އަދާލަތު ޕާޓީގެ ލީޑާޝީޕްގައި ގިނަވާނީ ތައުލީމީ ޒުވާނުން ކަމަށް އެޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ، އަދާލަތު ޕާޓީއަކީ، އިލްމީ ގާބިލު ޒުވާނުންނަށް ފުރުސަތު ހުޅުވާލެވިފައިވާ ޕާޓީއެއް ކަމަށާއި އެޕާޓީއަކީ ވަކި ޖިންސަކަށް ފުރުސަތު އޮތް ޕާޓީއެއް ނޫން ކަމަށެވެ.
"ޕާޓީގެ ސިޔާސަތުތައް ބައްޓަން ކުރުމަށް ޓަކައި މިއަދު ޕާޓީގެ ލީޑާޝިޕްގައި ގިނަވާނީ ދުނިޔޭގެ ރަނގަޅު ޔުނިވަސިޓީތަކުން ކިޔަވައިވަޑައިގެން ތިއްބެވި ޒުވާން ބޭފުޅުން. ވިސްނުންތެރިކަން ހުރި އިލްމީ އަދި ގާބިލު ދެ ޖިންސުގެ ޒުވާނުންނަށް އަދާލަތު ޕާޓީން ފުރުސަތު އެބަ އޮތް." މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ، އަދާލަތު ޕާޓީ ވުޖޫދުވެގެން އައިއިރުގައި އެޕާޓީގެ ލީޑާޝިޕްގެ 85 ޕަސެންޓާއި 90 ޕަސަންޓާއި ހަމައަށް ތިބީ، އިސްލާމިކް ޔުނިވަސިޓީތަކުން ތައުލީމު ހާސިލުކޮށްގެން ތިބި ދީނީ އިލްމުގެ ބޭފުޅުން ކަމަށެވެ.
އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕަކީ އިލްމީ ލީޑަޝިޕެއްކަން ފާހަގަކުރައްވައި އިމްރާން ވިދާޅުވީ، ޕާޓީގެ އެއް ނައިބަކީ ފަތުރުވެރިކަމުގެ ދާއިރާއިން ޕީއެޗްޑީ ނަންގަވައިގެން ހުންނެވި ބޭފުޅެއް ކަމަށެވެ. ޕާޓީގެ އަނެއް ނައިބު ރައީސަކީ އިކޮނޮމިސްޓެއްކަން ފާހަގަކުރައްވައި މިނިސްޓަރު އިމްރާން ވިދާޅުވީ، ދެން ހުރި ނައިބު ރައީސަކީ އައިޓީ ދާއިރާއިން އިލްމު އުނގެނިފައިވާ ބޭފުޅެއް ކަމަށެވެ.
"އަޅުގަނޑުމެން ހިންގަން މިއުޅެނީ ޖަމިއްޔާއެއް ނޫން. އަޅުގަނޑުމެން ހިންގަން މިއުޅެނީ ސިޔާސީ ޕާޓީއެއް. އެހެންވީމަ ސިޔާސީ މަސައްކަތް ކުރުމަށް ޓަކައި، އެކަމަށް ލިބެން ޖެހޭ ފުރިހަމަ ހުނަރާއި ގާބިލުކަން ލިބިގެންވާ މީހުން އެކަން ކުރަން ނެރެން ޖެހޭ." މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިމްރާން އިތުރަށް ވިދާޅުވީ، އަދާލަތު ޕާޓީ ވުޖޫދުވެގެން އައީ، އެޕާޓީގެ އުސޫލުތަކާ ހަމަތައް ގަބޫލުކުރާ، ޕާޓީގެ ވިސްނުމާއި ސަގާފަތާއި އަހުލާގު ހިފަހައްޓާ އިލްމީ ބޭފުޅުންނަށް ފުރުސަތު ދިނުމަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު