ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މިއަހަރުގެ "އެޕްރެންޓިސްޝިޕް ޕްރޮގްރާމް" ގެ ބައިވެރިންނަަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.

އެޗްޑީސީން ބުނީ، ގައުމަށް ހިދުމަތް ކުރާނެ ދިވެހިން ބިނާ ކުރުމުގެ މަގުސަދުގައި އެ ކުންފުނިން ކުރިއަށް ގެންދާ، "އެޕްރެންޓިސްޝިޕް ޕްރޮގްރާމް" ގެ ހަތަރު ވަނަ ޕްރޮގްރާމް ފުރިހަމަކުރި ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށް ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވާފައިވާ ކަމަށެވެ. އަދި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ މިނިސްޓާ އޮފް ހަޔާ އެޑިޔުކޭޝަން، ޑރ. އިބްރާހީމް ހަސަން ކަމަށެވެ.

އެގޮތުން މި އަހަރު 55 ބައިވެރިން "އެޕްރެންޓިސްޝިޕް ޕްރޮގްރާމް" ނިންމައި ސެޓްފިކެޓް ހާސިލުކޮށްފައިވާ ކަމަށާއި، މި އަހަރުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް 60 ބައިވެރިންނަށް، އަދި މިހާރުވެސް އެ ކުންފުނީގައި މަސައްކަތް ކުރަމުން އަންނަ 30 މުވައްޒަފަކަށް މި ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުސަތު ދީފައިވާނެ ކަމަށެވެ.

ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ނޭޝަނަލް ލެވެލް 3 ގެ ސަނަދެއް ލިބޭ އިރު، ހަ ދާއިރާއަކުން ބައިވެރިން ތަމްރީނުކޮށްފައި ވާނެ ކަމަށެވެ. އެގޮތުން ހަތަރު މަސްދުވަހުގެ މި ޕްރޮގްރާމްގައި، ހެވީ ވެހިކަލް، ވެލްޑިންގް، މޭޝަނަރީ، އަދި ގާޑަނިންގް، ގެ އިތުރުން އިލެކްޓްރިކަލް ކޮންސްޓްރަކްޝަން ދާއިރާ ހިމެނޭ ކަމަށްވެސް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން އިތުރަށް ބުނީ، ގިނަ ދާއިރާ ތަކުން ގާބިލު ޒުވާނުން ބިނާކުރުމާއި، ޒުވާނުންގެ ކުރިއެރުމަށް އެ ކުންފުނިން ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްދޭނެ ކަމަށާއި، އަދި ޕްރޮގްރާމް ނިމިގެންދާއިރު އެންމެ ރަނގަޅު ފަރާތްތަކަށް އެ ކޯޕަރޭޝަނުގައި ވަޒީފާގެ ފުރުސަތުތައް ހުރި މިންވަރަކުން ވަޒީފާބެސް ހަމަޖައްސައިދޭނެ ކަމަށެވެ.