މާލެ ތަރައްގީކުރުމުގެ މަޝްރޫއުތަކަށް ސައުދީ އަރަބިއްޔާގެ އެހީ ހޯދަން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކޮށްފައި ވަނީ މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، ސައުދީ އަރަބިއްޔާއިން ރާއްޖެ ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މާތުރެހް އަބްދުﷲ އެމްއަލްދަސަންއާއެކު އިއްޔެ ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

ސައުދީ އެމްބަސީގައި ބޭއްވި ބައްދަލުވުމުގައި ސައުދީ ސަރުކާރުގެ ފަރާތުން މާލޭގެ ތަރައްގީއަށް ބޭނުންވާ އެހީތެރިކަމާ ބެހޭގޮތުން މޭޔަރު މުއިއްޒު މަޝްވަރާކުރެއްވިއެވެ.

އެގޮތުން މިހާރު ހިންގަމުން އަންނަ އަދި ކުރިއަށް ރޭވިފައިވާ މަޝްރޫއުތަކުގެ ތެރެއިން އެހީތެރިކަން ދެވިދާނެ އަދި ޝައުގުވެރިކަން ހުރި މަޝްރޫއުތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

ސައުދީއަކީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް އެހީތެރިކަން ފޯރުކޮއްދޭ ގައުމެކެވެ. އެގޮތުން ސަލްމާނު މިސްކިތާއި އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުއަށްވެސް ސައުދީ ސަރުކާރުގެ އެހީ ރާއްޖެއަށް ވަނީ ލިބިފައެވެ.