އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާ ލޯންޑާކުރަން ބޭނުން ކުރި އެސްއޯއެފް ކުންފުންޏަށް ދައުވާ ނުކުރަން ނިންމާފައިވަނީ ހަމައެކަނި ގއ. ވޮޑަމުލާ ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ ލޯންޑަކުރި މައްސަލައިގައި ކަމަށާއި ނަމަވެސް އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ އެހެން މައްސަލަތަކުގައި އެކުންފުންޏަށް ދައުވާ ކުރެވޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ބުނެފިއެވެ.

ސުޕްރީމް ކޯޓުގައި އިއްޔެ ބޭއްވި ރައީސް ޔާމީންގެ ޝަރީއަތުގައި ޕީޖީން ވަނީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ލޯންޑާކުރަން ބޭނުން ކުރި އެސްއޯއެފް ކުންފުންޏަށް ދައުވާ ނުކުރަން ނިންމާފައިވާ ކަމަށް ބުނެފައެވެ. އެކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކާއި އާންމުންގެ ގިނަ ބަޔަކު ވަނީ ޕީޖީއަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ.

އެކަމާ ގުޅިގެން ޕީޖީން މިއަދު ބުނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި އެސްއޯއެފް ކުންފުނީގެ މައްޗަށް ދައުވާ ނުކުރަން ނިންމީ ހަމައެކަނި ވޮޑަމުލާ ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށް އެ ފައިސާ ލޯންޑަކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކަމަށެވެ. އަދި އެގޮތަށް ނިންމާފައި ވަނީ ކުރީގެ ޕީޖީ އައިޝަތު ބިޝާމް ކަމަށްވެސް ޕީޖީން ބުންޏެވެ.

އެހެން ނަމަވެސް އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ އެހެން މައްސަލަތަކުގައި އެކަށީގެންވާ ހެކި ލިބިފައިވާނަމަ އެކުންފުންޏާ ދެކޮޅަށް ދައުވާ ކުރެވޭނެ ކަމަށްވެސް ޕީޖީން ބުންޏެވެ.

"މުޅި އެމްއެމްޕީއާރްސީ ހިޔާނާތުގައި އެސްއޯއެފްގެ މައްޗަށް ދައުވާ ނުކުރަން ނިންމީކީ ނޫން. ރައީސް ޔާމީންގެ މައްޗަށް ދައުވާކުރާ ޓްރާންސްސެކްޝަންއާ ގުޅިގެން އެސްއޯއެފް ގެ މައްޗަށް ދައުވާ ނުކުރާނެ ކަމަށް ޝަރީއަތުގައި ދެންނެވީ، އެކަމަކު އެމްއެމްޕީއާރްސީގެ ހިޔާނާތުގެ އެހެން މައްސަލަތަކުގައި ދައުވާ ކުރެވޭ ވަރަށް ހެކި ހުރިނަމަ ދައުވާ ކުރާނަން،" ޕީޖީން ބުންޏެވެ.

އެސްއޯއެފްގެ މައްޗަށް ދައުވާ ނުކުރަން ނިންމާފައިވަނީ އެމްއެމްޕީއާރުސީ ކޮރަޕްޝަންގެ ފައިސާ ދައުރު ވި ގޮތުގެ ތެރެއިން ފެންނަން އޮތީ ހަމައެކަނި ޗެކުތަކުން ދައުރުކުރި ފައިސާ ކަމަށާއި، އެހެންނަމަވެސް އިތުރު ގޮތްތަކަށް ފައިސާ ދައުރު ކުރި ގޮތް ދެނެގަނެ އެ ފައިސާ އަނބުރާ ދައުލަތަށް ހޯދުމަކީ މުހިއްމު ކަމެއް ކަމުގައި ދައުލަތަށް ގަބޫލު ކުރެވުނު ކަމަށާއި، އެކަން ކުރެވެން އޮތީ އެސްއޯއެފްގައި ހިމެނޭ ފަރާތްތަކުން ދޭ އެއްބާރުލުމާއި ހެކިބަހުގެ މައްޗަށް ބިނާ ކޮށްގެން ކަމަށް ވުމުން ކަމަށް ދައުލަތުން ވަނީ ވިދާޅުވެފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ ޒިޔަތު ހިންގެވި ހިޔާނާތުގެ ތެރެއިން ފަޅުރަށް ތަކާއި ގިނަ އަދަދެއްގެ ފަޅު ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ގިނަ ފައިސާތަކެއް ވަގަށް ނަގައި އެކި ފަރާތްތަކުގެ އެކައުންޓަށް ޖަމާކޮށްފައިވާއިރު އެ ފައިސާތައް އަދީބުގެ ގާތް މީހުންނަށް ފޯރުކޮށްދޭން ބޭނުން ކުރީ އެސްއޯއެފް ކުންފުންޏެވެ. އެސްއޯއެފް ކުންފުންޏަކީ ވެސް އަދީބާ ގާތް ގުޅުމެއް އޮންނަ ބައެއްގެ ކުންފުންޏެވެ.