ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ މަގުސަދުގައި ދޭ ރިވެލި އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
ޖެންޑާ މިނިސްޓަރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލާއި ގުޅިގެން ކޮންމެ ދެ އަހަރުން އެއް އަހަރު ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އެމީހުންގެ ލާބަޔަށް މަސައްކަތްކުރާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން އެ މިނިސްޓްރީން "ރިވެލި" ނަމުގައި ހާއްސަ އެވޯޑެއް ދޭ ކަމަށެވެ. މި އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު މި މަހުގެ 14 ވަނަ ދުވަހާއި ހަމަޔަށް އިތުރުކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ރިވެލި އެވޯޑު އެންމެ ފަހުން 2019 ވަނަ އަހަރު ދީފައިވާއިރު އެ ފަހަރު 21 ފަރާތަކަށް ވަނީ އެ އެވޯޑު ލިބިފަ އެވެ.
އެވޯޑަށް ކުރިމަތިލުމުގެ ގޮތުން އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުސަތާއި، އެހެން ފަރާތަކުން ނަން ނޯމިނޭޓް ކުރެވޭނެ އެވެ. އަދި އެވޯޑަށް އެދި ހުށަހަޅާ ފަރާތްތަކުން ކުރި މަސައްކަތުގެ ތަފުސީލު ސައްހަކަން އަންގައިދީ ހެކި ވެދޭނެ ދެ މީހެއްގެ ލިޔުމެއްގެ އިތުރުން އެވޯޑަށް އެދި ހުށަހެޅުމަށް ދޫކުރާ އެޕްލިކޭޝަން ފޯމެއް ފުރިހަމަ ކުރަން ޖެހޭނެ އެވެ.
އެވޯޑަށް ކުރިމަތިލުމުގެ ގޮތުން ފުރިހަމަކުރަން ޖެހޭ އެޕްލިކޭޝަން ފޯމް ޖެންޑާ މިނިސްޓްރީންނާއި އެމިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު