ސޯޅަ އަހަރުގެ ޔުއާނާއަކީ ނަދީމާއާއި ޒަމީރުގެ ހިތުގެ ހަމަޖެހުމެވެ. އެދެމަފިރިން ޔުއާނާ ގެންގުޅެނީ ބޭނުން ހުރިހާ ކަމެއް ކޮށްދީގެންނެވެ. ތައުލީމު ހާސިލުކުރަން ރާއްޖެއިން ބޭރަށް ފޮނުވަން އެމީހުން ބޭނުންވިޔަސް އެމީހުންގެ ލޯކުރިމަތިން ޔުއާނާ ގެއްލުމުގެ ހިތާމައަށް ކެތްނުވާނެތީ އެކަން އޮތީ މަޑު ޖެހިފައެވެ.

ފަން ފަށުވިކޮޅެއް ކަހަލަ ކަޅުކުލަ ގަދަ އިސްތަށިގަނޑުގެ ތެރެއިން ޔުއާނާގެ ރީތި މޫނުނު ފެންނަނީ ފުރިހަމަ ހަނދެއްހާ އަލިކޮށެވެ. ޔުއާނާގެ ފަރި ހިނިތުންވުން ފެންނަ ކޮންމެ ޒުވާނެއްގެވެސް ހިތުގައި އަސަރެއް ހިނގާނެކަން ޔަޤީނެވެ. ޝާމިނަކީ އަންހެން ކުދިންނާއި ދޭތެރޭ މާބޮޑު ސަމާލުކަމެއް ހުންނަ މީހެއް ނޫނެވެ.

އެހެން ނަމަވެސް ޔުއާނާއާމެދު ޙާއްސަ ޝައުގުވެރިކަމެއް ފުރަތަމަ ފެނިލުމާއެކުވެސް ދެވިއްޖެއެވެ.

”ސޮރީ.“ ޔުއާނާ މާފަށް އެދުނެވެ.

ސައިކަލު ބްރޭކް ޖެއްސުމަށްފަހު ޝާމިން ދިމާ ކުރިމައްޗަށް ހުއްޓުނު ރީތި މަލެއް ކަހަލަ އަންންހެން ކުއްޖާއަށް ބަލާލިއެވެ.

”ސޮރީ ބުނަން ޖެހެނީ މަށެއްނު...“ ޝާމިން ހިނިތުންވެލިއެވެ. ”ބަލައި ނުލާ މިދުއްވަނީ މަވިއްޔަ. ތިކަހަލަ ރީތި ކުއްޖަކަށް އަނިޔާއެއް ނުވިކަން ނަސީބެއްނު!“

ޔުއާނާ ހުރީ ވިލުނޫ ކުލައެއްގެ މިޑީ ހެދުމެއްގައެވެ. ބޮލުގައި ޖަހާފައި ހުރި ހުޅިން ކޮންމެވެސްވަރަކަށް ދޫވެފައި ހުރި އިސްތަށިތައް ހޭވިފައި ވުމުން ޔުއާނާގެ ރީތިކަން ދެގުނަ އިތުރު ކޮށްދެއެވެ.

”މާބާރަށް ތިދުވަނީޔޯ...!“ޝާމިން ބޭނުންވީ ރީތީގެ ލާމަސީލު ފުރިހަމަ އަންހެން ކުއްޖާއާއި އެކުވެރިކަން ބަދަހިކޮށްލާށެވެ.

”މިދަނީ އޭޑީކޭ ކުރިމަތީގައި އެހެރަ ފާމަސީއަށް ބޭހެއް ގަންނަން...“ ވާހް. ވާހަކަ ދެއްކުމުގައިވެސް އެހެރީ ކޮންފަދަ ފޮނިކަމެއް ހެއްޔެވެ.

”ޝާމިން.. އެއްބައި އަނެއްބައި މާލެ... އުޅެ ބޮޑުމިވަނީ މާލޭގައި...“ ޝާމިން އޭނާގެ އަތް ދިއްކޮށްލިއެވެ.

”ޔުއާނާ... މާލެ... މަންމަވެސް.... ބައްޕަވެސް.... އެންމެންވެސް މާލެ...“ޔުއާނާ ޝާމިން ދިއްކޮށްލި އަތުގައި ހިފާ ސަލާން ކޮށްލިއެވެ.

