ރައްޔިތުން މަޖިލިސް ކާށިދޫ ދާއިރާ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ވަގުތުން ހައްޔަރުކޮށް، ޝަރުއީ ގޮތުންނާއި ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކާށިދޫ ކައުންސިލުން ގޮވާލައިފިއެވެ.
ކާށިދޫ ކައުންސިލުން މިގޮތަށް ބުނެފައި މިވަނީ އިސްލާމްދީން ނޫން އެހެން ދީންތަކުގެ މީހުންނަށް ރާއްޖެ އައިސް ނަމާދު ކުރެވޭ ގޮތް ހެދުމަށް މެމްބަރު ޖާބިރު މަޖިލިސް ތަޅުމުގައި އިއްޔެ ވާހަކަ ދައްކަވާފައިވާތީއެވެ.
ކާށިދޫ ކައުންސިލުގެ ފަސް މެމްބަރުންގެ ސޮއިކުރައްވައި މިއަދު ނެރުނު ގަރާރުގައި ބުނެފައިވަނީ ރާއްޖޭގެ އެންމެހާ ރައްޔިތުންނަކީ މުސްލިމުން ކަމުގައިވެ، މުސްލިމަކަށް ނޫނީ ރާއްޖޭގެ ރަށްވެހިކަން ނުލިބޭ ގޮތަށް ގާނޫނު އަސާސީގައި ލިޔެ ކަނޑައަޅާފައިވާ ކަމަށެވެ. އެހެންކަމުން ޣައިރު ދީންތަކުގެ ޝިއާރުތައް ރާއްޖޭގައި ފާޅުކުރުމަކީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުން މަނާކޮށް ކަނޑައެޅިފައިވާ ކުށެއް ކަމަށެވެ.
އެހެން ނަމަވެސް މަސައްކަތްތެރިންގެ ގޮތުގައި ނުވަތަ ފަތުރުވެރިންގެ ގޮތުގައި ރާއްޖެއަށް ޒިޔާރަތްކުރާ ޣައިރު މުސްލިމުންނަށް، އެމީހުންގެ ބާތިލު ދީންތަކުގެ ޝިއާރުތައް އާންމުކޮށް، ފާޅުގައި އަޅުކަން ކުރެވޭ ގޮތަށް އެ ދީންތަކުގެ ފައްޅިތަކާއި އަޅުކަން ކުރާ ތަންތަން ރާއްޖޭގައި އެޅުމަށް ފުރުސަތު ފަހިކޮށްދީ، ދީނީ މިނިވަންކަން ދިނުމަށްދިނުމަށް ޖާބިރު ގޮވާލާފައިވާ ކަމަށެވެ.
އިސްލާމްދީނުގެ އަސްލުތަކާއި ރާއްޖޭގައި އަމުރުކުރުމަށް ހެދިފައިވާ ގާނޫނުތަކާ ޖާބިރު ހިލާފުވެފައިވާތީ، އެ ކައުންސިލުން ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
"ޖާބިރު ހައްޔަރުކޮށް، ތަހުގީގުކޮށް، ޝަރުއީ ގޮތުންނާއި ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ސަރުކާރާއި ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް ގޮވާލަން،" ގަރާރުގައިވެއެވެ.
ދީނީ މިނިވަންކަން ދިނުމަށް ގޮވާލައި ޖާބިރު ދެއްކެވި ވާހަކަތަކަކީ ކާށިދޫ ދާއިރާގެ ރައްޔިތުން ތަމްސީލުކޮށް އޭނާ ދައްކަވާފައިވާ ވާހަކަތަކެއް ނޫން ކަމަށާއި އަދި މަޖިލީހުގައި ޖާބިރު ވާހަކަ ދައްކަވާއިރު، ޒިންމާދާރުކަމާއެކު، ދާއިރާގެ ރައްޔިތުންގެ އިހުސާސްތަކަށް ބެއްލެވުމަށްވެސް ކައުންސިލުން ވަނީ އެދިފައެވެ.
ދީނީ މިނިވަންކަން ދިނުމަށް ގޮވާލައި ޖާބިރު ވާހަކަ ދެއްކެވި މައްސަލަ މަޖިލީހުގެ އިދާރާއިން ވަނީ ބަލަން ފަށައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު