ލައިފް ސްޓައިލް

ބިހާރުގެ ބޯކޮށާ މީހަކު އައިޕީއެލްގެ ޑްރީމް ޓީމު ދިމާކޮށްގެން ބޮޑު މުއްސަންޖަކަށް

ކްރިކެޓަކީ އިންޑިއާގައި ވަރަށް މަގުބޫލު ކުޅިވަރެކެވެ. ބިހާރުގައި ދިރިއުޅެމުން އަންނަ އަޝޯކު ކުމާރުގެ އަތުގައި ނަސީބު ހިފީ ކުރިކެޓަށް އޮންނަ ލޯތްބެއްގެ ސަބަބުން އޭނާ ބައިވެރިވި ކުރިކެޓް ފެންޓަސީ ޓީމު ކޮންޓެސްޓެއް ކާމިޔާބުކޮށްގެންނެވެ.

ކްރިކެޓުގެ ޕްރިމިއާ ލީގު (އައިޕީއެލް) ޑްރީމް ޓީމް ކޮންޓެސްޓަކީ ފެންޓަސީ ޕްލެޓްފޯމެއްގައި ބޭނުންވާ ކުޅުންތެރިން ހިމަނައިގެން ޑްރީމް ޓީމެއް އެކުލަވައިލާ ކޮންޓެސްޓެކެވެ. އަޝޯކު ވަނީ ޑްރީމް ޓީމަށް ޗެންނާއި ސުޕަ ކިންގްސް އަދި ކޮލްކަޓާ ނައިޓް ރައިޑާސް އަށް ކުޅުންތެރިން ހޮވާފައެވެ. އަދި ކޮލްކަތާ ނައިޓް ރައިޑާސް ދެ ވިކެޓުން މޮޅުވެ އަޝޯކުގެ ޓީމުވަނީ ކާމިޔާބުކޮށްފައެވެ.

އިންޑިއާގެ ނޫސްތަކަށް ދިން އިންޓަވިއުއެއްގައި އަޝޯކު ކިޔައިދިންގޮތުގައި މެޗަށްފަހު އޭނާ ވަނީ ފުރަތަމަ ޖާގައަށް މައްޗަށް ޖެހިފައިކަމަށާއި އަދި އިނާމުގެ ގޮތުގައި ކަނޑައަޅާފައިވާ އެއް ކުރޯޅު އިންޑިއާ ރުޕީސް ކަށަވަރުކުރެވިފައިވާ ކަމަށެވެ. އޭނާ އިތުރަށް ބުނެފައިވާގޮތުގައި މެޗަށްފަހު އޮފިޝަލަކު އޭނާއަށް ވަގުތުން ގުޅައި ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި 70 ލައްކަ ރުޕީސް އޭނާގެ އެކައުންޓަށް ފޮނުވައިދޭނެ ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް މިފައިސާ އޭނާއަށް ލިބޭނީ ޓެކުހަށް ކެނޑުމަށްފަހުގައި ކަމަށް ވެއެވެ. އެ ހަބަރު ލިބުމާއެކު އުފަލުން އޭނާއަށް އެރޭ ނުނިދޭ ކަމުގައިވެސް އޭނާ ފާހަގަކުރިއެވެ.

އަޝޯކަކީ މަދޫބަނީގެ ނަންނޫރު ޗޯކުގައި ބޯކޮށާ ތަނެއް ހިންގަމުން އަންނަ މީހެކެވެ. އަދި ކޮންމެ އަހަރަކުވެސް ''ޑްރީމް ޓީމް'' ކޮންޓެސްޓުގައި ބައިވެރިވަމުން އަންނަ ކަމުގައި އޭނާ ބުނެއެވެ. އޭނާ ކިޔައިދިން ގޮތުގައި އެންޓްރީ ފީގެ ގޮތުގައި 50 ރުޕީސް ދެއްކުމަށްފަހު އޭނާ ހިޔާރުކުރީ ޗެންނާއީ އެކްސްޕްރެސް އާއި ކޮލްކަތާ ނައިޓް ރައިޑާސް އެވެ. އަދި ނަސީބު ގަދަވާނެއޭ ހީވެސް ނުކުރާ ކަމަށާއި މެޗް ނިމުނުއިރު އޭނާގެ ޓީމު ވަރަށް ރަނގަޅަށް ކުޅެ ކޮންޓެސްޓު ކާމިޔާބު ކުރެވުނުކަން ވަނީ ޔަގީން ވެފަ އެވެ.

އަޝޯކު ފާހަގަކުރިގޮތުގައި ބޯކޮށުމުގެ މަސައްކަތަކީ އޭނާ ވަރަށް ކުރާ ހިތުން ކުރާ މަސައްކަތެއްކަމުން އެކަން ހުއްޓައެއް ނުލާނެ އެވެ. އޭނާއަށް ލިބޭ ފައިސާއިން ދަރަނިތައް އަދާކުރުމަށްފަހު އާއިލާއަށް ޓަކައި ގެއެއް ހެދުމަށް ވިސްނާފައިވާ ކަމުގައި އޭނާ ބުނެއެވެ.

އަޝޯކު މި ކޮންޓެސްޓުން މޮޅުވެފައިވަނީ އޭގައި ބައިވެރިވި މިލިއަނެއްހައި މީހުންނާ ވާދަކޮށްގެންނެވެ. މި ފައިސާގެ އިނާމަކީ ޑްރީމް11 ގައި ކަނޑައަޅާފައިވާ އެންމެ ބޮޑު ފައިސާގެ އިނާމެވެ.

ޑްރީމް 11 އަކީ އިންޑިއާގައި ކުޅެމުން އަންނަ ކުރިކެޓް، ހޮކީ، ފުޓުބޯޅަ، ކަބައްޑީ، ބާސްކެޓްބޯޅަ ފަދަ ކުޅިވަރުތަކަށް އަސްލު ކުޅުންތެރިންގެ ޓީމެއް އެކުލަވާލައިގެން ވާޗުއަލްކޮށް ބައިވެރިވެވޭ ފެންޓަސީ ސްޕޯޓްސް ޕްލެޓްފޯމެކެވެ.