ޔުއާނާއާއި ޝާމިންގެ އެކުވެރިކަން ޔުއާނާގެ ގޭގެ ދޮރާށިބުޑުން، އާޓިފިޝަލް ބީޗުގެ ގޮނޑިތަކުން، ބައެއް ކޮފީޝޮޕްތަކުގެ އެކަހެރި މޭޒުތައް ދޮށުން، ސަލްޓަންޕާކްގެ ހިލަގޮނޑިތަކުގެ މަތިން، ޝާމިންގެ ސައިކަލުގެ ފަހަތުން، ދުވަހެއް ދުވަހަކަށް ތަރައްގީވަމުން އެކުވެރިކަމުގެ ކުލަ ތަފާތުވަމުން ދިޔައީ ވަރަށް އަވަސް ގޮތަކަށް އެހާމެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ.

”ލޯބިވެވުނީ... ގަސްތުގަ ކުރި ކަމެއް ނޫން. ފުރަތަމަ ފަހަރަށް ޔުއާނާ ފެނުމުންވެސް ހިތަށް ކޮންމެވެސް ގޮތެއްވި. އަސްލުވެސް ޝާމިނަށް ޔުއާނާ ވަރަށް ރީތި. ވަރަށް ކަމުދޭ. ނުބުނެ ހުންނާނެ ކެތްތެރިކަމެއް އިތުރަކަށް ނެތް. ޔުއާނާ ޝާމިނާއެކު އުޅެން ބޭނުން ނޫނިއްޔާ މިވާހަކަ މިއީ ނުދައްކާ ވާހަކައަކަށް ހެދިއްޔާ ވަރަށް ރަނގަޅު..."

ޔުއާނާ ގޮވައިގެން ސައިކަލުގައި ޝާމިން އައިސް ހުރީ ލޮނުޒިޔާރަތްކޮޅު ތޮށިގަނޑު ކައިރީގައެވެ. މިރެއަށްޓަކައި ޝާމިން ހުރީ ވަރަށް ތައްޔާރު ވެގެންނެވެ.

ފިނިފެންމާ ކުލައިގެ އަތްކުރު މައްޗަކާއި ގަދަމުށިކުލައިގެ ސްކާޓުގައި ޔުއާނާގެ ދޮންކަން ވިދަމުންދިޔައެވެ. ޔުއާނާގެ ދިގު ރީތި ފަޔާއި ކުޑަކަޅުވާގެ އަސަރު ޝާމިންގެ ހިތުގެ އެންމެ ހިމަ ނާރުވެސް ރޫރޫ އަޅުވަމުން ދިޔައެވެ. ފަރި ހަރަކާތަކާއެކު އިސްތަށިތަކުން ކޯތާފަތް ސަލާމަތް ކުރަމުން ޔުއާނާ އޭނާގެ ފިނިފެންމަލުގެ ފިޔައެއްހާ ނާޒުކު ތުނި ތުންފަތުގެ ކަނުން ތަންކޮޅެއްގައި ދަތްއަޅަމުން ރަކި ފާޑަކަށް ހިނިތުންވަމުން ޝާމިނަށް ބަލާލިއެވެ.

ހަތަރުކަޅި ހަމަވި ވަގުތު ޝާމިނަށް ހީވީ އެއް ފަހަރާ އެތައް ރީތި ރާގުތަކެއްގެ އަޑާއެކު މަލުގެ ބަގީޗާއަކަށް ވަދެވުނު ހެނެވެ. ޔުއާނާގެ ފަރި ހިނިތުންވުމުގެ ކުރިމަތީގައި ރީތީގެ ރާނީންވެސް ލަދުން ފަހަތަށް ޖެހޭނެކަން ޔަޤީނެވެ.

”ޝާމިންގެ ދުލުން ތިހެން ބުނޭތޯ އާނާ އިންތިޒާރުކުރާތާ ކޮން ދުވަހެއް...“ ޔުއާނާ ޝާމިނާ ގާތަށް ޖެހިލިއެވެ.

"ވިޝް" ސެންޓްގެ ލުއި ވަހަކީ ޔުއާނާގެ ޚާއްސަ ވަހެވެ. އެވަހުން ޝާމިންގެ ހިއްސުތައްވެސް މަސްތު ކޮށްލި ކަހަލައެވެ. ޝާމިން އޭނާގެ ގަމީހުގެ ގޮއްތަކާއި ކުޅެލި ޔުއާނާގެ ހޯލި އިނގިލިތަކުން އިނގިއްޔެއްގައި އޭނަގެ ދެއިނގިލިން ހިފަހައްޓާލިއެވެ.

”މަހަމަ އެހާ ނަސީބު ރަނގަޅުތަ...؟ އަދިވެސް ހަމަ ޤަބޫލުކުރަން އުދަނގޫ...“

”ޝާމިން ކަހަލަ ރީތި ސްމާޓް ހޭންޑްސަމް ޕްރިންސަކު ލޯބިވާން އާނާ މީ ކާކު...؟“

”އައްދެ... މަށަކީ ހަމަ ވަރަށް އާދައިގެ މީހެއް... ޕްރިންސްއަކަށް ވާނެ އެއްވެސް ކަމެއް ނެތް.... އެކަމަކު....“ ޝާމިން ޔުއާނާގެ ދެކޮޑުގައި ހިފާލިއެވެ. އަދި ޔުއާނާގެ ކަންފަތާއި މޫނު ކައިރިކޮށްލިއެވެ.

”ޔުއާނާ ތިއީ ހަމަ އަސްލުވެސް ރީތި ރީތި ޕްރިންސަސްއެއް.... ތިދެލޯ.... ކުޑަކުޑަ ނޭފަތް.. ތުންފަތުގެ ރީތި ވާހަކަ ހެވީ ނުދެއްކިއްޔާ!... އެހާ ރީތި ފުރިހަމަ ޝޭޕަކަށް ހުންނަނީ... މޮޑެލްއަކުވެސް ޔުއާނާ ފެނުނީމަ ހަސަދަވެރި ވާނެހާ ލޫޅާފަތި... އަސްލުވެސް އަދިވެސް މަށަށް ޔުއާނާ ލިބުނުކަމާމެދު ޔަޤީންނުކުރެވޭ....“

ޝާމިނާއި ޔުއާނާގެ ލޯބީގެ ގުޅުން ނޭނގޭ މީހުން މަދެވެ. ޝާމިންގެ މަންމައާއި ބައްޕައަށްވެސް މިކަން ސިއްރެއް ނުވިއެވެ. ކަންތައް ދިމާވީ ހީވެސް ނުކުރާ ކަހަލަ ގޮތަކަށެވެ. ޔުއާނާގެ މައިންބަފައިން ކަނޑައެޅިގެން މިގުޅުމަށް ދެކޮޅު ހެދިއެވެ.

އެހެންނަމަވެސް ޔުއާނާ، ޝާމިނާ ބައްދަލުކުރުމަށް އެކި ގޮތްގޮތުން ސިއްރު ސިއްރުން އައުމެއް ނުހުއްޓިއެވެ. ޔުއާނާއާއި ޝާމިންގެ ގުޅުން ދުވަހަކަށްވުރެ ދުވަހެއް ގަދަފަދަ ވަމުން ހަރުދަނާވަމުން ދިޔައެވެ.

ޝާމިން އޭނާގެ ސާނަވީ ތައުލީމީ ހަޔާތުގެ އެންމެ ފަހު އަހަރު ކަމަށްވާތީ ރަނގަޅު ނަތީޖާއަކަށް ހިންމަތާއެކު ގަދައަޅައި މަސައްކަތަ ކުރަމުން ގެންދިޔައެވެ.

ޝާމިންގެ މަންމައާއި ބައްޕައަށް ޔުއާނާއާއި ޝާމިންގެ ގުޅުން އެނގުނު ނަމަވެސް އެކަމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކައެވެ. ސަބަބަކީ މިދުވަސްކޮޅު ޝާމިންއަށް އެއްވެސް ކަހަލަ ހާސްވުމެއް އުދނގުލެއް ކުރިމަތިވާން އެމީހުން ބޭނުންނުވާތީއެވެ.

ޝާމިންގެ ރެއާއި ދުވާލުގެ ހުރިހާ ވަގުތެއްހެން، ކޮންމެ ކަމެއްގައި އުޅުނަސް، ޔުއާނާގެ ޚިޔާލުތައް އަބަދުވެސް އޭނާގެ ހިތާއި ސިކުނޑީގައި ހަރުލާފައި ހުރެއެވެ. ސްކޫލުގައި ޝާމިނަކީ ހުރިހާ މުދައްރިސުންގެ ލޯތްބާއި ޔަގީންކަން ލިބިފައިވާ ދަރިވަރެއް ކަމުން ފަހަކަށް އައިސް ޝާމިނަށް އައިސްފައި ހުންނަ ބަދަލު އެމީހުނަށް ފާހަގަ ނުކުރެވި ނުދިޔައެވެ. ހުރިހާ މުދައްރިސުންހެން ޝާމިނާ ސުވާލުވެސް ކުރިމެއެވެ.

“ފަހަކަށް އައިސް ޝާމިން ކޮންކަމަކަށް ގެއްލިފަ ހުންނަނީ... ކޮން ޚިޔާލެއްގަ އަބަދު ހުވަފެނީ މޫޑެއްގަ ހުންނަނީ ކީއްވެ... އަބަދު ހެވިފަ ހުންނަނީ ކޮންކަމަކާ...." ކޮންމެވެސް އެއް މުދައްރިސަކު އަހާލައެވެ.

“އާރ ޔޫ އިން ލަވް އޯ ސަމްތިން ލައިކް ދެޓް އިޒް ގޮއިން އޮން...." ކެމިސްޓްރީ ޓީޗަރުގެ އެންމެ ޚާއްޞަ ދަރިވަރަކީ ޝާމިނެވެ.

“ކަލޭ ފަހަކަށް އައިސް ތާއަބަދު ގެއްލިފަ ތިހުންނަނީ ކޮން ދުނިޔެއަކަށް... އަނެއްކާ މިހާރު ސައިކުގަ އަބަދު ފަހަތަށް ލައިގެން ތިއުޅޭ މަންޖެދެކެ ލޯބިވީތަ.." ރައްޓެހިން ޝާމިންގެ މިބަދަލާމެދު ސުވާލުކުރިއެވެ.

ޝާމިންގެ ހަޔާތުގެ އެންމެ އުފާވެރި ހަނދާންތަކެއް ގުޅިފައި ވަނީ އެދުވަސްތަކާއެވެ. ޔުއާނާގެ މަންމަ ސާފުބަހުން ޝާމިނާ ދެކޮޅެވެ. ޝާމިނާ އެއްވެސް ގޮތަކަށް ބައްދުވެ އުޅުން ޔުއާނާއަށް އޮންނަނީ ހަރުކަށި ކަމާއިއެކު މަނާކޮށްފައެވެ.

އެހެންނަމަވެސް ޔުއާނާ އެކި ބަހަނާ ދައްކައިގެން ކޮންމެވެސް އެއްގޮތަކުން ޝާމިނާ ބައްދަލުކުރެއެވެ. ބައެއް ފަހަރު ގެއަށް ދިއުމުން މަންމަގެ ހަރުކަށި އަޑުލުމާއި ކުރިމަތިލާން ޖެހުނަސް އެފަދަ ވަގުތުތަކުގައި ޝާމިނާއެކު އުޅެވުނު އުފާވެރި ޚިޔާލުތަކުގެ ތެރެއަށް ގެއްލިހުރެގެން މަންމަގެ ހަރުކަށި ބަސްތައް ޔުއާނާގެ ކަންފަތުގައި ޖެހިފައިދާ ވައިރޯޅިއެއް ކަމަށް ޔުއާނާ ހަދާލައެވެ. ފަހަރެއްގައިވެސް މައިންބަފައިންނަށް ސިއްރުން އެމީހުންނާއި ދެކޮޅަށް ހޯދަމުން ގެންދާ އުފަލާއި ހިތްހަމަޖެހުމުގެ ނަތީޖާ ހިތަށް ނާރާވަރުގެ، ކެތްކުރަން ދަތި ހިތާމައަކަށް ވެދާނެ ކަމެއް އެއްގޮތަކަށްވެސް ހިއެއް ނުކުރެއެވެ.

