އެންމެފަހުގެ ސްޕެނިޝް ލަލީގާ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑުން ރޭ ކުޅުނު މެޗުގައި 2-0 ގެ ނަތީޖާއަކުން ބާސެލޯނާ ބަލިކޮށްފިއެވެ.

އެތުލެޓިކޯގެ ދަނޑުގައި ރޭ ކުޅުނު މެޗުން 2-0ގެ ނަތީޖާއަކުން ބާސާ ބަލިވެފައިވާއިރު، މެޗުގައި އެތުލެޓިކޯގެ ދެވަނަ ގޯލު ޖެހީ ބާސާއަށް ކުރިން ކުޅުނު އުރުގުއޭގެ ފޯވަޑް ލުއިސް ޝުއަރޭޒް އެވެ. ކެރިއަރުގެ ގިނަ ދުވަސްތަކެއް ބާސާގައި ހޭދަކުރުމަށް ކްލަބުން ބޭނުން ނެތިގެން ދޫކޮށްލި ޝުއަރޭޒް ރޭގެ މެޗުގައި ގޯލު ޖެހުމަށްފަހު އުފާފާޅުކުރުމުގެ ބަދަލުގައި ބާސާއަށް އިހުތިރާމު ކުރުމުގެ ގޮތުން މައާފައަށް އެދިފައިވެއެވެ.

ރޭގެ މެޗުން ބަލިވެ ބާސާއަށް ވަނީ އުނދަގޫތަކެއް ކުރިމަތިވެފައެވެ. ބާސާއަށް ހަތް މެޗުން ލިބިފައިވާ 12 ޕޮއިންޓާއެކު މިވަގުތު ތާވަލުގެ ނުވަ ވަނައިގައި އޮތްއިރު، އަށް މެޗުން 17 ޕޮއިންޓް ހޯދައި، އެތުލެޓިކޯ އޮތީ ދެވަނައިގައެވެ. އެއްވަނައިގައި މިވަގުތު އޮތީ ބާސާގެ ޒަމާންވީ ވާދަވެރިޔާ ރެއާލް މެޑްރިޑެވެ.

މެޗުގައި އެތުލެޓިކޯއިން ޖެހި ފުރަތަމަ ގޯލު ކާމިޔާބު ކޮށްދިނީ ތޯމަސް ލެމާ އެވެ. ލެމާގެ ގޯލަށް އެސިސްޓް ކޮށްދިނީ ޝުއަރޭޒް އެވެ. ހާފް ނިމެން މިނެޓަކަށް ވެފައި ވަނިކޮށް، އެތުލެޓިކޯއިން ދެވަނަ ގޯލެއްވެސް ޖެހިއެވެ. އެ ގޯލު ޖެހީ ޝުއަރޭޒް އެވެ. މި ސީޒަނަށް ބާސާ ދޫކޮށްލި އެންޓޮއިން ގްރީޒްމަންވެސް ރޭ އެތުލެޓިކޯ ޖާޒީގައި ފެނިގެން ގޮސްފައިވާއިރު، ރޭގެ ބައްޔާއެކު ބާސާ ކޯޗު ރޮނާލްޑް ކޯމަން އަށް ވަނީ އިތުރަށް ޕްރެޝަރު ވެފައެވެ.

ފައިސާގެ އެތައް މައްސަލައަކާއެކު ބާސާގެ ކަންކަން ގޯހުން ގޯހަށް ދާ މި ސީޒަނުގައި މިހާތަނަށް މާޔޫސީ ބަލިތަކަކާ އެޓީމަށް ކުރިމަތިލާން ޖެހިފައިވާއިރު، މެޗަށްފަހު ކޯޗު ކޯމަން ބުނެފައި ވަނީ މައްސަލަތައް އެނގޭ ކަމަށާއި، މައްސަލަތަކަށް އޯވާނައިޓް ހައްލެއް ނެތް ކަމަށެވެ.

"މިހާރު އޮތް ހާލަތަށް ބަލައިފިނަމަ ޓީމު ހަމައަކަށް އަޅުވަން އުނދަގޫވާނެ. ހައްލު އެބަ އޮތް، އެކަމަކު އެއީ އޯވާނައިޓުން ހޯދޭނެ ހައްލެއް ނޫން. ބުރަކޮށް މަސައްކަތް ކުރަން ޖެހޭ. އަނިޔާގެ މައްސަލަތައްވެސް ބޮޑު. ޒުވާން ކުޅުންތެރިންނާއި އަނިޔާވެފައި ތިބި ކުޅުންތެރިންނަށް ވަގުތު ބޭނުންވާނެ،" ރޭގެ މެޗަށްފަހު ކޯމަން ބުނެފައިވެއެވެ.

މިދިޔަ ދެ ހަފުތާއެއްގެ ތެރޭގައި ކޯމަންއަށް ބޮޑެތި ޕްރެޝަރުތަކާ ކުރިމަތިލާން ޖެހުނުއިރު، ކޯމަންގެ ހިތްވަރު އާ ކުރުމުގެ ގޮތުން ބާސާ ރައީސް ޖޯއާން ލަޕޯޓާ ބުނެފައި ވަނީ ނަތީޖާތައް ރަނގަޅު ނޫން ނަމަވެސް އޭނާއަށް ވަގުތު ދޭނެ ކަމަށެވެ.