(24 ސެޕްޓެންބަރުގެ އަދަދާ ގުޅޭ)

އެއްފަހަރަކު ޙައްޖު މޫސުން ކައިރިވާން ފެށުމުން މައްކާގެ މުޝްރިކުން ބައްދަލުވުމެއް ބޭއްވިއެވެ. ބޭރުން އަންނަ މީހުން އިތުރު ސާހިބާގެ ދަޢުވަތަށް އިޖާބަދިނަނުދިނުމަށްޓަކައި އިތުރު ސާހިބާއާ ބެހޭގޮތުން ދައްކާނެ ވާހަކަތަކަކާ ބެހޭގޮތުން އެންމެން އެއްބަސްވުމަކަށް އައުމަށްޓަކައެވެ. އެބައިމީހުން އެންމެންގެ ވިސްނުން އެއްކޮށްލައިގެންވެސް އިތުރު ސާހިބާގެ ޠާހިރު ޒާތުފުޅަށް ނިސްބަތްކުރާނެ އެއްވެސްކަހަލަ އަޚްލާޤީ ކުށެއް ނުފެނުނެވެ. އެއްވެސްކަހަލަ އައިބެއް ނުހޯދުނެވެ. ދެން ވާހަކަދެއްކީ އިސްވެދެންނެވިފަދަ އަސްލެއްނެތް ވާހަކަތައް މީހުންނަށް ކިޔައިދިނުމަށެވެ. ސައްލާގައި ބައިވެރިވި މީހުންކުރެ އެކަކީ نـضــر بــن الحــارث އެވެ. އޭނާއަކީ މައްކާގެ ބޮޑުންކުރެ އިތުރު ސާހިބާއާ އެންމެ ވާދަވެރި އެކެކެވެ. އެކަމަކު އޭނާ ބުންޏެވެ. "އޭ ޤުރައިޝުވަންހައިގެ މީހުންނޭވެ! محمّد ގެފާނު ތުއްޕުޅުއިރުއްސުރެ އުޅުއްވީ ތިޔަބައިމީހުންގެ ތެރޭގައެވެ. ތިޔަބައިމީހުން އެންމެ ލޯބިވާ އެންމެ ތެދުވެރި އެންމެ އަމާނަތްތެރި އެންމެ ޚުލުޤުފުޅު ހެޔޮ ބޭކަލެއްގެ ގޮތުގައެވެ. މިއަދު އެކަލޭގެފާނު ވަނީ ޒުވާން އުމުރުފުޅު ފަހަނަޅައި ގޮސްފައެވެ. ޙަޔާތްޕުޅުގެ ހަވީރުއަތަށް އަޅައިފައެވެ. މިއަދު އެކަލޭގެފާނުގެ ދެކަންކަށިފުޅުމަތީން ހުދު އިސްތަށިކޮޅު ފެންނާން ފެށުމަށްފަހު އެކަލޭގެފާނަކީ ދޮގުވެރިޔެކޭ، ކާހިނެކޭ ސާހިރެކޭ ޢާއިލާތައް ރޫޅާ މީހެކޭ ކިޔައިފައި ވާހަކަ ދެއްކުމުން މީހުން އެވާހަކަ ގަބޫލުކުރާނެ ހެއްޔެވެ؟ ބަލަގަ އަހަރެންވެސް ތިޔަ ވާހަކަތަކެއް ގަބޫލެއް ނުކުރަމެވެ. އެކަލޭގެފާނަކީ ޖާދޫގަރެއް ކަމަށާއި ސިހުރުވެރިޔެއް ކަމަށާއި ދޮގުހަދާ ފިތުނަވެރިޔެއް ކަމުގައިވާނަމަ ތިޔަބައިމީހުންގެ މުހިންމު މައްސަލަތަކުގައި އެކަލޭގެފާނު ލައްވައި ސަރިޔަތް ކުރުވަނީ ކީއްވެގެންހެއްޔެވެ. އެކަލޭގެފާނަށް

الـصّـادق الأمـيـن ގެ ނަންފުޅުން ނަންދެނީ ކީއްވެގެން ހެއްޔެވެ. ތިޔަބައިމީހުން އެއެއްޗެއް ގެއްލިދާނެތީ ބިރުގަންނަ އަގުބޮޑު ކޮންމެ އެއްޗެއް އެކަލޭގެފާނުގެ އަތްޕުޅުގައި އަމާނަތެއްގެ ގޮތުން ބަހައްޓައިފައި ހުންނަނީ ކީއްވެގެން ހެއްޔެވެ؟"

އާދޭހެވެ. އިސްލާމްދީނުގެ ނަބިއްޔާ صلّــى اللّـه عليـه وسلّـم ގެ އެންމެ ބޮޑެތި ދުޝްމިނުންވެސްވަނީ އިތުރު ސާހިބާގެ ރީތި އުސްވަތަށް އިޢުތިރާފު ވެފައެވެ. ސަރ ވިލިޔަމް މުއިރަކީ ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ އެއްނަންބަރު ދުޝްމިނެކެވެ. އޭނާގެ ފޮތެއްކަމުގައިވާ "ލައިފް އޮފް محمّد" ގައި މަޖުބޫރުވެގެން ލިޔެފައިވެއެވެ.

"އަހަރެންގެ މުޅި ތަސްނީފުގައިވެސް محمّد ގެފާނުގެ އުޅުއްވުމާއި ޚަޞީލަތްޕުޅުތަކާއި ޢިޞްމަތްތެރިކަމާއި އަބުރުވެރިކަމަށް އިޢުތިރާފުވަމެވެ. އެކަލޭގެފާނުގެ ދިރިއުޅުއްވުމުގައި އެއްވެސްކަހަލަ ދިލައެއް މިލައެއް ނެތްކަމަށް އެއްބަސްވަމެވެ. އެއީ އެދުވަސްވަރުގެ މައްކާގައި ވަރަށް ނާދިރު ކަމެކެވެ." (ލައިފް އޮފް محمّد، ވިލިޔަމް މުއީރު)

ސަރ ވިލިޔަމް މުއިރު ފަދަ ޢަދާވަތްތެރިޔަކަށް މިފަދަ ގޮތަކަށް ލިޔަން މަޖުބޫރުވީ ކީއްވެގެންތޯއެވެ. އާދެ އެއީ މައްކާގެ މުޝްރިކުންކުރެ އެމާތް ސާހިބާއާ ޢަދާވަތްތެރިވެގެން އުޅުނު އެންމެން އެއްބައިވެގެން ހޯދައި ބެލުމުންވެސް އެމާތް ސާހިބާގެ އިސްތަށިފުޅުގައި އަޅުވާނެ ކިތަންމެ ކުޑަވިޔަސް އިލްޒާމެއް ފެނިފައި ނުވާތީއެވެ. އެހެންކަމުން އިތުރު ސާހިބާގެ ޝަޚުޞިއްޔަތު ކަތިލުމަށްޓަކައި އެއުރެން ދައްކައިއުޅުނީ މުޅީން އެހެންކަހަލަ ވާހަކަތަކެކެވެ. އޭގެތެރެއިން ބައެއް ވާހަކަތަކަށް އަޅުގަނޑު ވަނީ އިޝާރަތް ކޮށްފައެވެ. ދެން އުފައްދައި އުޅުނީ އެކަލޭގެފާނުގެ ސުލޫކާއި ޝަޚުޞިއްޔަތާ ގުޅުމެއްނެތް ސުވާލުތަކެކެވެ. "އެކަލޭގެފާނުގެ ޙިމާޔަތުގައި އެކަލޭގެފާނުގެ އަރިހުގައި މަލާއިކަތަކު ނުހުންނަވަނީ ކީއްވެގެންހެއްޔެވެ؟ އަހަރެމެންގެ ބޯމައްޗަށް އުޑުން އެތިގަނޑެއް ވައްޓައި ނުލައްވަނީ ކީއްވެހެއްޔެވެ. އެކަލޭގެފާނު އަހަރެމެންގެ މައްޗަށް ޢަޒާބެއް ނުގެންނަވަނީ ކީއްވެގެން ހެއްޔެވެ؟" މިބާވަތުގެ ވާހަކަތަކެވެ. މައްކާގެ މުޝްރިކުން މިގޮތުން ދައްކައި އުޅުނު ބައެއް ވާހަކަތައް އަރަހުށި މާތް اللّـه سبحـانــه وتـعــالــى ވަނީ ކީރިތި ޤުރްއާނުގެ ބައެއް އާޔަތްތަކުގައި ބަޔާންކުރައްވައިފައެވެ. (ســورة الإســراء: 91، 92، 93)

ކައުސާހިބާގެ ރިސާލަތުގެ މަސައްކަތްޕުޅު ޢާއްމުކޮށް ފާޅުގައި ފައްޓަވައިގެންނެވުމުގެ ތަމްހީދެއްގެ ގޮތުން ޞަފާ ފަރުބަދައިގައި ހުންނަވައި ޤުރައިޝުންނާ ދެއްކެވި ވާހަކަފުޅާ ބެހޭގޮތުން ސީރަތު ފޮތްތަކުގައި އައިސްފައިވެއެވެ.

މައްކާގެ މީހުންގެ އާދަޔަކީ ޢާއްމު ބޮޑު ނުރައްކަލެއް ކުރިމަތިވެއްޖެނަމަ ނުވަތަ މުހިންމުކަމެއް އިޢުލާނުކުރާނަމަ ކޮންމެވެސް އުސްތަނަކަށް އަރައިހުރެ އެކަމެއް އިޢުލާން ކުރުމެވެ. އެކަމެއްގެ ޚަބަރު ދިނުމެވެ. އެހެންކަމުން ކައުސާހިބާ صلّــى اللّـه عليـه وسلّـم ވެސް ޚިޔާރުކުރެއްވީ އެގޮތެވެ. އިތުރު ސާހިބާ ޞަފާ ފަރުބަދަޔަށް އަރައިވަޑައިގެން ޤުރައިޝުވަންހައިގެ އެކިއެކި ދަރިކޮޅުތަކުގެ ނަންތައް ވަކިވަކިން ވިދާޅުވެ އެންމެންނަށް ގޮވައިލެއްވިއެވެ. އެންމެން އަވަސްއަވަހަށް ދުވެފައި އައިސް އެފަރުބަދައިގެ ކައިރިޔަށް އެއްވެއްޖެއެވެ. އެވަގުތު އެތަނަށް ހާޒިރު ނުވެވޭފަދަ މީހަކު ހުރިކަމުގައިވާނަމަ އެމީހެއްގެ ފަރާތުން ޚަބަރު ގެންނާނެ މީހަކު ފޮނުވިއެވެ.

އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم އެބައިމީހުނާ މުޚާޠަބު ކުރައްވައި ޙަދީޘްކުރެއްވިއެވެ.

"އަހުރެންނަށް މިފަރުބަދައިގެ ދެފަރާތްވެސް އެބަފެނެއެވެ. މިފަރުބަދައިގެ އަނެއްފަރާތުގެ ވާދީގައި މައްކާއަށް ޙަމަލަދޭން ލަޝްކަރެއް ތައްޔާރަށް އެބައޮތޭ އަހަރެން ބުނެފިނަމަ ތިޔަބައިމީހުން އަހަރެންގެ ވާހަކަ ގަބޫލުކުރާނޫ ހެއްޔެވެ؟" މައްކާގެ އެންމެން އެއްއަޑުން ދެންނެވިއެވެ. "އާދޭހެވެ. އަޅުގަނޑުމެން ގަބޫލު ކުރާނޫއެވެ. އެހެނީ ކަލޭގެފާނުގެ ފަރާތްޕުޅުން ދުވަހަކު އިތުރުފުޅެއް ތަޖުރިބާކޮށްފައިހުރި މީހަކު މިތާކު ނެތެވެ." ކައުސާހިބާ صلّــى اللّـه عليـه وسلّـم ޙަދީޘްކުރެއްވިއެވެ. ތިޔަބައިމީހުން އަހުރެންނަކީ ތެދުވެރިޔެއް ކަމުގައި ގަބޫލު ކުރާނަމަ އަދި އަހުރެންގެ ފަރާތުން ދުވަހަކުވެސް ދޮގެއް ތަޖުރިބާކޮށްފައި ނުވާނަމަ އަހަރެން ބުނަމެވެ. "އޭ މީސްތަކުންނޭވެ! އަހަރެންނަކީ މާތް اللّـه ތިޔަބައިމީހުންގެ ގާތަށް ފޮނުއްވި ރަސޫލަކީމެވެ. އެކަލާނގެ އަހުރެން ފޮނުއްވީ އެކަލާނގެ ޙަޟުރަތުން އަތުވެދާނެ ބޮޑު ޢަޒާބެއްގެ ކުރިން ތިޔަބައިމީހުންނަށް އިންޒާރު ދިނުމަށްޓަކައެވެ. ތިޔަބައިމީހުން އެކަލާނގެ ރަސްކަންފުޅަށް ޝަރީކު ކުރުން ހުއްޓައިލާށެވެ! އެކަލާނގެ އެއްކައުވަންތަކަމަށް ހެކިވާށެވެ!"

ކައުސާހިބާ صلّــى اللّـه عليـه وسلّـم އެހައިތަނަށް ވާހަކަފުޅު ގެންދަވާއިރަށް أبــو لـهـب ފުންމައިގެން އައިސް އަތްތިލަބަޑި ތަޅައިގެންފައި ގޮވައިލިއެވެ. "ކަލޭގެފާނަށް ހަލާކު ހުއްޓެވެ! އަޅުގަނޑުމެން ތިޔަ އެއްކުރެއްވީ އަޅުގަނޑުމެންގެ ވަގުތު ނަންގަވައިލެއްވުމަށްޓަކައެވެ." أبــو جـهـل ގޮވައިލިއެވެ. މިއޮތްހައިދުވަހު އިތުރުފުޅެއް ނުހައްދަވައި ހުންނެވީ ތިޔަ އިތުރުފުޅު ހައްދަވަންތޯއެވެ. (صـلاح الـدّيــن) އާދެ، އިތުރު ސާހިބާގެ ތެދުވެރިކަމާއި އަމާނަތްތެރިކަމާމެދު މައްކާގެ އެންމެން އިއްތިފާޤުވެއެވެ. އެބައިމީހުން އިންކާރުކުރީ އިތުރު ސާހިބާ ގެންނެވި އެއްކައުވަންތަކަމުގެ ދަޢުވަތަށެވެ.

މައްކާގެ ރައީސް أبــوسفيــان ވަނީ ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ ތެދުވެރިކަމާމެދު ހިރަގުލްގެ ދަރުބާރުގައިވެސް ހެކިބަސް ދެއްވައިފައެވެ. އެ ހާދިސާ ހިނގައިފައިވަނީ ޞުލްޙުލްޙުދައިބިއްޔާއަށް ފަހުގައެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم ދުނިޔޭގެ ރަސްރަސްކަލުންނަށް ދަޢުވަތުގެ ސިޓީފުޅުތައް ފޮނުއްވި ދުވަސްވަރުއެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم ރޫމީންގެ ހިރަގުލަށްވެސް ދަޢުވަތުގެ ސިޓީފުޅެއް ފޮނުއްވިއެވެ. އޭރު ހިރަގުލް ހުންނެވީ ފަލަސްޠީނުގައެވެ. ހިރަގުލަށް އެ ސިޓީފުޅު ލިބިވަޑައިގެންނެވުމުން އޭނާ އިތުރު ސާހިބާގެ ތިމާގެފުޅު މީހަކު ހޯދައިގެން ގެންނަން އަމުރުކުރެއްވިއެވެ.

أبــوسفيــان އޭރު ހުންނެވީ މައްކާގެ ވިޔަފާރިވެރިންގެ ޤާފިލާއަކާ އެކުގައި ވަޑައިގެން ޣައްޒާގައެވެ. އެ ޤާފިލާގައި ޤުރައިޝުންގެ ތިރީހަކަށް ސާޅީހަކަށް މީހުން ތިއްބެވެ. އޭރު أبــوسفيــان އަކީ ކައުސާހިބާގެ އެއްނަންބަރު ދުޝްމަނެކެވެ. أبــوسفيــان ވިދާޅުވެފައިވެއެވެ. "އަހަރެމެން ޣައްޒާގައި ތިއްބައި ހިރަގުލް ފޮނުއްވި މީހުން އަހަރެމެންގެ ގާތަށް އަތުވެއްޖެއެވެ. އެމީހުން ސުވާލު ކުރިއެވެ. ތިޔަބައިމީހުންނަކީ ޙިޖާޒުކަރައިގެ ބަޔަކީމުހެއްޔެވެ؟" އަހަރެން އާނއެކޭ ބުނުމުން ބުނެފިއެވެ. "ތިޔަބައިމީހުން ހަމަ މިހާރު ޝަހެންޝާހުގެ އަރިހަށް ދާންވީއެވެ." އަހަރެމެން އެބައިމީހުނާއެކު ހިރަގުލްގެ ދަރުބާރަށް ހާޒިރުވެއްޖައީމުއެވެ. ހިރަގުލް ތަރުޖަމާނަކު މެދުވެރިކުރައްވައި އަހަރަމެންނާ ސުވާލު ކުރެއްވިއެވެ. "މައްކާއިން ނަބީކަމަށް އެ ދަޢުވާކުރައްވާ ބޭކަލަކާ ތިޔަބައިމީހުންކުރެ އެންމެ ތިމާގެއީ ކާކުހެއްޔެވެ؟" އަހަރެން އެމީހަކީ އަހަރެން ކަމުގައި ބުނެފީމެވެ. "ހިރަގުލް އަހަންނާއި محمّد ގެފާނާ ތިމާގެއީ ކިހައިވަރަކަށްތޯ ސުވާލު ކުރެއްވިއެވެ." އަހަރެން ޖަވާބު ދިނީމެވެ. އަހަންނާ އެކަލޭގެފާނާ ބޭބެއިންގެ ދަރިއެވެ. އަހަރެން އެޖަވާބު ދިނުމުން އަހަރެން އެރަސްގެފާނާ އެންމެ އަރިހުގައި ބައިންދަވައިފައި އަހަރެމެންގެ ދެންތިބި މީހުން އަހަރެންގެ ފަހަތުގައި ބައިތިއްބަވައިފިއެވެ. އަހަރެން ދޮގެއް ހަދާނަމަ އިޝާރަތުން އަންގައިލަން އެމީހުންނަށް އަމުރު ކުރެއްވިއެވެ.

أبــوسفيــان ވިދާޅުވެފައިވެއެވެ. އަހަންނަކީ އަހަރެންގެ ޤައުމުގެ ވެރިޔާއެވެ. އަހަރެން އެފަދަ މަޖްލިސެއްގައި ދޮގުހަދަން ލަދުގަތެވެ. އަހަރެން ދޮގެއް ހެދިކަމުގައިވިޔަސް އަހަރެންގެ އެކުވެރީން އެވަގުތަކު އެކަމެއް ނޭންގީހެވެ. އެކަމަކު އެވާހަކަ ފަހުން މަޝްހޫރުވާނެކަން ކަށަވަރެވެ. އެހެންކަމުން އަހަރެން ވާހަކަދެއްކީ ތެދުބަހުންނެވެ. أبــوسفيــان ވިދާޅުވެފައިވެއެވެ. އަހަރެން އެންމެފުރަތަމަ ވާހަކަ ފަށައިގަތުމުގައި رسـول اللّـه صلّــى اللّـه عليـه وسلّـم ގެ ހައިސިއްޔަތު ކުޑަކޮށް އެކަލޭގެފާނުގެ މަގާމު ދަށްކުރަން މަސައްކަތް ކުރީމެވެ. އަހަރެން ދެންނެވީމެވެ. "މަނިކުފާނު އޭނާގެ މައްސަލަޔަށް ތިޔަހައިބޮޑު އަހަންމިއްޔަތެއް ނުދެއްވާށެވެ. އޭނާގެ މައްސަލައަކީ ތިޔަހައިބޮޑު މައްސަލައެއް ނޫނެވެ." އެކަމަކު ހިރަގުލް އަހަރެންގެ ވާހަކަޔަކަށް އަޅުއްވައެއް ނުލެއްވިއެވެ.

ކައުސާހިބާ صلّــى اللّـه عليـه وسلّـم އާ ބެހޭގޮތުން ހިރަގުލް أبــوسفيــان އާ ވަރަށްގިނަ ސުވާލު ކުރެއްވިއެވެ. އޭގެތެރެއިން މިތާނގައި އަޅުގަނޑު އަލިއަޅުވައިލާނީ ހަމައެކަނި ކައުސާހިބާގެ ތެދުވެރިކަމާ ބެހޭގޮތުން ހިރަގުލް ކުރެއްވި ދެ ސުވާލަށާއި أبــوسفيــان އެ ދެސުވާލަށް ދެއްވި ޖަވާބުގެ މައްޗަށެވެ.

ހިރަގުލް ސުވާލު ކުރެއްވިއެވެ. "މީގެކުރީންވެސް އެކަލޭގެފާނު އިތުރުފުޅު ހައްދަވައި އުޅުއްވާކަން ތިޔަބައިމީހުންނަށް ތަޖުރިބާ ކުރެވިފައެއް ނުވޭހެއްޔެވެ؟"

އަހަރެން ދެންނެވީމެވެ. "އެކަލޭގެފާނު ދުވަހަކު އިތުރުފުޅެއް ހެއްދެވިކަމަށް ދަންނަވައި އަޅުގަނޑުމެންނަކަށް އެކަލޭގެފާނުގެ އިސްތަށިފުޅުގައި އިލްޒާމެއް އެޅުވޭކަށެއް ނެތެވެ." أبــوسفيــان ވިދާޅުވެފައިވެއެވެ. އެކަލޭގެފާނާ ބެހޭގޮތުން އަގުދަށްކުރުމުގެ ވާހަކައެއް ދައްކަން އަހަންނަށް ފުރުސަތު ލިބުނީ ހަމަ އެންމެ ސުވާލަކާ ގުޅިގެންނެވެ. އެސުވާލަކީ ހިރަގުލް ސުވާލު ކުރެއްވިއެވެ. "އެކަލޭގެފާނު ވަޢުދާ ޚިލާފުވެވަޑައިގަންނަވާ ހެއްޔެވެ؟" އަހަރެން ދެންނެވީމެވެ. "މިހާތަނަށް އެކަލޭގެފާނު ދުވަހަކު ވަޢުދަކާ ޚިލާފުވެވަޑައިގެންފައެއް ނުވެއެވެ. އެކަމަކު މިހާރު އަޅުގަނޑުމެންނާ އެކަލޭގެފާނާ ދެމެދުގައިވަނީ ވަކިމުއްދަތަކަށް ޞުލްޙައިގެ އެއްބަސްވުމެއް އެއްބަސްވެވިފައެވެ. އެމުއްދަތާ ހަމައަށް ކަންވާނެގޮތެއް އަޅުގަނޑުމެންނަކަށް ނޭނގެއެވެ. ފަހަރެއްގައި އެކަލޭގެފާނު ޢަހުދާ ޚިލާފުވެވަޑައިގެންވެސްފާނެއެވެ." މާތް اللّـه ގަންދެމެވެ. އަހަރެންގެ އެވާހަކައަށްވެސް ހިގަރުލް އެއްވެސް ސަމާލުކަމެއް ނުދެއްވިއެވެ. (سـيّــد جـلال الـدّيــن عـمــرى)

(ނުނިމޭ)