އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021 ގައި ރާއްޖެއިން ކުޅޭ ފުރަތަމަ މެޗަށް މިރޭ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. ތަށި ދިފާއުކުރަން ނުކުންނަ އިރު ރާއްޖެއަށް ފެށުން ރަނގަޅު ކުރަން މުހިއްމެވެ. ރަނގަޅު މުބާރާތެއް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގެ ފުރިހަމަ ޒިންމާ ނަގައި، ޓީމުގެ ކެޕްޓަން ބޭންޑުގައި މިފަހަރުވެސް ނުކުންނާނީ 2018 ވަނަ އަހަރުގެ ކާމިޔާބު ކެޕްޓަން އަކުރަމް އަބްދުލްޣަނީ (އަކޫ)އެވެ. ނ. މާފަރަށް އުފަން އަކޫގެ ލީޑާޝިޕްގައި މިފަހަރުވެސް ޓީމު ނުކުންނައިރު، އޭނާގެ އާއިލާއާ ސާފްގެ ތަށްޓާ ވަނީ ވަރަށް ބޮޑަށް ގުޅި ލާމެހިފައިވެސް މެއެވެ.

ފުރަތަމަ ފަހަރަށް، ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން 2008 ވަނަ އަހަރު ހޯދި ޓީމުގެ ކެޕްޓަނަކީ އައްސަދު އަބްދުލް ގަނީއެވެ. ދެވަނަ ފަހަރަށް ތަށި ގެނައީ އައްސަދުގެ ކޮއްކޮ، އަކޫގެ ކެޕްޓަން ކަމުގައެވެ. ދެވަނަ ތަށްޓާއެކު މުޅި އާއިލާއަށް ފަހުރުވެރި ވަގުތު ކޮޅެއް އައިއިރު، އެ ވަގުތުގެ ހާއްސަކަން ދަނޑުމަތިންވެސް ފެނިގެން ދިޔައެވެ. ބަންގްލަދޭޝްގައި 2018 ވަނަ އަހަރު ކުޅުނު ސާފް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުގެ ފަހު ކަށިގަނޑާއެކު އުފަލުން ރޮމުން ދަނޑު މައްޗަށް އެންމެ އަވަހަށް އެރި އެކަކީ އައްސަދުއެވެ. އައްސަދު އެންމެ ފުރަތަމަވެސް ބައްދާލީ ކޮއްކޮ އަކޫ ގައިގައެވެ.

"އަޅުގަނޑުމެންގެ އާއިލާއާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއްގެ ގޮތުގައި މި ބެލެވެނީ މި ކަމަކީ. ފުރަތަމަ ގައުމަށް ތަށްޓެއް ހޯދައިދިންއިރު، ބޭބެ ބޭންޑް އަޅައިގެން ހުރީ. ދެ ވަނަ ފަހަރަށް ކާމިޔާބު ކުރިއިރު އަޅުގަނޑު އަތުގައި ބޭންޑް އޮތީ. އަނެއްކާ މިފަހަރުވެސް އަޅުގަނޑު މިހިރީ ބޭންޑް އަޅައިގެން،" އަކޫ އިއްޔެގެ ޕްރެސްގައި ބުނެފައިވެއެވެ.

ކެޕްޓަން ބޭންޑަށް ކޯޗު އަލީ ސުޒޭންގެ އެންމެ ބޮޑު އިތުބާރެއް އޮތީވެސް އަކޫއަށެވެ. ސުޒޭން ފާހަގަކޮށްފައިވާ ގޮތުގައި އަކޫ ފަދަ ކުޅުންތެރިންގެ ލީޑާޝިޕާއެކު ޓީމު ގެންގުޅެން ފަސޭހަވިއެވެ. ޒިންމާ ނެގުމުގައި އަބަދުވެސް ފާހަގަ ކޮށްލެވޭ ނަމޫނާ ކެޕްޓަން އަކޫގެ ނަޒަރުގައި އޭނާއާއެކު ޓީމަށް ބޭނުން ވަނީ ދިވެހި ހުރިހާ ރައްޔިތުންގެ ލޯތްބާއި، ހެޔޮ ދުއާއެވެ.

" އަޅުގަނޑު ދެކޭ ގޮތުގައި މިއީ އަޅުގަނޑު ބޮލުގައި އެޅިފައި އޮތް ޒިންމާއެއް. އެ ހުރިހާ ޒިންމާއާ އެކު އަޅުގަނޑުމެން ޓީމާ އެކު މި ނިކުންނަނީ ތަށި ހޯދަން. މި ޓީމުގެ ފެންވަރު އެބަހުރި. އިންޝާﷲ މި ގައުމުގައި ކުޅެގެން މި ތަށި ކާމިޔާބު ކުރަން މި ނުކުންނަނީ. ހަމަ ދިވެހި ރައްޔިތުންގެ ތަރުހީބާއި ހެޔޮ ދުއާ އަޅުގަނޑު ބޭނުންވަނީ. ކާމިޔާބު ކުރެވޭނެ އިންޝާﷲ،" އަކޫ ބުނެފައިވެއެވެ.

ގައުމު އުނދަގޫ ހާލަތެއްގައި އޮތް މި ދަނޑިވަޅުގައި ސާފް ޗެމްޕިއަންޝިޕުން އުފާވެރިކަމެއް ގެނެސް ދިނުމަކީ ޓީމުގެ ކޮންމެ ކުޅުންތެރިއެއްގެވެސް އަމާޒެވެ. ހާއްސަކޮށް ކެޕްޓަން އަކޫ ވަނީ ކުރިންވެސް އެކަން ސާބިތުކޮށްދީފަ އެވެ. އަކޫ ބުނެފައި ވަނީ ރައްޔިތުންގެ ހިތްހަމަ ޖެހުމަށް، ރައްޔިތުންނަށް ޓަކައި ސާފްގެ ތަށި ތިންވަނަ ފަހަރަށް ހޯދަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުޅުންތެރިން ކުރާނެ ކަމަށެވެ.