މައިންބަފައިން ދަރިން ބަލާބޮޑުކުރަނީ އެތަކެއް އުއްމީދަކާއި ހުވަފެންތަކެއް އެކުދިންގެ މައްޗަށް ބަރޯސާ ކޮށްގެނެވެ. އެކުދިންގެ އުފާތަކާއި އެކުދިންގެ ހިތްހަމަ ޖެހުމަށްޓަކައި މައިންބަފައިން އެތަކެއް ގުރުބާނެއް ވެއެވެ.

އެކަމަކު ހަމައެއާއެކު ބައެއް މައިންބަފައިން ދަރިންގެ ފަރާތުން އެދެނީ އެމީހުން ދަރިން ބަލާބޮޑުކުރި ކަމުގެ އަގު ލިބިގަންނަން ކަހަލައެވެ. ދަރިންގެ ހަޔާތުގެ ބައިވެރިއަކު އެކުދިން އަމިއްލައަށް ހޯދައިފިނަމަ ކަމުނުދަނީ އެބައިވެރިއެއްގެ މައްސަލައެއް ނެތަސް މައިންބަފައިން އެދޭފަދަ ކޮންމެވެސް ކަމެއްގެ ޝަރުތު ފުރިހަމަ ނުވާތީއެވެ.

ޝާމިންގެ އަޑު ކަރުތެރޭގައި ބެދިއްޖެއެވެ. ކޮންމެވެސް ހަނދާނެއް އޭނާގެ ހިތަށް ތަދުކޮށްލައިފިއެވެ. ކިޔައިދެމުން ގެންދިޔަ ވާހަކަ މެދުކަޑާލަމުން ޝާމިން ކަރުކެހިލިއެވެ

“ފެންފޮދެއް ދީފާނަންތަ...."

ޝާމިންގެ ވާހަކަ އަޑު އެހުމުގައި ގެއްލިފައި އިން ޝައުފާ ސިހިފައި ބަލާލިއެވެ.

ޝާމިންގެ މުށިކުލައިގެ ރީތި ލޮލާއި ހަތަރުކަޅި ހަމަވި ވަގުތު ޝައުފާއަށް ހީވީ އޭނާގެ މެއަށް ހޫނު ފެން އެއްޗެއް އޮއްސާލީހެނެވެ. އެލޮލުގައި ޔުއާނާއަށްޓަކައި ފޮރުވިފައިވާ ވިދުމެއް އޭނާއަށް އިހްސާސްކުރެވުނެވެ.

މިފާޑުގެ މީހުންވެސް ލޯބިވޭބާވައެވެ. ފޮތުގައި ލިޔެފައި އެއޮންނަ ލޯބިވާ މީހުންވެސް އެބައުޅޭތާއެވެ.

"ފެންފޮދެއް..ދޯ..."

ޝައުފާ ތެދުވެގެން ގޮސް އަލަމާރިން ކުޑަ ފެންފުޅިއެއް ނަގައިގެން އައިސް ޝާމިނަށް ދިއްކޮށްލިއެވެ.

"އެއީ ވަރަށް ރީތި ކުއްޖެއްތަ... މިހާރުވެސް ހަމަ އެދުވަހު ފެނުނުހާ ރީތިތަ... " އަނެއްކާވެސް އެނދުގައި އިށީންނަމުން ޝައުފާ އަހާލިއެވެ.

"ޔުއާނާ... އާނ... އެއީ ހަމަ ވަރަށް ރީތި ކުއްޖެއް... ވަރަށް މަޑުން ހުންނާނީވެސް... އަބަދުވެސް ހިނިތުންވެފަ ހުންނާނީ... ފުރަތަމަވެސް އަޅައިގަތް އެއްކަމަކީ... ވަރަށް ރީތި ބައްޓަމެއް ހުންނާނީ... އެހާ ޓޯއިވެފަ މަޖާވާނެ... ބައެއް ފަހަރު ސްޓުޕިޑްވެސް ވާނެ.. ވަރަށް ލޯބިކޮށް ހޭނީ.... މިހާރުވެސް އަދިވެސް މަށަށްހަމަ ވަރަށް ރީތި..." ފެންތަށި ހުސްކޮށްލާފައި ޝައުފާގެ އަތަށް ޝާމިން ތަށި ދިއްކޮށްލިއެވެ.

"ދެން.. ދެން ކިހިނެއްވީ... ކީއްވެ މައިންބަފައިން ދަރިންގެ ހޮވުމަށް ދެކޮޅު ހަދައޭ ބުނީ ކީއްވެ.. ހޫމހޫނ.. އަސްލު އެއްބައި ސީންތައް ކިޔައިނުދީ ތިކުރިއަށް ދިޔައީ... މިސާލަކަށް ފުރަތަމަ އެކުގައި ހިނގާލަންދިޔަ ކަހަލަ... ފުރަތަމަ ކައިރިވެލާފަ ކުރި ޚާއްޞަ ކުޑަކަމެއްގެ ވާހަކަ ކަހަލަ...."

ޝައުފާ ބޭނުންވީ ޝާމިންގެ ވާހަކަ ކުރިއަށް ގެންދިއުމަށެވެ. އެވާހަކަތަކުގައި ފޮރުވިފައިވަނީ ކޮންފަދަ ކަމެއްކަން ދެނެގަންނަން ޝައުފާ އިނީ ވަރަށް ޝައުގުވެރިވެފަވެ. ޝައުފާގެ އެވާހަކައަށް ޝާމިނަށް ހީނގަނެވުނެވެ.

""ޔުއާނާއާ ބެހޭ ކޮންމެ ކަމެއްވެސް ވަރަށް ޚާއްޞަ.... އޭގެ ތެރެއިން ބައެއް ވާހަކަ މި ކިޔައިދެނީ... ހުރިހާ ވާހަކައެއް ކިޔައިދޭނީ ކިހިނެއް.. ކޮންމެ ދުވަހަކީ އެތައް ކަމެއް ހިނގާ ދުވަހެއް.. އެކަމަކު ވަރަށް ބޮޑަށް ހަނދާން ހުންނަ ބައެއް ކަހަލަ ދުވަސް ދުވަހުގެ ވާހަކަ ކިޔައިދީފާނަން..."

ޝާމިންގެ ވާހަކަ އަޑުއެހުމަށް ކުޑަކުއްޖަކު ޕަރީންގެ ވާހަކައެހުމަށް ޝައުގުވެރިކަމާއެކު ތައްޔާރުވެ އިށީންނަ ގޮތަށް ޝައުފާވެސް އެނދުގައި ހަމަޖެހިލީ ބާލީހެއް ނަގާ އުނގަށްލައި ދެފައި ވަށްކޮށްލަމުންނެވެ.

"ދޭންވީ.. އިނގޭ... ނުދޭނަންތަ..."

ސްނިކާސް ޗޮކްލެޓެއް ކާން އިން ޔުއާނާގެ އަތުގައި ހިފާ ގާތަށް ޖައްސާލަމުން ޝާމިން ބުނެލިއެވެ. ބައިގަޑިއެއްހާ އިރު، ކުރިން ޔުއާނާ ގޮވައިގެން އައިސް ތޮށިގަނޑުމަތީ އިނށީދެގެން އިނދެ ޝާމިން ދައްކަމުން ދިޔައީ "ސެރެންޑިޕިޓީ" ކިޔާ އިނގިރޭސި ފިލްމެއްގެ ވާހަކައެވެ.

ކުއްލިއަކަށް ޝާމިންއާއި ދާދި ގާތުގައި އިން ޔުއާނާ އޭނާއާ ގާތަށް ބޮޑަށް ޖެހިލަމުން އޭނާގެ ކޯތާފަތުގައި ތުންފަތް ޖައްސާލިއެވެ. ސިހިގެން ގޮސް އެނބުރި ބަލާލި ވަގުތު ޝާމިންގެ ތުންފަތުގައި ޔުއާނާގެ ނޭފަތް ޖެހި ފިތިގެން ދިޔައެވެ. ހަމަ އެންމެ ފަޅި ސިކުންތެއްގެ ހާދިސާއެކެވެ. ދެމީހުންގެ ގައިންމެ ހީވީ ކަރަންޓް ރާޅެއް ދުވެލިހެނެވެ. ހުރިހާ ނާރުތަކުގައި އެއްފަހަރާ އިލެކްޓްރިކް ޝޮކެއް ޖެހުނު ކަހަލައެވެ.

"ދެޓް ވޯޒް އަވާ ވެރީ ފަސްޓް ކިސް... ސްޓިލް... އަދިވެސް ހަނދާން ހުރޭ.... ވަރަށް އިލެކްޓްރިފައިން މޯމެންޓެއް އެއީ.. ނޭނގޭ ބުނެދޭކަށް..."

ޝައުފާއަށް ޝާމިންގެ އަޑަށާއި ކަޅިއަށް އައި ބަދަލު ކިތަންމެހާވެސް ރަނގަޅަށް ފާހަގަ ކުރެވުނެވެ. އިންތިހާއެވެ. އޭނާއަށް ފެނުނީ ލޯތްބާއި ވޭނުގެ އިންތިހާ އެކުލެވިފައިވާ އިހްސާސެކެވެ.

ޔުއާނާ ދުރަށް ޖެހިލަމުން ރަކިވެފައި އިސްޖަހާލިއެވެ. އަދި އަތުގައި އޮތް ކުޑަކޮތަޅުން ޗޮކްލެޓެއް ނަގާ ކާންފެށިއެވެ.

"އަދި އެއްފަހަރު... މިކޮޅަށް ޖެހިބަލަ... ހަމަ އެންމެ ފަހަރަކު..."

"އުނހު... ނު.. ނުނޫން... ނުލިބޭނެ..." އަޅައަޅައިގަންނަމުން ޔުއާނާ ބުނެލިއެވެ.

"އޯކޭ... އަމުދުން ނުވެސް އުޅެން.." ޝާމިން ދެކޮޑު އަރުވާލިއެވެ. އަދި އަނެއްކާވެސް ވާހަކަ ކުރިއަށް ގެންދިޔައެވެ. "އާނ... ދެން އެފިލްމުގަ އެނގޭތަ... އެރޭ ލިފްޓުން އަރައިގެން އަންހެން ކުއްޖާ...."

މިފަހަރު ޝާމިންގެ ކުރިމަތީގައި ހުއްޓި އޭނާގެ އަތުގެ ތެރެއަށް ވަދެ ބޮނޑިވެލަމުން ޔުއާނާ އޭނގެ މޫނާއި ކައިރިވެލިއެވެ. ނުފޮޅޭ ތާޒާ މަލެއްފަދަ ޔުއާނާ އޭނާގެ ހިތުގެ އެންމެ ހިމަނާރަށްވެސް އަސަރު ކުރުވިއެވެ.

"ތިޔޯ.. ނުދޭނަމޭ ބުނީމެއްނު... ދެން ތިޔޯ..." ވައި އަޑަކުން ޔުއާނާގެ ކަންފަތްދޮށުގައި ޝާމިން އަހާލިއެވެ.

"ޝާމިން ބުނީ އާނާ އުއްމިއެއް ނުދީފިއްޔާ މަރުވެދާނެޔޯ... އެހެންވެ މިދިނީ... އާނާ އަކަށް ޝާމިން މަރުވާކަށް ދުލެއް ނުކުރެވޭނެއެއްނު...."

ފަރި އަދާއަކާއެކު ނިސްވާނީ ހޫނުމަކުން ޝާމިންގެ ހިތްފުރާލަދެމުން ޔުއާނާ ޝާމިންގެ އަތުގައި ހިފާލިއެވެ.

އަނެއްކާވެސް ޝާމިންގެ އަޑު ބެދިއްޖެއެވެ. މިފަހަރު އެ ދެލޮލުން ކަރުނައިގެ ތެތްކަން ޝައުފާއަށް ފެނުނެވެ.

އަތުގައި ހުރި ފެންތަށިން ފެންކޯވަރަކުން ކަރުތެރެ ތެންމާލަމުން ޝާމިން އޭނާގެ ޖީބުން ސިނގިރޭޓް ފޮށިނަގާ އެއިން އެކަތި ރޯކޮށްލިއެވެ. ޖައްވުގެ ތެރެއަށް ދޫކޮށްލި ދުމުގެ ބޮޅުބޮޅު ތެރެއިން ޔުއާނާގެ މަލެއްގެ ފިޔަހާ ނާޒުކު ތުންފަތާއި އެރީތި ކަޅިރަވަ އޭނާއަށް ސިފަކުރެވުނެވެ.