މުނިފޫހިފިލުވުން

16 އަހަރަށްފަހު "ޖޭމްސް ބޮންޑް"އަށް އަލްވަދާއު ކިޔުމަކީ ހިތްދަތިކަމެއް: ޑެނިއެލް

16 އަހަރަށްފަހު ''ޖޭމްސް ބޮންޑް'' އަށް އަލްވަދާއު ކިޔަން ހިތްދަތި ކަމަށް ޑެނިއެލް ކްރެއިގް ބުނެފިއެވެ.

''ދަ ގްރެހަމް ނޯޓަން'' ޝޯގައި ބައިވެރިވެ ވާހަކަދައްކަމުން ޑެނިއެލް ބުނެފައިވަނީ 2015 ވަނަ އަހަރު ކުޅުނު ޖޭމްސް ބޮންޑުގެ ''ދަ ސްޕެކްޓަރ'' އަކީ އޭނާ ކުޅޭނެ އެންމެފަހު ޖޭމްސް ބޮންޑު ފިލްމު ކަމަށް ހީކުރި ފަހަރުވެސް ދިޔަ ކަމަށެވެ. އެގޮތަށް ނިންމައިގެން ހުއްޓައި އެންމެ ފަހުގެ ބޮންޑް ފިލްމު ''ނޯ ޓައިމް ޓު ޑައި'' ކުޅެލަން ލިބުމުން އުފާކުރި ކަމުގައި އޭނާ ވަނީ ފާހަގަކޮށްފައެވެ.

އޭނާގެ ވާހަކައިގައި މި ފިލްމުތައް ކުޅެލަން ލިބުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށާއި މި ކެރެކްޓާ އަށް ހިތުން ރުހުމުން އަލްވަދާއު ކިޔަން ފުރުސަތު ލިބުމުން އުފާ ކުރާކަމުގައި ބުންޏެވެ. އޭގެ އިތުރުން ޕްރޮޑިއުސަރުންނަށް ޝުކުރު އަދާކުރަމުން އޭނާ ބުނެފައިވަނީ ވަރަށް ބޮޑަށް ހަނދާން ވާނެ ކަމަށާއި ޖޭމްސް ބޮންޑުގެ ރޯލު އެހެން މީހަކު ކުޅޭތަން ބަލަން އޭނާ އަށް އުނދަގޫ ވާނެ ކަމަށެވެ.

ކްރެއިގް ގެ ފަސް ވަނަ އަދި ވަދާއީ ޖޭމްސް ބޮންޑު ފިލްމު ''ނޯ ޓައިމް ޓު ޑައި'' ޝޫޓިންތައް 2019 ވަނަ އަހަރު ނިންމާލުމަށްފަހު އަލްވަދާއު ކިޔުމުގެ ގޮތުން އޭނާ ވަނީ ޕްރޮޑިއުސަރުންނަށް ޝުކުރު އަދާކޮށް ވަރަށް އަސަރާއެކު ވާހަކަކޮޅެއް ހިއްސާކޮށްފައެވެ. އޭނާގެ ވާހަކައިގައި އޭގެ ތެރެއިން ގިނަ ބަޔަކާއެކު ފަސް ފިލްމެއްގައި އެކުގައި މަސައްކަތްކޮށްލަން ލިބުނު ފުރުސަތަށް ޓަކައި، ހާއްސަކޮށް މި ފިލްމުގައި މަސައްކަތްކޮށްލަން ލިބުނު ކަމީ އޭނާއަށް ލިބުނު ބޮޑު ފަހުރެއްކަމުގައި ކްރެއިގް ވަނީ ފާހަގަކޮށްފައެވެ.

''ނޯ ޓައިމް ޓު ޑައި'' ރިލީސްކުރަން ހަމަޖެހިފައިވަނީ އަންނަމަހުގެ 8 ވަނަ ދުވަހުކަމަށް ވާއިރު، މިމަހުގެ 28 ވަނަ ދުވަހު ލަންޑަނުގެ ރޯޔަލް އެލްބާޓް ހޯލްގައި ފިލްމުގެ ވޯލްޑް ޕްރިމިއާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.