ހއ. ފިއްލަދޫއާ ގުޅިފައި އޮންނަ ދައްޕަރު، ފިއްލަދޫ އިހުތިސޯސްގައި އަލުން ހިމަނަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

ރައީސް ސޯލިހު މި ގޮތަށް ނިންމެވީ މީގެ އިރުކޮޅެއް ކުރީން ބޭއްވި އިކޮނޮމިކް ކައުންސިލްގެ ބައްދަލުވުމުގައި ކަމަށް "ވަން" އަށް ވަނީ އެނގިފަ އެވެ. އިކޮނޮމިކް ކައުންސިލްގެ ޗެއާ އަކީ ރައީސް ސޯލިހު އެވެ.

މި ކަމާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވަނީ "ވަން" އަށް މިކަން ކަށަވަރު ކޮށްދެއްވައިފަ އެވެ.

"މަބްރޫކް ވިދާޅުވި ގޮތުގައި ދައްޕަރު މައްސަލައިގައި ރައީސް ސޯލިހުގެ ވިސްނުންފުޅަކީ، އަދި ސަރުކާރުގެ ވެސް ވިސްނުމަކީ އެ ރަށް ހުރިހާ ގޮތަކުން ވެސް އެންމެ ފައިދާ ހުރި ރަނގަޅު ގޮތެއްގައި ބޭނުން ކުރުމެވެ. ވަކީން ހާއްސަކޮށް، އެ ރަށުގައި އިގުތިސޯދީ މަސައްކަތެއް ނުވަތަ އެނޫން ވެސް ކަމެއް ކުރެވޭ އިރު، އޭގެ އެންމެ ބޮޑު ފައިދާއެއް ހުރިހާ ގޮތަކުން ވެސް ފިއްލަދޫ ރައްޔިތުންނަށް ކުރާނެ ކަން ކަށަވަރު ކުރުމަކީ ރައީސް ސޯލިހު ބޭނުންފުޅުވާ ކަމެއް ކަމަށް މަބްރޫކް ވިދާޅުވި އެވެ.

"ކުރީން ވެސް ސަރުކާރުގެ ވިސްނުމަކަށް ވެފަ އޮތީ އެ ރަށުގައި އެކަށީގެންވާ ވަރުގަދަ އިގުތިސޯދީ ހަރަކާތެއް ހިންގަން. ރައީސް ވެސް ވިސްނެވީ އޭރުން ވެސް އެކަމުން އެންމެ ބޮޑު ހަގީގީ ފައިދާއެއް އަދި މަންފާ ވެސް އެންމެ ގާތުން ސީދާ ކުރާނެ ބަޔަކީ ފިއްލަދޫ ރައްޔިތުން ކަމަށް ވާނެތީ އެގޮތަށް އެކަން ކުރައްވަން. އެހެންވެ ދައްޕަރުގައި މަޝްރޫއެއް ހިންގުމުގެ ވިސްނުމުގައި އެރަށް ފިއްލަދޫ އިހުތިސޯސުން ވަކި ކުރީ. އެ ކަމުގައި ވެސް ސަރުކާރުގެ ވިސްނުމަކަށް ހަގީގަތުގަ ވެފަ އޮތީ ފިއްލަދޫ ރައްޔިތުންނަށް ވެސް އެންމެ މަންފާ ހުރި ގޮތަށް އެކަން ކުރަން. އެއީ އޭގެ ތެރޭގަ މަސައްކަތްތައް އަދި އެތައް ވަޒީފާއެއްވެސް އުފެދިގެން އަންނަ އިރު އެފައިދާ އެންމެ ބޮޑަށް ކުރާނީ ފިއްލަދޫ ރައްޔިތުންނަށް ކަމަށް ގަބޫލު ކުރެވޭތީ." މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކް އިތުރަށް ވިދާޅުވީ ފިއްލަދޫ އިހުތިސޯސުން ދައްޕަރު ވަކި ކުރުމަށް ފަހު އަނެއްކާވެސް ކުރިޔެކޭ އެއްގޮތަށް ބޭއްވުމަށް ރައީސް ނިންމެވީ ފިއްލަދޫ ރައްޔިތުން ބޭނުން ނުވާ ގޮތަކަށް ދައްޕަރުގެ ކަންތައްތައް ގެންދަވަން ބޭނުންފުޅު ނުވާތީ އެވެ. އެ ރަށުގައި ސިނާއީ، އިގުތިސޯދީ އަދި އެނޫންވެސް ކަމެއް ކުރާ ނަމަ އެއީ ފިއްލަދޫ ރައްޔިތުންގެ ރުހުމާ އެކު ކުރެވޭ ކަމަކަށް ވާން ޖެހޭނެ ކަމަށް ރައީސް ސޯލިހު ގަބޫލުފުޅު ކުރައްވާ ކަމަށް ވެސް މަބުރޫކް ވިދާޅުވި އެވެ.

