ޚަބަރު

އެމްއެންޕީ އުފެއްދުމުގެ ޖަލްސާ އޮކްޓޫބަރު 8 ގައި

އިބްރާހިމް ޒަކީ

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ އަންނަ މަހުގެ އަށްވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

އެކަން އިއުލާން ކުރުމަށްޓަކައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި، ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވީ ޕާޓީ އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަން ކޮމިޝަނުން މިއަދު ދީފައިވާ ކަމަށެވެ.

ފަސްހާސް އަށްވުރެ ގިނަ ފޯމާއެކު އެމްއެންޕީ ރެޖިސްޓްރީ ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ މިމަހުގެ 15 ގައެވެ.

އުޝާމް ވިދާޅުވީ، ރެޖިސްޓްރީ ކުރަން ހުށަހެޅިތާ ކުރު މުއްދަތެއްގެ ތެރޭގައި އެ ޕާޓީ ރެޖިސްޓްރީ ކުރުމަށް ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ އީސީން ދިނީ ގާނޫނާއި ގަވާއިދާ އެއްގޮތަށް ގިނަ ފޯމުތަކެއް ހުށަހަޅާފައިވާތީ ކަމަށެވެ. އަދި އީސީއަށް ހުށަހެޅި 5600 ފޯމުތަކުގެ ތެރެއިން ބާތިލު ކުރީ ވަރަށް މަދު ފޯމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިތުރު ތަފުސީލް ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒު ވިދާޅުވީ، ޕާޓީ އުފެއްދުމަށް ޖަލްސާ ބޭއްވުމަށް ތިން މަސް ދުވަހުގެ މުއްދަތެއް ދިން ނަމަވެސް ހުއްދަ ދިންތާ 10 ދުވަހުގެ ތެރޭގައި ޖަލްސާ ބާއްވަން ނިންމެވީ ވީހާވެސް އަވަހަކަށް ޕާޓީ އުފައްދައި އެ ޕާޓީގެ ހަރަކާތްތައް ފެށުމަށް ކަމަށެވެ.

ސިޔާސީ ޕާޓީ ރެޖިސްޓްރީ ކުރުމުގެ ގޮތުން ބާއްވާ ޖަލްސާގައި 300 މީހުން ބައިވެރި ކުރަން ޖެހެއެވެ.

ރިޔާޒު ވިދާޅުވީ އެ ޖަލްސާގައި މެންބަރުން ބައިވެރިކުރުމަށް ހަމަޖެހިފައިވަނީ މަދުވެގެން ރާއްޖޭގެ ކޮންމެ ރަށަކުން މީހަކު ތަމްސީލުވާ ގޮތަށް ކަމަށެވެ. އަދި ޖަލްސާ ކުރިއަށް ގެންދާނީ ދެ ދަންފަޅިއަކަށް ކަމަށާއި މެންދުރު 2:00 އިން 6:00 އަށް އެއް ދަންފަޅި އަދި ރޭގަނޑު 9:00 ފެށިގެން ޖަލްސާގެ އެޖްޑާގައިވާ ކަންތައްތައް ނިމެންދެން ދެވަނަ ދަންފަޅި ކުރިއަށްދާނެ ކަމަށް ރިޔާޒު ވިދާޅުވިއެވެ.

އާއްމު އުސޫލުން އެ ޖަލްސާގައި އޮންނާނީ ޕާޓީގެ އަސާސީ ގަވާއިދު ފާސްކުރުމާއި ޕާޓީގެ އެގްޒެކެޓިވް ކައުންސިލަށް މެމްބަރުން އިންތިހާބު ކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޖުމްލަ 30 މެންބަރުން ހިމެނޭ އެ ކައުންސިލް އެކުލެވިގެން ވަނީ ޕާޓީގެ ރައީސާއި އަންހެން ނައިބު ރައީސަކަށް ހާއްސަ ގޮނޑިއެއް ހިމެނޭގޮތަށް ހަ ނައިބު ރައީސުންނާއި އަންހެނުންގެ ގޮފީގެ ރައީސާ އާއި ޒުވާނުންގެ ގޮޕީގެ ރައީސް ހިމެނޭ ގޮތަށެވެ. އޭގެ އިތުރުން އަންހެނުންނަށް ހާއްސަ ހަތް ގޮނޑި އާއި ފިރިހެނުންނަށް 14 ގޮނޑިއާ އެކު އިތުރު 21 މެންބަރުން ކައުންސިލްގައި ހިމެނޭނެ ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކައުންސިލަގައި ހިމެނޭ މަގާމުތަކަށް ކުރިމަތިލުމުގެ މުއްދަތު މިއަދުން ފެށިގެން އަންނަ އޮކްޓޫބަރު މަހުގެ ތިންވަނަ ދުވަހުގެ 2:00 އާ ހަމައަށް ހުޅުވާލެވިފައިވާ ކަމަށެވެ.