ޚަބަރު

70 އަށްވުރެ ގިނަ ރަށަކަށް އެސްޖީން ހަމަނުވެގެން އެކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރު ކޮށްފި

ރިފާ ހަލީލު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ކައުންސިލްތަކަށް ބޭނުންވާ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) އިން 74 ރަށަކަށް އަދިވެސް ހަމަ ނުވާތީ އެ ކައުންސިލްތަކުގެ އެސްޖީންގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ސިވިލް ސާވިސް ކޮމިޝަނުން އިތުރު ކޮށްފި އެވެ.

ސިވިލް ސާވިސް ކޮމިޝަނުން މީގެ ކުރިން ބުނެފައިވަނީ ކައުންސިލްތަކަށް އެސްޖީން އައްޔަން ކުރުމުގެ ކަންކަން މި މަސްތެރޭގައި ނިމޭނެ ކަމަށެވެ. އެކަމަކު މި މަސް ނިމުނު އިރުވެސް ބައެއް ކައުންސިލްތަކަށް އެސްޖީން ހަމައެއް ނުވެ އެވެ.

ސިވިލް ސާވިސް ކޮމިޝަނުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ 74 ރަށެއްގެ ކައުންސިލްގެ އިދާރީ ހިންގުމުގެ އެންމެ އިސްވެރިޔާގެ މަގާމަށް ކުރިމަތިލާން އަންނަ މަހުގެ 11 ވަނަ ދުވަހާ ހަމައަށް މުއްދަތު އިތުރު ކޮށްފައިވާ ކަމަށެވެ.

ސިވިލް ސާވިސްގެ ގާނޫނު ބުނާ ގޮތުން ކައުންސިލް އިދާރާތަކުގެ ސިވިލް ސާވިސްގެ އެންމެ އިސް ވެރިއަކީ އެސްޖީ އެވެ.

ރަށު ކައުންސިލްގެ އެސްޖީގެ މުސާރައަކީ މަހަކު 9،300ރ. އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 6،800ރ. އެވެ. އަތޮޅު ކައުންސިލްގެ އެސްޖީގެ މުސާރައަކީ މަހަކު 12،130ރ. އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 8،870ރ. އެވެ. އަދި ސިޓީ ކައުންސިލްގެ އެސްޖީގެ މުސާރައަކީ މަހަކު 20،500ރ. އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 15،000ރ. ލިބޭނެ އެވެ.