Close
ޚަބަރު

ސީމަނުންގެ ރީތި މާޒީީ އަލުން އިއާދަކުރުމަށް މަސައްކަތް ކުރަން ޖެހޭ: ނަހުލާ

ރިފާ ހަލީލު

މީގެ ކުރިން ރާއްޖޭގައި އޮތް ސީމަނުންގެ ރީތި މާޒީީ އަލުން އިއާދަކުރުމަށް މަސައްކަތްކުރަން ޖެހޭ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ނަހުލާ މިހެން ވިދާޅުވީ ކަނޑު ދަތުރުފަތުރު ކުރުމުގެ ބައިނަލްއަގުވާމީ ދުވަހާ ގުޅިގެން ދެއްވި ހިތޯބުގަ އެވެ.

މިނިސްޓަރު ނަހުލާ ވިދާޅުވީ ކަނޑުދަތުރުފަތުރު މެދުވެރިކޮށް މުދާ އުފުލުމަކީ ފާއިތުވެދިޔަ އެތައްހާސް އަހަރެއްގެތެރޭ ދުނިޔޭގެ ވިޔަފާރީގެ މައިބަދަ ކަމުގައި ވެގެންގޮސްފައިވާ ކަމަށާއި ދުނިޔޭގެ ވިޔަފާރީގެ 90 އިންސައްތަ މުދާ އެއްބައްރުން އަނެއް ބައްރަށް އުފުލުމަށް ބޭނުން ކުރެވޭ އެންމެ އިތުބާރު ކުރެވޭ، ހަރަދުކުޑަ ވަސީލަތަކީ ކަނޑުމަގުން މުދާ އުފުލުން ކަމަށެވެ.

ސީމަނުންނަކީ ގައުމުގެ އިގްތިސޯދަށް ވަރަށް މުހިންމު ބައެއް ކަމަށާއި ކަމާގުޅޭ ހުރިހާ ފަރާތަކަށް ސީމަނުންނަށް ކުރިއެރުމަށް މަސައްކަތް ކުރުމަށް މިނިސްޓަރު ނަހުލާ ވަނީ ގޮވައިލައްވައިފަ އެވެ. އަދި ވިދާޅުވީ މީގެ ކުރިން ރާއްޖޭގައި އޮތް ސީމަނުންގެ ރީތި މާޒީީ އަލުން އިއާދަކުރުމަށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އެކަމުގެ ސަބަބުން އިގުތިސޯދީ މަންފާ ގައުމީ އަދި ފަރުދީ ފެންވަރުގައި ލިބި، ފުދުންތެރި އިގުތިސޯދެއް ބިނާ ކުރުމަށް މިކަމުން އެހީތެރިކަން ލިބޭނެ ކަމަށް ވިދާޅުވި އެވެ.

"އައިއެމްއޯ އަދި އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ) ގެ އެދުމުގެ މަތިން އިންސާނިއްޔަތަށް ހިދުމަތް ކުރުމުގެ ގޮތުން އަޅުގަނޑުމެންގެ ބަނދަރުތަކާއި ބޯޑަރު، ހުޅުވައި ހިދުމަތް ދޭން ފެށުނީ ކޮވިޑުގެ އެންމެ ދަތި އުނދަގޫ ވަގުތުގަ. މި ބަލިމަޑުކަމުގައި ބޭހާއި، ކާބޯތަކެތި އަދި ޒަރޫރީ ބޭނުންތަކަށް ކޮންމެހެން ބޭނުންވާ ތަކެތި މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށް ދިނުމަށް ބޯޓު ދަތުރުކުރާ ދެ މިލިއަނެއްހާ މީހުން ކުރި ބުރަ މަސައްކަތާއި ވީގުރުބާނީ ވަރަށް ފާހަގަ ވެގެންދިޔަ. މިބަލިމަޑުކަމުގެ ތެރޭގައި ގިނަ ގޮންޖެހުންތަކާ އެކުވެސް ޝިޕިންގް އިންޑަސްޓްރީން ކުރި މަސައްކަތް ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަ ކުރެވިގެންދޭ." މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރާ ބެހޭ ދުވަހަށް މިއަހަރަށް ކަނޑަ އަޅާފައިވާ ޝިއާރަކީ "ސީފެއަރާސް: އެޓް ދަ ކޯ އޮފް ޝިޕިން ފިޔުޗާ" އެވެ. ނަހުލާ ވިދާޅުވީ މިސިނާޢަތް ތަރައްގީކޮށް ކުރިއެރުވުމަކީ ވަރަށް މުހިއްމުކަމެއް ކަމަށެވެ. އެގޮތުން މިސިނާއަތް ކުރިއެރުވުމަށް އެންމެ ބޭނުންވަނީ މިކަމުގެ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ގާބިލް މީހުން އުފެއްދުން ކަމަށް ވިދާލުވި އެވެ.

އެހެންކަމުން މިދާއިރާއަށް ބޭނުންވާ މީހުން އުފެއްދުމަށްޓަކައި ގައުމީ ޔުނިވާސިޓީއާއިއެކު އެމްއޯޔޫ އެއްގައި ސޮއިކޮށްފައިވާކަމަށާއި މި އެމްއޯޔޫގެ ދަށުން ޑެކް އޮފިސަރުންނާއި އިންޖީނު އޮފިސަރުން ތަމްރީނު ކުރެވިގެން ދާނެ ކަމަށް ނަހުލާ ވިދާޅުވި އެވެ. އަދި މިކަމުގެ ބޭނުމަކީ ޒުވާނުންނަށް މިދާއިރާއަށް ވަނުމަށް ހިތްވަރުދިނުމާއި މިކަމަށް މިދާއިރާގައި ހުރި ފުރުސަތުތައް ބުނެދިނުން ކަމަށްވެސް ވިދާޅުވި އެވެ.

ބޯޓުދަތުރުފަތުރު ކުރާ ފަރާތްތަކުގެ ހައްގުތައް ރައްކާތެރި ކޮށްދޭނެ ބިލެއް ތައްޔާރުކުރުމުގެ މަސައްކަތް ސަރުކާރާއި ސީފެއަރާސް ރައިޓްސް އިންޓަނޭޝަނަލް (އެސްއާރުއައި) އާއި ގުޅިގެން ކުރަމުންދާކަން އޭނާ ފާހަގަ ކުރެއްވި އެވެ. މި ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުން މިދާއިރާއަށް މީހުން ބިނާ ކުރުމަށާއި މިދާއިރާ ތަރައްގީކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރލުން ލިބޭނެކަމުގެ ޔަގީންކަން ނަހުލާ ވަނީ ދެއްވާފަ އެވެ. އަދި މިކަމަށް ސަރުކާރުގެ ކުންފުނިތަކުންވެސް އިސްނެގުމަށް މިނިސްޓަރު ވަނީ ގޮވާލައްވާފަ އެވެ.

ލޯންގް ރޭންޖް އައިޑެންޓިފިކޭޝަން އެންޑް ޓްރެކިން (އެލްއާރުއައިޓީ) އެއްބަސްވުމެއް އިންޑިއާ އެކު މިއަދު ކުރައްވާނެ ކަމަށާއި މި އެއްބަސްވުމުގެ ދަށުން އެކަމަށް ހާއްސަ ޕޯޓަލްއެއް މެދުވެރިކޮށް ރާއްޖެއިން ބޭރަށް ދަތުރުކުރާ އުޅަނދުތައް ޓްރެކް ކުރުމުގެ ހިދުމަތް 24 ގަޑިއިރު ލިބިގެންދާނެ ކަމަށް ނަހުލާ ވިދާޅުވި އެވެ.

"މިސިނާއީ މަސައްކަތުގައި ދިމާވާ ހުރަސްތަކާއި ގޮންޖެހުންތައް ނައްތާލުމަށްޓަކައި އަދި މަސައްކަތްތައް ކުރިއަރުވުމަށްޓަކައި ބޭނުންވާ ކަންތައްތައް ދެނެގަތުމަށް މިދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއެކީ ގާތް ގުޅުމެއް ބާއްވައި ކަންކަމުގައި މަޝްވަރާކުރުމަކީ ވަރަށް މުހިއްމު ކަމެއްކަމުގައި އަޅުގަނޑު ދެކެން." އޭނާ ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރާ ބެހޭ ޖަމްއިއްޔާ އިންޓަނޭޝަނަލް މެރިޓަމް އޯގަނައިޒޭޝަން (އައިއެމްއޯ) ވުޖޫދުވެގެން އައިސްފައިވަނީ 17 މާޗު 1948 ގަ އެވެ. ދިވެހިރާއްޖެއިން މިޖަމިއްޔާގެ މެމްބަރަކަށް ވެފައިވަނީ 31 މެއި 1967 ގައެވެ. އަދި ފުރަތަމަ ފަހަރަށް އައިއެމްއޯ އަށް ދިވެހިރާއްޖޭގެ ފަރާތުން ދާއިމީ މަންދޫބެއް ކަނޑައެޅިގެން ދިޔައީ މިއަހަރުގެ ޖުލައި މަހުގެ ހަ ވަނަ ދުވަހު އެވެ.