ޚަބަރު

އޭސީޕީ ޖަމްޝީދާއި އަހުމަދު މުހައްމަދު ވަކިކުރަން ނޯޓިސް ފޮނުވައިފި

ފުލުހުންގެ ހިދުމަތުގެ އިސްލާހަށް ފުލުހުންގެ ބޯޑުން ވަޒީފާއިން ވަކި ކުރަން ލަފާދީފައިވާ އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު (ޓޫފޯ) މަގާމުން ވަކިކުރަން ނޯޓިސް ފޮނުވައިފިއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އެ ދެ ބޭފުޅުން މަގާމުން ވަކި ކުރުމަށް ނޯޓިސް ފޮނުވާފައިވަނީ މިއަދުއެވެ. އަދި އެ ނޯޓިސްގެ މުއްދަތު އަންނަ މަހުގެ ތެރޭގައި ހަމަވާނެއެވެ.

އޭސީޕީ ޖަމްޝީދާއި ޓޫފޯ ވަނީ 2019 ވަނަ އަހަރުން ފެށިގެން މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައެވެ.

ބޯޑުން ދެން ލަފާދީފައިވަނީ އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި ޗީފް ސުޕްރިޓެންޑެންޓް މުހައްމަދު ދާއޫދު ވަކިކުރުމަށެވެ. ނަމަވެސް މި ބޭފުޅުން ވަކި ކުރުމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ނިންމަވާފައެއް ނުވެއެވެ.

ފުލުހުންގެ އާ ގާނޫނުގެ ދަށުން އެކުލަވާލި ޕޮލިސް ބޯޑުން ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމާފައިވާ ފަރާތްތަކުގެ ލިސްޓު ފޮނުވާފައިވަނީ މިދިޔަ މަހުގެ ނުވަވަނަ ދުވަހުއެވެ. އަދި އެކަން ތަންފީޒު ކުރާނީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދެވެ.

ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ފާސްކުރި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ފުލުހުންގެ ލީޑަޝިޕްގައި ތިއްބަވަނީ ގާބިލު ބައެއްތޯ ފުލުހުންގެ ބޯޑުން ކަށަވަރުކުރަން ޖެހެއެވެ. އަދި އެކަން ކުރަން އަންގާފައި އޮންނަނީ ގާނޫނަށް އަމަލުކުރަން ފަށާތާ ހަތަރު މަސް ދުވަހުގެ ތެރޭގައެވެ. އެ މުއްދަތު މިދިޔަ މަހުގެ 10 އަށް ހަމަވެފައެވެ.

ގާނޫނުގައިވާ ގޮތުން ޕޮލިސް ކޮމިޝަނަރު ފިޔަވައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްއިން ފެށިގެން މަތީ ރޭންކުގެ ކޮމިޝަންޑް އޮފިސަރުން، ފުލުހަކަށް ވީތީ އެ މީހަކަށް ލިބިފައިވާ ގާނޫނީ ބާރާއި އިހުތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށް، ލާއިންސާނީ އަނިޔާވެރި އަމަލެއް ނުވަތަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭތޯ ބަލަން ޖެހޭނެއެވެ.

އަދި އެފަދަ މައްސަލައެއް ދައުލަތުގެ އިދާރާއަކަށް ނުވަތަ ކޮމިޝަނަކަށް ރިޕޯޓުކުރެވިފައިވާ އޮފިސަރުންނަކީ މަގާމަށް އެކަށޭނަ ތައުލީމާއި ހުނަރާއި މަސައްކަތުގެ ތަޖުރިބާ އާއި ނަޒާހަތްތެރިކަން ހުރި އޮފިސަރުން ކަމާމެދު ގޮތެއް ޕޮލިސް ބޯޑުން ކަނޑައެޅަން ޖެހޭނެއެވެ.

ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކިކުރަން ފުލުހުންގެ ބޯޑުން ނިންމި ނިންމުމުގެ ސައްހަކަން ކަށަވަރު ކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމެޓީ)އަށް ވަނި ހުށަހަޅައިފައެވެ. އެ މައްސަލަ ހުށަހެޅީ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމެވެ.