އދ. މަހިބަދޫ އާއި ގއ. ކޮލަމާފުށި އަދި އެއަތޮޅު ވިލިނގިލި މޮނީޓަރިންގެ ހާލަތު ނަގައި އާންމު ހާލަތަށް ގެނެސްފިއެވެ.

ހެލްތު މިނިސްޓްރީގެ ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ އުސްމާން މިރޭ "ވަން" އަށް ވިދާޅުވީ މަހިބަދޫ އާއި ކޮލަމާފުށި އަދި ވިލިނގިލި މިއަދު ހެނދުނު 10:00 ގައި މޮނީޓަރިންގެ ހާލަތުން ނަގާފައިވާ ކަމަށެވެ. އެތިން ރަށުންވެސް ނެގި ރޭންޑަމް ސާމްޕަލްތައް ނެގެޓިވްވެފައިވާތީ މޮނީޓަރިންގެ ހާލަތުން ނަގާފައިވާ ކަމަށެވެ. ނަމަވެސް މަހިބަދޫ އަދި ކޮލަމާފުށީގައި އިތުރު އެއް ހަފުތާ ވަންދެން ރެންޑަމް ސާމްޕަލްސް ނެގުމަށް އަންގާފައިވާނެ ކަމަށް ވިދާޅުވިއެވެ.

މަހިބަދޫ މޮނީޓަރިން އަށް ލާފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. މޮނީޓަރިންއަށް ލާފައިވަނީ މާލެއިން އެރަށަށް ދިޔަ މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

މަހިބަދޫ ކައުންސިލްގެ ރައީސް ރަޝާދު އަލީ މިރޭ "ވަން" އަށް ވިދާޅުވީ މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް އެރަށުން ޖުމުލަ 19 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މަހިބަދޫ ކޮވިޑް ހެލްތު އޮފިސަރު ހައްވާ އަރުޝީ މިރޭ "ވަން" އަށް ވިދާޅުވީ އޮގަސްޓް މަހުގެ 27 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް އެރަށުން 392 ސާމްޕަލް ނަގާފައިވާ ކަމަށެވެ. އެކްޓިވް ކޭސްގެ ގޮތުގައި މިހާރު ތިބި މީހުންގެ ތެރެއިން ހައި ރިސްކް އެކަކު ހިމެނޭ ކަމަށާއި އޭނާގެ ހާލުވެސް ރަނގަޅު ކަމަށް އޭނާ ވިދާޅުވިއެވެ.

ގއ. އަތޮޅު ހޮސްޕިޓަލު މެނޭޖަރު ޝަރީފް އަހުމަދު މިރޭ "ވަން" އަށް ވިދާޅުވީ އޯގަސްޓް 23 އިން ފެށިގެން މިއަދާ ހަމައަށް ވިލިނގިލިން 785 ސާމްޕަލް ނަގާފައިވާ ކަމަށާއި އޭގެތެރެއިން 101 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި މިހާރު އެކްޓިވް ކޭސްގެ ގޮތުގައި 65 މީހުން ތިބި އިރު، ހޮސްޕިޓަލުގައި ތިން މީހަކު ފަރުވާހޯދަމުންދާ ކަމަށާއި އެމީހުންގެ ހާލުވެސް ރަނގަޅު ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިއަދު މެންދުރު ކުރީން މޮނީޓަރިން އުވާލާފައި މިވަނީ އެޗްޕީއޭގެ ލަފާގެ ދަށުން. އެއީ ޑައިރެކްޓް ކޮންޓެކްޓް އެކަނި އިތުރަށް މި ޕޮސިޓިވް ވަނީ. މިރަށަކީ ރާއްޖޭގެ އާބާދީން 90 ޕަސެންޓް ވެކްސިން ފުރިހަމަ ކުރި އެންމެ ފުރަތަމަ ރަށް ތަކުގެ ތެރޭގައި ހިމެނޭ ރަށެއް." ޝަރީފް އިތުރަށް ވިދާޅުވިއެވެ.

އެރަށް މޮނީޓަރިންއަށް ލާފައިވަނީ، ޕީސީއާރު އަކާނުލައި މާލެއިން އެރަށަށް ދިޔަ ބަޔަކު ކޮވިޑަށް ޕޮސިޓިވްވުމާ ގުޅިގެންނެވެ. އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އޮގަސްޓް މަހުގެ 23 ވަނަ ދުވަހުއެވެ.