ލައިފް ސްޓައިލް

ފެންނަ ފެނުމަށް ހިތްގައިމު ތުރުކީގެ މި އަވަށް ފުރިގެން ވަނީ ފަޅު ގެ ތަކަކުން

މިއީ ތުރުކީގެ މުރުޑުނު ގައި ތަރައްގީ ކުރަން ފެށި ބުރުޖް އަލް ބަބާސް ކިޔާ ކުޑަކުޑަ އަވަށެކެވެ. އެއް އިރެއްގައި މުއްސަނދިންނަށް ހާއްސަކުރި މި އަވަށް މިހާރު މިވަނީ ވީރާނާ ވާން ދޫކޮށްލައިފައެވެ.

ޑިޒްނީ ކާޓޫނުތަކުގައި ފެންނަކަހަލަ ގަނޑުވަރުތަކެއް ގޮތަށް ފަރުމާކުރެވިފައިވާ ވިލާ ތަކަކީ ފަޅު ގެ ތަކެކެވެ. 200 މިލިއަން ޑޮލަރު ހަރަދުކޮށްގެން ސެރޮޓް ގުރޫޕުން ފަރުމާކޮށްފައިވާ މިކަހަލަ ތިން ބުރީގެ 732 ވިލާއެއް މި ސަރަހައްދުގައި ހެދުމަށް މީގެ ކުރިން ވަނީ ނިންމައިފައެވެ. ގަލްފުގެ މުއްސަނދި އާއިލާ ތަކަށަށް ވިއްކުމަށާއި ފަތުރުވެރިންގެ މަންޒިލެއްގެ ގޮތުގައި ތަރައްގީކުރުމަށް ނިންމާފައިވާ މި އަވަށުގައި ސިނަމާއަކާއި، ޝޮޕިން ސެންޓަރެއްގެ އިތުރުން ސްޕޯޓްސް ކޮމްޕްލެކްސެއް ހެދުމަށްވެސް އެގުރޫޕުން އޭރު ވަނީ ނިންމައިފައެވެ. ޕުލޭނާއި އެއްގޮތަށް 2014 ވަނަ އަހަރު މަސައްކަތް ފަށައި ކުރިއަށް ގެންގޮސް ގެތަކުގެ އަގުތައް 370،000 އާއި 530،000 އެމެރިކާ ޑޮލަރުގައި ނީލަން ކިޔުނެވެ.

ހަބަރުތައް ބުނާގޮތުގައި ކުރީކޮޅުގައި އެ ވިޔަފާރި ވަރަށް ރަނގަޅެވެ. ނަމަވެސް 2018 ވަނަ އަހަރުން ފެށިގެން ވިޔަފާރި ދަށް ވާން ފަށައި ޕުރޮޖެކްޓު މުޅިން ނުނިމެނީސް ވަނީ ބަނގުރޫޓު ވެފައެވެ.

މިއަދު އެތަނުގައި އިމާރާތް އެއްކޮށް ފުރިހަމަ ނުވެ ހުރި 530 ގެ ހުރިއިރު އެތަންތަން ބަލަހައްޓާނެ ވެރިޔަކު ނެތެވެ. މި ޕްރޮޖެކްޓު ފޭލިވުމުގެ ޒިއްމާ ސެރޮޓް ގުރޫޕުގެ ޗެއާމަން މެހްމަތު އެމިން ޔެރުޑެލެން އަޅުވަނީ މި ވިލާތައް ބޮޑު އަގުގައި ގަތުމަށްފަހު ފައިސާ ނުދެއްކި މީހުންގެ ބޮލުގަ އެވެ. ހުއްރިއްޔަތު ޑެއިލީ ކިޔާ ނޫހަކަށް އޭރު ދިން އިންޓަވިއުއެއްގައި އޭނާ ބުނިގޮތުގައި އެތަނުން ގަލްފުގެ ގައުމުތަކަށް ވިއްކި ވިލާ ތަކުގެ ތެރެއިން 7.5 މިލިއަން ޑޮލަރުގެ ފައިސާ ކުންފުންޏަށް ވަނީ ނުލިބިއެވެ. އޭނާ ހާމަކުރިގޮތުގައި ކޯޓުން އެ ވިޔަފާރި ބަނގުރޫޓުވި ކަމަށް ކަނޑައަޅާފައިވަނީ އެކަމުން ރައްކާތެރިކޮށްދިނުމަށް ކޯޓުގައި އެދިފައިވަނިކޮށެވެ. އަދި މިމައްސަލަ އިސްތިއުނާފު ކުރާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އޭނާ ހުރީ ބަނގުރޫޓުވެފައިވާ މި ވިޔަފާރި އަލުން އަނެއްކާ ވެސް ކޮޅަށް ޖެހޭނެ ކަމުގެ އުއްމީދުގައެވެ.

ބުރުޖް އަލް ބަބާސްގައި ހުރި ވިލާތައް---

އިންޓަވިއުގައި އޭނާ ބުނިގޮތުގައި އެއްކޮށް މަސައްކަތް ނިމި ވިއްކާލަން ތައްޔާރަށް ހުރި 250 ވިލާ އެތަނުގައި އެއިރުވެސް ހުއްޓެވެ. ''އެތަނުން 100 ވިލާ ވިއްކާލައިގެންވެސް ދަރަނި ފޫބައްދައި ވިޔަފާރި އަލުން ކޮޅަށް ޖެހިދާނެ'' މެހެމަތު ބުނެފައިވެއެވެ. އޭނާ އިތުރަށް ފާހަގަކުރިގޮތުގައި 4-5 މަސްދުވަހުގެ ތެރޭގައި އެ ހާލަތުން އަރައިގަނެވޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި އެ ސަރަހައްދުގެ ކޮންމެވެސް ބައެއް 2019 ވަނަ އަހަރުގެ މެދުތެރޭގައި ހުޅުވާލުމަށް ވިސްނާފައި އޮތް ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

2019 ވަނަ އަހަރުގެ ނޮވެމްބަރު ހިސާބުގައި ދަރަނީގެ %50 ސެރޮޓް ގުރޫޕުން ދައްކައި ކޯޓުގެ ނިންމުން ވަނީ ބަދަލުކޮށްފައެވެ. އަދި ނުނިމި ހުރި އިމާރާތްތައް ނިންމުމުގެ ހުއްދަ ކުންފުންޏަށް ލިބިފައިވެއެވެ. ނަމަވެސް މަސައްކަތަށް އަނެއްކާވެސް މަޑުޖެހުމެއް އައީ ފިނިމޫސުމުގެ ދުވަސްތަކާއި ކުރިއަށް ލައިގަތް ކޮވިޑުގެ ހާލަތެވެ.

ފަޅަށް އޮތް މި އަވަށް މިހާރުވެސް ވަނީ ފަތުރުވެރިންގެ މަގުބޫލު މަންޒިލަކަށް ވެފައެވެ. ގިނަބައެއްގެ ސަމާލުކަން ހުއްޓިގެންދާ ބުރުޖް އަލްބަބާސް ގައި ވީރާނާވަމުންދާ ވިލާތަކަށް ގިނަބަޔަކު ޒިޔާރަތްކޮށް ވީޑިއޯ އާއި ފޮޓޯ ނަގަމުން ދެއެވެ.