"މީގަ ކޮންމެ ގޮތެއް ވިޔަސް ފިއްލަދޫ ރައްޔިތުން ނުރުހޭ ގޮތަކަށް، އެ ރައްޔިތުންގެ ހިޔާލާ ދެކޮޅަށް ދައްޕަރު ބޭނުންކުރުމަކީ ރައީސް އެދިވަޑައިގަންނަވާ ކަމެއް ނޫން. ރައީސް ގަބޫލުފުޅުކުރައްވަނީ އެރަށުގައި ކޮންމެ ކަމެއް ކުރިޔަސް އެކަން ދާން ވާނީ ފިއްލަދޫ ރައްޔިތުންގެ ރުހުމާ އެކު އެމީހުން އެދޭ ގޮތަށް ކަމަށް. ދައްޕަރު ފިއްލަދޫ އިހުތިސޯސުން ވަކި ކޮށްގެން ސީދާ ސަރުކާރުން އެތަނުގައި ކަންތައްތަކެއް ގެންދިޔަސް އެއީ ފިއްލަދޫ ރައްޔިތުން ބޭނުންވާ ގޮތް ކަމަށް ނުވާތީ ރައީސް އަނެއްކާވެސް މިއަދު އެ ނިންމެވީ ކުރިޔެކޭ ވެސް އެއްގޮތަށް ފިއްލަދޫ އިހުތިސޯސްގައި ދައްޕަރު ބާއްވަން. މިއީ ފިއްލަދޫ ރައްޔިތުންވެސް އެދޭ ގޮތް." މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކު އިތުރަށް ވިދާޅުވީ މި ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއަކީ ރާއްޖެ ލާމަރުކަޒުކޮށް ރައްޔިތުން ބާރުވެރި ކުރުވުން ކަމަށާއި އެކަން ކުރުމަށް ޓަކައި ވެސް ރަށްރަށުގެ އިހުތިސޯސް މުއްސަނދިވެ، އެ އިހުތިސޯސްތަކުގައި ހިމެނޭ މުއްސަނދިކަމުގެ ފައިދާ އެންމެ ބޮޑަށް ސީދާ އެ ރަށްރަށަށް ކުރާނެ ގޮތަކަށް ކަންކަން ފަހި ކުރުމަކީ ރައީސްގެ ވިސްނުންފުޅު ކަމަށެވެ. ލާމަރުކަޒީ ގާނޫނެއް ގެނައުމާއި އެ ގާނޫނުން ރަށްރަށަށް ލިބިދީފައިވާ ޖަޒީރާ ވަންތައް ބާރު ތަކަކީ އެ ވިސްނުމުގައި ސަރުކާރުން ގެންނަ އިސްލާހުތަކެއް ކަމަށް ވެސް މަބުރޫކް ފާހަގަކުރެއްވި އެވެ.

ދައްޕަރަކީ ފިއްލަދޫއާ އެއް ބިމެއްގައި އަދި އެއް ފަޅެއްގައި އޮންނަ ރަށެކެވެ. މި ސަރުކާރުން ވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ 18 ވަނަ ދުވަހު ފިއްލަދޫގެ އިހުތިސާސްގެ ތެރޭގައި ދައްޕަރު ހިމަނައިފައެވެ. އޭގެ ފަހުން މިދިޔަ އޯގަސްޓު މަހުގެ 29 ވަނަ ދުވަހު ރައީސް ނެރުއްވި ގަރާރަކުން ވަނީ އަނެއްކާވެސް ދައްޕަރު ފިއްލަދޫ އިހުތިސޯސުން ވަކިކުރައްވައިފަ އެވެ. އެ މައްސަލައިގައި ފިއްލަދޫ ކައުންސިލުން ވަނީ ދައްޕަރު އަނބުރާ ފިއްލަދޫ ކައުންސިލުގެ އިހުތިސޯސްގައި ހިމަނައިދެއްވުމަށް އެދި ރައީސް ސޯލިހަށް ދަންނަވައިފަ އެވެ.