ރާއްޖޭގެ ޖަލުތަކަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް ހެކިވެވަޑައިގަންނަވާ ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "އެކްސްކްލޫސިވް" ޕްރޮގްރާމްގައި މިނިސްޓަރު މިއަދު ވިދާޅުވީ މި ވެރިކަމަށް ދެ އަހަރުވާން ގާތްވެފައިވަނިކޮށް ރައީސް ޔާމީނާ ޖަލުން ބައްދަލުވި ކަމަށާއި އެދުވަހު ރައީސް ޔާމީންވެސް ޖަލުތަކަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށް ގަބޫލުކުރެއްވި ކަމަށެވެ.
"މަނިކުފާނު ވެރިކަމުގައި ހުންނަވައިގެން ފަސް އަހަރު ދުވަހުގެ ތެރޭގައި ނުކުރައްވާ ވަރަށް، މާ ގިނަ މަސައްކަތް އަޅުގަނޑުމެން ދެ އަހަރު ދުވަހުގެ ތެރޭގައި ކޮށްފީމޭ. މިހުރީ ނޫންހޭ އައިސް ހުރި ބަދަލުތައް. ރައީސް ޔާމީން ވިދާޅުވީ، އިމްރާން މިތާހުރެ ކަންކަން ފެނިގެން ދިޔައީމަ ނޫންހޭ. ތިމަންނަވެސް މިހާރު މިތަނުން ނުކުމެވިއްޖިއްޔާ ދެން ގެންނަންޖެހޭ ބަދަލު ގެންނާނަމޭ. އަޅުގަނޑު ދެންނެވިން މަޑުކޮށްލައްވާށޭ މަނިކުފާނަށް ފުރުސަތު ލިބިވަޑައިގަންނަވަންދެން. އަޅުގަނޑުމެން ބަދަލު ގެނެސްފިން. އެމަނިކުފާނު ހެކިވެވަޑައިގެންނެވި އެ ބަދަލު އައިސްފި ކަމަށް އެދުވަހު،" މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ޖަލުގެ ހާލަތަށް ބަދަލުތައް އަދިވެސް ގެންނާނެ ކަމަށާއި ނަމަވެސް މިއީ ވަރަށް ބޮޑެތި މަސައްކަތްތަކަށް ވުމުން ވަރަށް ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަށެވެ. އަދި ވަރަށް ގިނަ ފަރާތްތަކާއި އެކުގައި ކުރަންޖެހޭ މަސައްކަތްތަކަކަށް ވުމުން ދުވަސް ނަގާނެ ކަމަށެވެ. ނަމަވެސް ވަރަށް ބޮޑެތި ބަދަލުތަކެއް ޖަލުތަކަށް ގެނެވިފައިވާ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ސިޔާސީ އެއްވެސް ގައިދީއަކު ތަޖުރިބާ ކުރަން ނުޖެހުނު އެތަށް ކަމެއް އޭނާ ތަޖުރިބާ ކޮށްފައިވާ ކަަމަށެވެ. އެގޮތުން ޒުވާނުންގެ ތެރެއިން އެންމެ ބޮޑެތި އަދި އެންމެ ނުރައްކާތެރި ކުށްތައް ކޮށްފައިވާ ފަރާތްތަކާ އެކު ގާތްގަނޑަކަށް 100 ދުވަސް ޖަލުގައި ހޭދަކުރަން ޖެހުނު ކަމަށް ވިދާޅުވިއެވެ.
"އެކުދިން ގާތްގަނޑަކަށް ކޮންމެ 10 ދުވަހުން 15 ދުވަހުން ބަދަލުވަމުން ދިޔައިރު، އަޅުގަނޑު ހުރީން އެތަނުގައި އެކަހަލަ އެތައް ބެޗެއް އައިސް ދިޔަ އިރުގައި. އެހެންވީމަ ވަރަށް ބައިވަރު މަންޒަރު ފެނި، ވަރަށް ބައިވަރު ތަޖުރިބާ ކުރެވުން." މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ހޯމް މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެންނެވީ ޖަލުތަކުގެ އެ ހާލަތަށް ވަރަށް ބޮޑު ބަދަލެއް ގެނައުމުގެ އަޒުމެއްގައި ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު