މުނިފޫހިފިލުވުން

ސަލްމާން ހާން ހުށަހަޅައިދޭ ބިގްބޮސް 15 ޕްރިމިއާ ކޮށްފި

ކޮންމެ އަހަރަކުވެސް ސަލްމާން ހާން ހުށަހަޅައިދޭ މަގުބޫލު ޓީވީ ޝޯ ބިގްބޮސް ޕްރިމިއާ ކޮށްފިއެވެ.

ރޭ ކަލާސް ޓީވީގައި ބިގްބޮސް 15 ކުލަގަދަ ހަފުލާއަކާއެކު ޕްރިމިއާކޮށްފައިވާއިރު މިއަހަރުގެ ޝޯގެ ގިނަ ބައިވެރިން ވަނީ ތައާރަފުކޮށްފަ އެވެ. ބިގްބޮސް ޕްރިމިއާ ޝޯ ރޭ ނިންމާލާފައިވަނީ ސަލްމާންހާން އާއެކު ސްޓޭޖުގައި ރަންވީރު ސިންގް ގުޅޭ ހިސާބުންނެވެ. މި ޝޯގެ ބާކީބައި މިރޭ ބެލުންތެރިންނާ ހަމައަށް ގެނެސްދޭން ވަނީޫ ހަމަޖައްސައިފަ އެވެ.

އެހެން އަހަރުތަކާ ހިލާފަށް މިފަހަރުގެ ބިގްބޮސްގައި ބައިވެރިން ބިގްބޮސް ގެއަށް ވަނުމުގެ ކުރިން ޖަންގައްޔެއްގައި ދިރިއުޅެން ވަނީ ހަމަޖެހިފައެވެ. ބިގްބޮސް15 ގެ ކުރިން ކަރަން ޖޯހަރު އާއެކު ކުރިއަށް ގެންދިޔަ ''ބިގްބޮސް އޯޓީޓީ''ގައި ބައިވެރިވި ނިޝާންތު ބަޓް، ޕްރަތީކް ސެހަޖްޕާލް އަދި ޝަމީތާ ޝެޓީ މިރޭގެ އެޕިސޯޑުގައި ބިގްބޮސް 15 އާއި ގުޅުމަށް ވަނީ ހަމަޖެހިފަ އެވެ.

ރޭގެ އެޕިސޯޑުގައި ބިގްބޮސް15 އަށް ތައާރަފުކުރި ބައިވެރިންގެ ތެރޭގައި ޖޭ ބަނުޝަލީ، ވިޝާލް ކޯޓިއާ، ތެޖަސްވީ ޕްރަކާޝް، ވިދީ ޕާންޑިޔާ، ސިމްބާ ނާގްޕަލް، އުމަރް ރިޔާޒް ހިމެނެއެވެ. އުމަރް ރިޔާޒް އަކީ ބިގްބޮސް13 ގައި ރަނަރަޕަށް ދަތުރުކުރި އާސިމް ރިޔާޒްގެ ބޭބެ އެވެ. އުމަރް ރިޔާޒްގެ އިތުރުން ދެން ޝޯއާ ގުޅުނު ބައިވެރިންގެ ތެރޭގައި ޑޮނާލް ބިޝްތު، ލެޝާން ސެހެގާލް އަދި އަކާޝާ ސިންގް، ކަރަން ކުންދުރާ، މައިޝާ އައްޔަރު، ސާހިލް ޝްރޮފް، އަފްސާނާ ހާން ވަނީ ތައާރަފުކޮށްފަ އެވެ.

މިފަހަރުގެ ބިގްބޮސްގައި ބޮލީވުޑް ތަރި ރިއާ ޗަކްރަބަތީ ބައިވެރިވާކަމުގެ ވާހަކަތަކެއް ފެތުރިގެން ގޮސްފައިވީނަމަވެސް، އޭނާ ވަނީ އެކަން ދޮގުކޮށް އިންސްޓަގުރާމް ޕޯސްޓެއް ކޮށްފައެވެ.