ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓުތައް ކައިރީގައި ގިނަ އަދަދެއްގެ ކުނި ޖަމާކޮށް، އެ ތަނުގައި ކުނި ނެގޭނެ އިންތިޒާމެއް ނެތި ބައެއް ސަރަހައްދުތައް ގޮނޑުވެއްޖެއެވެ.

އެކަމުގެ ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުން "ހިޔާ ޔޫނިއަން" އިން މިއަދު ކުރި ޓުވީޓެއްގައި ވަނީ ގިނަ ދުވަސްވުމުގެ ސަބަބުން ކުނިވެ ފުޅައަޅާފައިވާ ކުނި ކޮތަޅުތަކެއްގެ ފޮޓޯތަކެއް ހިއްސާކޮށްފައެވެ.

އެ ޓުވީޓުގައި ހިޔާ ޔޫނިއަނުން ބުނީ ހިޔާ ފުލެޓުތައް ހުންނަ ސަރަހައްދުގައި ކާތަކެތީގެ ކުނި އުކާލާނެ ނިޒާމެއް ނެތް ކަމަށެވެ. އަދި އެ ޔޫނިއަނުން ވަނީ އެކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ޕްލޭނިން މިނިސްޓްރީ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ސަމާލުކަމަށް ގެނެސްފައެވެ.

އެކަމާ ގުޅޭގޮތުން އެޗްޑީސީގެ މީޑިއާ އޮފިސަރު އަލީ މަޝާރު ވިދާޅުވީ، ހިޔާ ފްލެޓުގެ ޖެނެރަލް ވޭސްޓް އުކާލަން ވެމްކޯއާ ހަވާލުކޮށްފައިވާ ކަމަށާއި އަންނަ މަހު ކުނި އުކަން ފަށާނެ ކަމަށް ވެމްކޯއިން ބުނެފައިވާ ކަމަށެވެ.

ހިޔާ ފްލެޓުގެ ކުނީގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ޑަސްބިން ހޯދުމަށް މިހާރު ވެމްކޯގައި އެދިފައިވާނެ ކަމަށާއި މިހާރު އެތަނުގައި ހުރި ކުނިތައް ހުސްކުރުމުގެ މަސައްކަތް އެޗްޑީސީން ކުރަމުން އަންނަ ކަމަށްވެސް މަޝާރު ވިދާޅުވިއެވެ.

މިދިޔަ ހަފުތާގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގެ ބައްދަލުވުމެއްގައި ހިޔާ ފްލެޓުތަކުން ކުނި ނެގުމާ ގުޅޭގޮތުން ވެމްކޯގެ އެމްޑީ މުހައްމަދު (އެޑަމް) ވަނީ ވާހަކަދައްކަވައިފައެވެ. އޭނާ ވިދާޅުވީ ހިޔާ ފްލެޓުތަކަކީ އިމާރާތަށް އަޅާ ކުނި ނެގޭ ވަރަށްވުރެ ކާރޫބާރު ބޮޑު ތަނެއް ކަމަށާއި އެހެންކަމުން ކުނި ނަގާ ބޮޑެތި ޑަސްބިންތައް ލިފްޓުން ގެންދިއުމަކީ އޭގެ ސަބަބުން ލިފްޓު ބޭނުން ކުރާ މީހުންނަށް ދަތިވާނެ ކަމަކަށްވާތީ، ފްލެޓުތަކުގެ ކުނި ގްރައުންޑް ފްލޯއަށް ގެންނަ ގޮތަށް ނިންމާފައިވާ ކަމަށެވެ.

މީގެ ކުރިން އެޗްޑީސީން ވަނީ ހިޔާ ފްލެޓުތަކުގައި މަސައްކަތް ކުރާއިރު އުފެދޭ ގާކުނޑި ފަދަ ކުނިތައް އުކުމަށް ހަތް ސަރަހައްދެއް ކަނޑައަޅައިފައެވެ. އެގޮތުން ހިޔާގެ އެއްވަނަ ޓަވަރުން ހަތަރުވަނަ ޓަވަރުގެ ކުނިތައް އުކުމަށް ހާއްސަކޮށްފައިވަނީ އެއް ސަރަހައްދެކެވެ. އެއީ ޓަވަރު ތިނަކާއި ޓަވަރު ހަތަރެއްގެ ކުރިމައްޗެވެ. އަދި ފަސްވަނަ ޓަވަރާއި ހަވަނަ ޓަވަރުގެ މީހުން ކުނި އުކަން ހާއްސަކޮށްފައިވަނީ ހަވަނަ ޓަވަރުގެ ކުރިމައްޗެވެ.

ހަތްވަނަ ޓަވަރާއި އަށްވަނަ ޓަވަރުގެ މީހުން ކުނި އެޅުމަށް ހާއްސަކޮށްފައިވަނީ އަށްވަނަ ޓަވަރުގެ ކުރިމައްޗެވެ. ނުވަވަނަ ޓަވަރުން ފެށިގެން 12 ވަނަ ޓަވަރުގެ ކުނި އެޅުމަށް ހާއްސަކޮށްފައިވަނީ ދިހަވަނަ ޓަވަރުގެ ކުރިމައްޗާއި 12 ވަނަ ޓަވަރުގެ ކުރިމައްޗަށެވެ.

މީގެ އިތުރުން 13 ވަނަ ޓަވަރާއި 14 ވަނަ ޓަވަރުގެ ކުނި އުކުމަށް ހާއްސަކޮށްފައި އެ ދެ ޓަވަރުގެ ދެމެގައި އޮންނަ ހުސް ބިމަށެވެ. އަދި 15 ވަނަ ޓަވަރާއި 16 ވަނަ ޓަވަރުގެ ކުނި އުކުމަށް ހަމަޖައްސާފައިވަނީ އެ ދެ ޓަވަރުގެ ދެމެދުގައި ކުރިމައްޗަށްވާ ގޮތަށް އޮންނަ ހުސްބިމަށެވެ.