އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު ދިރިއުޅުއްވާ ގެކޮޅުގެ ސެކިޔުރިޓީ ފޫއަޅުވައިލި މައްސަލައިގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުންވެސް ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ދައުލަތުގެ ތިން ބާރުގެ ތެރެއިން އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ އެންމެ އިސް ފަރާތް، އުއްތަމަ ފަނޑިޔާރާއި އެމަނިކުފާނުގެ އާއިލާ ދިރިއުޅުއްވާ ގެކޮޅުގައި ހަރުކޮށްފައި ހުރި ސީސީޓީވީތައް ހަލާކުކޮށް، މީހަކު އެ ގެކޮޅަށް ވަންނަން މަސައްކަތް ކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެއެވެ.
އެކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ އުއްތަމަ ފަނޑިޔާރުގެ ގެކޮޅުގެ ސެކިޔުރިޓީ ފޫއަޅުވާލައި އެގެއަށް ވަނުމުގެ ފުރުސަތު އެއްވެސް މީހަކަށް ލިބިގެން ދިޔުމަކީ އެ ކޯލިޝަނުން އިންތިހާއަށް ކަނބޮޑުވާ ކަމެއް ކަމަށެވެ. އަދި އެފަދަ ފުރުސަތެއް އެއްވެސް މީހަކަށް ލިބިގެން ގޮސްފައިވާނީ އެމަނިކުފާނަށް ދައުލަތުން ދެމުން ގެންދާ ސަލާމަތާއި ރައްކާތެރި ކަމުގައި އިހުމާލުވެ، ދޭންޖެހޭ ސަމާލުކަން ނުދެވި ފަރުވާ ކުޑަވުމުގެ ސަބަބުން ކަމަށްވެސް އިދިކޮޅު ކޯލިޝަނުން ބުންޏެވެ.
"އެހެންކަމުން ދައުލަތުގެ ތިން ބާރުގެ ތެރެއިން އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރު ކަމުގައިވާ ދައުލަތުގެ އުއްތަމަ ފަނޑިޔާރާއި އެމަނިކުފާނުގެ އާއިލާއަށް ދޭންޖެހޭ ސަލާމަތާއި ރައްކާތެރިކަމުގައި ފަރުވާ ކުޑަ ނުކުރުމަށާއި އެމަނިކުފާނުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިފައިވާ ފިޔަވަޅުތައް ހަރުދަނާކޮށް ކަށަވަރުކޮށް ވަރުގަދަ ކުރުމަށް ގޮވާލަން،" އިދިކޮޅުގެ ބަޔާނުގައިވެއެވެ.
މި މައްސަލަ މިހާރު ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް މީހަކު ވަންނަން މަސައްކަތް ކުރި މައްސަލައިގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީންވެސް ވަނީ ކަންބޮޑުވުން ފާޅު ކޮށް ބަޔާނެއް ނެރެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު