ކޮވިޑުގެ ހާލަތުގެ ސަބަބުން އިންޑިއާގެ މަހާރާޝްތުރަ ސްޓޭޓުގެ ސިނަމާތައް ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލުމަށް ނިންމައިފިއެވެ.

އެ ސްޓޭޓުގެ ޗީފް މިނިސްޓަރު އުދާވް ތަކެރީ ވަނީ ސިނަމާތައް އަންނަމަހުގެ 22 ވަނަ ދުވަހުން ފެށިގެން އާއްމުންނަށް ހުޅުވާލާނެ ކަމަށް ވިދާޅުވެފަ އެވެ. ސިނަމާތައް އަލުން ހުޅުވާ ދުވަސް އާންމުކޮސްފައި މި ވަނީ ފިލްމު ޕްރޮޑިއުސަރު ރޯހިތު ޝެޓީ އާއި އިތުރު ފަރާތްތަކާއެކު ޗީފް މިނިސްޓަރު ބޭއްވެވި ބައްދަލުވުމަކަށްފަހުގައެވެ.

އަަލުން ސިނަމާތައް ހުޅުވާލާނެ ތާރީހު ކަނޑައެޅުމާއެކު ރޯހިތު ޝެޓީ ވަނީ އޭނާ އުފައްދާފައިވާ އަކްޝޭ ކުމާރުގެ ''ސޫރިޔަވަންޝީ'' ދިވާލީއާ ދިމާކޮށް ސިނަމާގައި އަޅުވާނެ ކަން ވެސް އިއުލާނު ކޮށްފައެވެ. ''ސޫރިޔަވަންޝީ'' ސިނަމާތަކަށް އަންނައިރު ބޮކްސް އޮފީހުގައި ރަޖްނީކާންތުގެ ''އަންނާތީ'' އަދި ހޮލީވުޑްގެ ''އިޓާނަލްސް'' އެފިލްމާ ކުރިމަތިލާނެ އެވެ.

ހިންދޫން ފާހަގަކުރާ ދިވާލީ އާ ދިމާކޮށް ސިނަމާތައް ހުޅުވާލަން ނިންމުމުން ފިލްމު އުފެއްދުންތެރިން އަންނަނީ އެކަމާ އުފާ ފާޅުކުރަމުންނެވެ. އާއްމުކޮށް މި ސީޒަނަކީ ގިނަ ފިލްމުތަކެއް ސިނަމާތަކަށް ނެރުމަށް ޕްރޮޑިއުސަރުން އަމާޒު ހިފާ ދުވަސްވަރެކެވެ. ޕްރޮޑިއުސަރު އާނަންދު ޕަންޑިތު ބުނީ މަހާރާޝްތުރައިގެ ތިއޭޓަރުތަކަކީ އިންޑަސްޓްރީއަށް މުހިއްމު މާކެޓެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި ގިނަ ބަޔަކު ތިއޭޓަރުތަކަށް ދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު އަބިޝެކް ޕަތަކު ބުނި ގޮތުގައި މި ނިންމުމުގެ ސަބަބުން ކޮވިޑުގެ ހާލަތުން އިންޑަސްޓްރީއަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް އެހީއަކަށް ވެގެންދާނެކަމުގައި އުއްމީދުކުރެއެވެ. ޕްރޮޑިއުސަރު އަމަރް ބުޓާލާ ބުނެފައިވާ ގޮތުގައި އާއްމުކޮށް ނޮވެމްބަރުން ފެށިގެން އަހަރު ނިމެންދެން ހިނގާ މުއްދަތަކީ ދިވާލީ އަދި ކުރިސްމަސް ފަދަ ހާއްސަ ދުވަސްތަކާއި ދިމާކޮށް ސިނަމާ ތަކަށް ބާރު ބޮޑު ދުވަސްވަރެކެވެ. އަދި ދިވާލީއާ ދިމާކޮށް ''ސޫރިޔަވަންޝީ'' އެޅުވުން ވެގެންދާނީ ބޮލީވުޑަށް އާ ދިރުމެއް ގެނުވާނެ ކަމެއް ކަމުގައި އޭނާ ފާހަގަކުރެއެވެ.

ސިނަމާތައް އަލުން ހުޅުވާނެ ދުވަސް އިއުލާނުކުރުމާއެކު ''ސޫރިޔަވަންޝީ'' އަޅުވާނެކަން އިއުލާނު ކޮށްފައިވާއިރު ކުރިއަށް ހުރި ގިނަ ފިލްމުތަކެއް އަޅުވާނެ ތާރީހުތައް ވަރަށް އަވަހަށް ކަނޑައެޅިގެން ދާނެއެވެ. ސިނަމާތަކަށް އައުމަށް މިހާރުވެސް ފުލުފުލުގައި ހުރި ފިލްމުތަކަށް ބަލާއިރު ''އަންތިމް'' ''ޕްރިތުވިރާޖް'' ''ސަތުޔަމެވަ ޖަޔަތޭ 2'' ''ގަންގޫބައި ކަތިޔަވަޑި'' ''ޖާޒީ'' ''83'' ''ޖަޔެޝްބާއި ޖޯރްދާރް'' ''ބަންޓީ އޯރު ބަބްލީ 2'' ''ޗަންދީގާރު ކަރޭ އާޝިގީ'' ''ތަޅަޕް'' އަދި ''އެޓޭކް'' ހިމެނެއެވެ.