އިންޑިއާގައި ތަމްރީނުތަކެއް ހަދަނިކޮށް ލާންސް ކޯޕްރަލް މުހައްމަދު ސުލްތާން އިބްރާހިމް މަރުވެފައިވަނީ ނެޝަނަލް ޑިފެންސް އެކެޑެމީގެ ކޭމްޕް ގްރީން ހޯންގައި އޮތް އެންޑިއުރެންސް ދުވުމެއް ފުރިހަމަ ކުރަން އުޅުމުގެ ތެރޭގައި ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އއ. ހިމަންދޫ ރޯޒްމީޑު، ލާންސް ކޯޕްރަލް މުހައްމަދު ސުލްތާން އިބްރާހިމްގެ މަރާ ގުޅިގެން މިރޭ އެމްއެންޑީއެފުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަދު މެންދުރުފަހު އޮތް ދުވުމުގެ ތެރޭގައި ސުލްތާނު ވެއްޓުމުން, 13:58 ހާއިރު އިމަޖެންސީގައި ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ މަރުވެފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ސުލްތާން ސިފައިންގެ ހިދުމަތާ ގުޅުނީ 2018 ވަނަ އަހަރުގެ އޭޕްރީލް މަހުގެ އަށް ވަނަ ދުވަހުއެވެ. އޭނާ ފުރިހަމަކުރަމުން ދިޔައީ މިއަހަރުގެ މާޗް އެއް ވަނަ ދުވަހުން ފެށިގެން 2024 މާރިޗް 15 އަށް ޕޫނޭ ނޭޝަނަލް ޑިފެންސް އެކެޑެމީގައި ކުރިއަށް ގެންދިޔަ 145 ވަނަ އޮފިސާ ކެޑޭޓް ކޯހެވެ. މިކޯހަށް ދިއުމުގެ ކުރިން އޭނާ މަސައްކަތް ކުރަމުން ދިޔައީ އިންޓަގްރޭޓެޑް ހެޑްކްއާޓާޒް (ޖޭ-1)ގައެވެ.

އޭނާއަށް ލާންސް ކޯޕްރަލްކަމުގެ ރޭންކް ލިބިފައި ވަނީ މި ކޯސް ފުރިހަމަ ކުރަމުންދަނިކޮށް ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ސުލްތާނުގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް އެމްއެންޑީއެފުން އަންނަނީ ކުރަމުންނެވެ.