މުނިފޫހިފިލުވުން

ޑިޕްރެޝަން ހުރިކަން އެނގުނީ ނޫހަކުން އެކަން ފާހަގަކުރުމުން: ކަޕިލް ޝަރްމާ

ކޮމީޑިއަން ކަޕިލް ޝަރްމާ މި ވަނީ އޭނާ ތަހައްމަލު ކުރި ޑިޕްރެޝަންގެ ވާހަކަ މީޑިއާއަކާ ހިއްސާކޮށްފައެވެ. ކަޕިލް ވަނީ 2017 ވަނަ އަހަރު އޭނާގެ ނަފުސާނީ ބަލިހާލަތުގެ ސަބަބުން ކަޕިލް ޝަރްމާ ޝޯ ގެނެސްދިނުން ހުއްޓާލައިފައެވެ.

"ފީވަ އެފްއެމްސް ބައުންސްބެކް ބާރަތު ފެސްޓް" ގައި ވާހަކަދައްކަމުން ކަޕިލް ބުނީ 2017-2018 ވަނަ އަހަރު އޭނާ ޑިޕްރެޝަނާ ކުރިމަތިލައި ދަތި ދުވަސްތަކެއް ހޭދަކުރިކަމަށެވެ. އޭނާއާ އެންމެ ގާތުގައި ހުރެ ހިތްވަރު ލައިދީ ހެދީ އަންހެނުން ގިނީ ކަމުގައި ފާހަގަކުރިއެވެ. އެ އުނދަގޫ ދުވަސްތަކާ ކުރިމަތިލިއިރު އޭނާއަށް ކުރިމަތިވެފައިވަނީ ޑިޕްރެޝަން ކަމެއް ފުރަތަމަ ނޭނގޭ ކަމަށާއި އެކަން ބުނެދިނީ މީޑިއާއިން ކަމަށް އޭނާ ފާހަގަކުރެއެވެ.

''އޭރަކު ގަބޫލެއް ނުކުރަން އެއްވެސް ކަމެއް ބަދަލުވެދާނެއެކޭ، ހުރިހާ ކަމެއްވެސް ދަނީ ގޯހުން ގޯހަށް. ޕޮޒިޓިވް ކޮށް ވިސްނުމަށް ހުރަސް އަޅަނީ ސިކުނޑީގައި ކޮންކަހަލަ ކެމިކަލެއްގެ ސަބަބުން ކަމެއް ނޭނގޭ'' އޭނާ ބުނެފައިވެ އެވެ. އޭގެ އިތުރުން މި އުނދަގޫ ދުވަސްތަކުގައި އެންމެގާތުގައި އާއިލާގެ މެންބަރުން ތިބި ކަމަށާއި ހާއްސަކޮށް އަންހެނުން ދިން ހިތްވަރު ކަޕިލް ވަނީ ފާހަގަކޮށްފައެވެ.

ކަޕިލް ބުނިގޮތުގައި މަންމައަކީ އާދައިގެ ރަށްފުށުގެ މީހެއްކަމުން މަންމައަށް ޑިޕްރެޝަން އާއި ނަފުސާނީ ބަލި ނޭނގިދާނެ ކަމަށާއި އޭނާއަށްވެސް އެކަމުގެ މާ ބޮޑު މައުލޫމާތެއް އެނގިފައި ނުވާ ކަމަށެވެ. ކަޕިލް ބުނެފައިވާގޮތުގައި މީޑިއާއަކުން އޭނާއާ ގުޅުވައިގެން ގެނައި ލިޔުމެއްގައި ''ކަޕިލް ޝަރްމާ ޑިޕްރެޝަންގެ ޝިކާރައަކަށް ވެއްޖެ'' އޮތްތަން ފެނުނު ކަމަށެވެ. އަދި އޭގެ ސަބަބުން އޭނާއަށް ކުރިމަތިވެގެން އުޅޭ މައްސަލައިގެ ހަގީގަތަކީ ޑިޕްރެޝަން ކަމަށް ވިސްނުނު ކަމަށާއި އެކަމަށް ޓަކައި އެ މީޑިއާއަށް ޝުކުރުވެރިވާ ކަމަށްވެސް ކަޕިލް ވަނީ ބުނެފައެވެ.

ކަޕިލް އިތުރަށް ފާހަގަކުރިގޮތުގައި އެނބުރި އަލުން މަސައްކަތަށް ނުކުމެވުނީވެސް އަންހެނުން ގިނީގެ ސަބަބުންނެވެ. ''އޭނާ އަހަރެން ގާތު ބުނި، ޕަބްލިކް އަހަރެން ދެކެ ލޯބިވެއޭ، އަލުން ޝޯތައް ފެށުމުން މީހުން އެކަން ބަލައިގަންނާނެއޭ'' ގިނީގެ ވާހަކަ ދައްކަމުން ކަޕިލް ބުނެފައިވެއެވެ.

2017 ވަނަ އަހަރު ކަޕިލް ދިޔައީ އޭނާގެ ގިނަ ޝޯތަކެއް ކެންސަލް ކުރަމުންނެވެ. ޝޯތަކަށް ލަހުން އައުމުގެ މައްސަލަތައްވެސް ދިޔައީ ޖެހެމުންނެވެ. އެއްފަހަރެއްގައި އޭނާގެ ޝޯއަށް މެހެމާނުންގެ ގޮތުގައި ބައިވެރިވި އަޖޭ ދޭވްގަން އަދި ޝާހްރުކް ހާން ގިނަ ވަގުތުތަކެއް ކަޕިލްގެ އިންތިޒާރުގައި ތިބެން ޖެހުނުކަމުގެ ރިޕޯޓުތަކެއްވެސް އެދުވަސްކޮޅު ފެތުރުނެވެ. އޭގެ އިތުރުންވެސް އެކުގައި މަސައްކަތް ކުރާ މީހުންނާ ގިނަ މައްސަލަތަކެއް ޖެހި އެންމެފަހުން ކަޕިލް ޝަރްމާ ޝޯ ގެނެސްދިނުން ވަނީ ހުއްޓާލައިފައެވެ.

އޭގެ އަހަރެއް ފަހުން، ފެމިލީ ޓައިމް ވިތް ކަޕިލް ޝަރްމާ ޝޯ އަކާ އެކު އެނބުރި އައި ނަމަވެސް އެ ޝޯ އެންމެ ފުރިހަމަ ގޮތުގައި ބަލައިގަނެވިފައެއް ނުވެއެވެ. އެއަށްފަހު ކަޕިލް ޝަރްމާގެ އާ ސީޒަންތަކަކާއެކު އަލުން ކަޕިލް ޝޯ ގެނެސްދޭން ފެށީ ފުރަތަމަ އެޕިސޯޑުގައި ސަލްމާން ހާން މެހެމާނެއްގެ ގޮތުގައި ގެނެސް ދެމުންނެވެ. އަދި ދުވަސްކޮޅަކަށްފަހު ކަޕިލް ޝޯ ކުރިއެކޭވެސް އެއްގޮތަށް ބެލުންތެރިންގެ މެދުގައި މަގުބޫލުކަން ވަނީ ހޯދަން ފަށާފައެވެ. މިއަހަރުގެ ކުރީކޮޅު އޭނާއަށް ފިރިހެއް ކުއްޖަކު ލިބުމުން އާއިލާއަށް ވަގުތުދިނުމަށް ބްރޭކެއް ނެގިއެވެ. ނަމަވެސް ޝޯތައް މިހާރު ކުރިއެކޭ އެއްގޮތަށް ފޯރީގައި ކުރިއަށް ގެންދާއިރު މިހާތަނަށް ކަޕިލް ޝަރްމާ ޝޯގެ 500 އަށްވުރެ ގިނަ އެޕިސޯޑުތައް ވަނީ ގެނެސްދީފަ އެވެ.