަރުދުންނާއި ޖަމިއްޔާތަކުން ރަށުގެ ތަރައްގީ އާއި މުޖުތަމައުގެ ލާބައަށް މަސައްކަތްކުރުމަށް ބޭނުންވާ މިންވަރު ކަމަށް ސައީދު ވިދާޅުވި އެވެ.
އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.
ހުށަހެޅޭ ޕްރޮޕޯސަލްތަކުގެ ތެރެއިން ކޮންމެ ކުއާޓާއެއްގައި ފަސް ޕްރޮޕޯސަލް ހޮވައި އެ ފަސް ޕްރޮޕޯސަލްގައި ހިމެނޭ ހަރާކާތް ހިންގުމަށް 50،000 ރުފިޔާ ބީއެމްއެލުން ވަނީ ދޭން ނިންމައިފަ އެވެ.
މިފަންޑުގެ ދަށުން މިހާތަނަށް 55 ރަށެއްގައި މުޖުތަމައަށް ފައިދާކުރާ ޕްރޮޖެކްޓްތަކެއް ހިންގުމަށް އެހީތެރިކަން ވަނީ ފޯރުކޮށްދީފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު