ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރަށް ހަމަލާ ދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން ބަންދުން ދޫކޮށްލައިފި އެވެ.
މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ 29 އަހަރުގެ ފިރިހެނަކާއި 42 އަހަރުގެ ފިރިހެނެކެވެ. މި ދެމީހުންގެ ބަންދުގެ މުއްދަތު އެންމެ ފުރަތަމަ ޖަހާފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. އެއީ ހަތް ދުވަހުގެ މުއްދަތެކެވެ.
ފުލުހުން ބުނީ އެ މީހުން ދޫކޮށްލީ ތަހުގީގަށް ފުރިހަމަ ކުރަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަކުރުމަށްފަހުގައި ކަމަށެވެ. ނަމަވެސް ދޫކޮށްލި ދުވަސް ސީދާ ހާމައެއް ނުކުރެ އެވެ.
މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ރޭ ޖާބިރު މަތިވެރިއަށް ވަޑައިގަތުމުން އެރަށު ޒުވާނުންތަކެއް ނިކުމެ ވަނީ އޭނާ އަށް ހަމަލާދީފަ އެވެ. ޖާބިރު ވަނީ ފުލުހުންގެ ހިމާޔަތަށް ވެސް އެދިވަޑައިގެންފަ އެވެ. އެ ހާދިސާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި ޖާބިރު ވިދާޅުވީ، ހަރުކަށި ފިކުރުގެ ޖަމާއަތެއް ކަމަށްވާ އައިސިސްގެ މެންބަރުން މަތިވެރީގައި އުޅޭ ކަމަށެވެ. އަދި އޭނާ އަށް ހަމަލާދީފައިވަނީ ވެސް އެ ފިކުރުގެ މީހުން ކަމަށެވެ.
މިކަމާ ގުޅިގެން "ވަން" އަށް މައުލޫމާތު ދެއްވަމުން މަތިވެރި ކައުންސިލުގެ ރައީސް އަހުމަދު އަސްލަމް މީގެ ކުރިން ވިދާޅުވީ، ޖާބިރު އެރަށަށް ދިއުމުން އެރަށު ރައްޔިތުން، އެމީހުންގެ ޝުއޫރުތައް ފާޅުކޮށްފައިވާ ކަމަށެވެ. އަސްލަމް އިތުރަށް ވިދާޅުވީ، 2017 އިން ފެށިގެން ކައުންސިލަށް ކުލީގެ ގޮތުގައި ޖާބިރު ދައްކަން ޖެހޭ ފައިސާގެ ތެރެއިން 4.7 މިލިއަން ރުފިޔާ ދައްކާފައި ނުވާ ކަމަށެވެ. އަދި އެއީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މިނިސްޓަރު ކަމުގައި، ކައުންސިލުގެ ހުއްދަ ނެތި ޖާބިރަށް ދީފައިވާ ކައުންސިލުގެ ބިމެއް ކަމަށެވެ.
އެ ބިމުގައި "ތާޒާ މިއާ" ނަމަކަށް ކިޔާ ގެސްޓް ހައުސްއެއް ހިންގަމުން އަންނަ އިރު، އެއީ 2100 އާއި 2500 އާ ދެމެދުގެ އަކަފޫޓު ބިމެއް ކަމަށްވެސް އަސްލަމް ވަނީ ވިދާޅުވެފައެވެ.
މިކަމާ ގުޅިގެން "ވަން" އިން ސުވާލުކުރުމުން ޖާބިރު ވިދާޅުވީ އެ ހިންގީ ޓެރަރިޒަމްގެ އަމަލެއް ކަމަށެވެ. އަދި އޭނާ ކައުންސިލަށް ދޭން ޖެހޭ ފައިސާއެއް ނޯންނާނެ ކަމަށާއި ކައުންސިލަށް އެފަދަ އެގްރީމެންޓެއް ވެސް ދެއްކިފައި ނުވާ ކަމަށް ޖާބިރު ވިދާޅުވިއެވެ. ޖާބިރު ވިދާޅުވީ ހަރުކަށި ފިކުރުގެ ޖަމާއަތެއް ކަމަށްވާ އައިސިސްގެ މެންބަރުން މަތިވެރީގައި އުޅޭ ކަމަށާއި އޭނާއަށް ހަމަލާދީފައިވަނީ ވެސް އެ ފިކުރުގެ މީހުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު