ހެއްކާބެހޭ ބިލުގައި ހިމެނޭ ނޫސްވެރީންގެ މަސްދަރުތައް ހާމަކުރުމަށް ކޯޓުތަކަށް މަޖުބޫރު ކުރެވޭ އުސޫލު ހިމެނޭ މާއްދާތައް މުރާޖައާ ކުރާނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ހެއްކާ ބެހޭ ބިލުގައި، ނޫސްވެރިން ލިޔާ ހަބަރުތަކަށް މައުލޫމާތު ހޯދުމަށް ބޭނުންކުރާ މަސްދަރުތައް ހާމަކުރުމަށް ކޯޓުތަކަށް މަޖުބޫރު ކުރެވޭނެ ހާލަތްތަކެއް ވަނީ ހިމަނައިފަ އެވެ.

މިބިލުގެ 136 ވަނަ މާއްދާގައި، ގާނޫނު އަސާސީގެ 28 ވަނަ މާއްދާއިން ނޫސްވެރިންނަށް ލިބޭ މަސްދަރު ހިމާޔަތްކުރުމުގެ ހައްގު ކަށަވަރުކޮށްދިން ނަމަވެސް، މި މާއްދާގެ (ށ) ގައި ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވިދާނެ ދެ ހާލަތެއް ވަނީ ބަޔާންކޮށްފަ އެވެ. ބިލު މިހާރު އޮތް ގޮތުން، މި ދެ ހާލަތުގައި ކޯޓަކަށް ފެނިއްޖެ ހިނދެއްގައި ނޫސްވެރިޔަކު ބޭނުންކުރި މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭނެ އެވެ.

ބިލުގައި ބަޔާންކޮށްފައިވާ ދެ ހާލަތަކީ، މަސްދަރު ހާމަކުރުމުގެ ސަބަބުން މަސްދަރަށް ނުވަތަ އެނޫން ވެސް ފަރާތަކަށް ލިބިދާނެ ގެއްލުން ކުޑަ ކަމަށް ކޯޓަން ފެނިއްޖެ ނަމަ ނުވަތަ މަސްދަރު ހާމަކުރުމުގެ ސަބަބުން ނޫސްވެރިންގެ މަސައްކަތުގައި އިތުރު މަސްދަރު ހޯދައި، އެފަދަ މަސްދަރުތަކުގެ ފަރާތުން އިތުބާރު ހުރި މައުލޫމާތު ހޯދުމަށް ނޫސްވެރިންނަށް ހުރަސް އެޅޭނެ މިންވަރު ކުޑަ ކަމަށް ކޯޓަށް ފެނުމެވެ.

މިއޮތް ގޮތަށް މިދެ މާއްދާއާއެކު، ގާނޫނު ތަސްދީގުކޮށްފި ނަމަ، ގާނޫނު އަސާސީގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހައްގުތައް ބޮޑުތަނުން ހަނިވެގެންދާނެ އެވެ. ގާނޫނު އަސާސީގެ 28 ވަނަ މާއްދާގައި ސާފު ސަރީހަ އިބާރާތުން ބަޔާންކޮށްފައި ވަނީ "ޝާއިއު ކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މައުލޫމާތެއްގެ މަސްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެން ނުވާނެ." ކަމަށެވެ.

މި މާއްދާ އުވާލުމަށް ގިނަ ޖަމިއްޔާތަކުން ގޮވާލާފައިވާއިރު އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާބެހޭ ބިލުގައި، ނޫސްވެރިންނާއެކު ކުރެވޭ މުއާމަލާތަށް ލިބިދޭ އިމްތިޔާޒުގެ ދާއިރާ ކަނޑައަޅާފައިވާއިރު، މައުލޫމާތެއްގެ މަސްދަރު ހާމަކުރުމުގެ އާންމު މަސްލަހަތު ބޮޑު ކަމަށް ޝަރީއަތަށް ބުރަވެވޭ ހާލަތްތަކެއްގައި އެ މަސްދަރު ހާމަކުރުމަށް ލާޒިމު ކުރެވޭ އުސޫލެއް ކަނޑައަޅާފައިވަނީ، ގާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމާއި، އެ މިނިވަންކަން ހިފެހެއްޓުން ހުއްދަ ހާލަތްތަކުގައި ކަމުގައި ގާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމަށް ރިއާޔަތްކުރުމާއެކު، މިނިވަން ދީމިގްރާތީ މުޖުތަމައުތަކުގައި އެފަދަ މިނިވަންކަން ހިފެހެއްޓިދާނެ ކަމަށް ގަބޫލުކުރެވޭ މިންވަރަށް ރިއާޔަތް ކުރުމަށްފަހުގައި ކަމަށެވެ.

އެހެންނަމަވެސް ހެއްކާ ބެހޭ ބިލުގައި ހިމެނޭ ނޫސްވެރީންގެ މަސްދަރުތައް ހާމަކުރުމަށް ކޯޓުތަކަށް މަޖުބޫރު ކުރެވޭ ގޮތަށް އޮތް އުސޫލުތަކުގެ ސަބަބުން ނޫސްވެރީންނާއި އާންމުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް ޓަކައި، އެ ބިލުގެ ކަމާބެހޭ މާއްދާތައް މުރާޖައާ ކޮށް، އެ ބިލަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް، ބިލުގެ ކޮމިޓީ މަރުހަލާގައި ކުރިއަށްގެންދާނެ ކަމަށް އޭޖީގެ ބަޔާނުގައި ބުނެފައިވެ އެވެ.