އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި އަލިފުށީ ދާއިރާގެ ރައީސްކަމަށް ރައްޔިތުންގެ މަޖިލީހުގައި އެ ދާއިރާގެ މެންބަރުކަން ކުރައްވާ މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އިންތިހާބުވެއްޖެއެވެ.

މިއަދު މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދިޔަ އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި މިހާރު ވަނީ ވަގުތީ ނަތީޖާ އިއުލާންކުރަން ފަށައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިސް ބޭފުޅެއް ކަމަށްވާ ބިގޭ، އިންތިހާބު ކާމިޔާބުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން މުހައްމަދު (ހަސަންޓޭ)އާ ވާދަކޮށްގެންނެވެ. ހަސަންޓޭއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅެކެވެ.

އެމްޑީޕީގެ އަލިފުށީ ދާއިރާގެ ރައީސްގެ އިންތިހާބުގެ ކެމްޕޭނު ފާހަގަކޮށްލެވިފައިވަނީ އެންމެ ފޯރިގަދަ ކެމްޕޭނުގެ ގޮތުގައެވެ. ބިގޭގެ އިތުރުން ހަސަންޓޭ ވެސް ވަނީ އެ ދާއިރާގައި ވަރުގަދަ ކެމްޕޭނެއް ކުރައްވައިފައެވެ.