އިނގިރޭސިވިލާތުގެ ރެޑް ލިސްޓުން ރާއްޖެ ނެގުމާއެކު އެގައުމުގެ ގައުމީ އެއާލައިން، ބްރިޓިޝް އެއާވޭސްގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު އަލުން ހުޅުވާލި ފަހުން ބްރިޓިޝް އެއާވޭސް އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާއި ލަންޑަންގެ ހީތްރޯ އެއާޕޯޓާ ދެމެދު ދަތުރުތައް ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

ނަމަވެސް ކޮވިޑް ފެތުރޭތީ އިނގިރޭސި ވިލާތް ލޮކްޑައުން ކުރުމުން ބްރިޓިޝް އެއާވޭސްގެ ދަތުރުތައް އަނެއްކާވެސް މެދުކަނޑާލިއެވެ. އެ ދަތުރުތައް އަލުން ފެށީ ހުސްވި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

އެ ދަތުރުތައް ދެން މެދުކަނޑާލީ އިނގިރޭސި ވިލާތުގެ ރެޑް ލިސްޓަށް ރާއްޖެ ލުމުންނެވެ. އެ ލިސްޓުން ރާއްޖެ ނަގާފައި ވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހުއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ، އެމްއޭސީއެލުން ބުނީ ބްރިޓިޝް އެއާވޭސްގެ ދަތުރުތައް މިއަދު އަލުން ފަށާފައިވާ ކަމަށެވެ. އަދި ލަންޑަންގެ ހީތްރޯއާއި މާލެއާ ދެމެދު ކޮންމެ ދުވަހަކު ދަތުރެއްތައް ބާއްވާނެ ކަމަށް ބުންޏެވެ.