ގެއެއްގެ ސިޑި ގޮޅިއަށް ކުޑަކަމުދިޔައީ ވެމްކޯގައި މަސައްކަތް ކުރާ ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފެއް ކަމަށް އެ ކުންފުނިން ބުނެފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މި މަހުގެ 22 ވަނަ ދުވަހުގެރޭގެ ވަގުތެއްގައެވެ. ސޯޝަލް މީޑިއާގައި ވަނީ އެ ހާދިސާގެ ވީޑިއޯއެއްވެސް މިއަދު އާންމުވެފައެވެ. އެ ވީޑިއޯގައި ފެންނަނީ މާފަންނުގައި ހުންނަ ގެއަކަށް ކުނި ނަގަން ވަތް މުވައްޒަފެއް އެ ގޭގެ ސިޑި މައްޗަށް ކުޑަކަމުދާ މަންޒަރެވެ.
ވެމްކޯގެ އޮފިޝަލަކު "ވަން" އަށް މިރޭ ވިދާޅުވީ ވެށިފާރަވެރިއެއްގެ ވަޒީފާގައި އުޅޭ އެ ކުންފުނީގެ މުވައްޒަފަކު ގެއެއްގެ ސިޑި ގޮޅިއަށް ކުޑަކަމުދިޔަ މައްސަލައެއް އެ ގޭގެ ވެރިފަރާތުން ހުށަހެޅި ކަމަށެވެ. އަދި އެކަމުގައި ވެރިފަރާތުގެ ކިބައިން މަައާފަށް އެދިފައިވާ ކަމަށާއި އަދި އެގޮތަށް އަމަލުކުރި މުވައްޒަފާމެދު ފިޔަވަޅު އަޅާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ އެ މުވައްޒަފު ކުދަކަމުދިޔައިރު އެގޭގެ ސިޑި ގޮޅީގައި ހަރުކޮށްފައި ހުރި ކެމެރާ އަަށް އަރާފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން ދަނިކޮށް އެ މަންޒަރު ފެންނަ ވީޑިއޯ އާންމު ކުރުމުން އެކަމާ ކަންބޮޑުވާ ކަމަށެވެ.
"އަޅުގަނޑުމެން ގޭގެ ވެރިފަރާތާ ބައްދަލު ކޮށްފައި އެ މުވައްޒަފަކީ ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފެއް ކަމަށް ބުނެފައި ވާނެ. ނުކުޅެދުންތެރިކަން ހުއްޓަސް ކޮށްގެންވާނެ ކަމެއް ނޫން. އެކަމަކު އެކަން އެގޮތަށް ހިނގައިދިޔައީމަ ވެރިފަރާތުން ބޭނުންވަނީ އެ މުވައްޒަފަށް ފިޔަވަޅު އަޅަން. ދެން މި ކުންފުނިންވެސް މިހާރު ވާނީ ފިޔަވަޅު އަޅާފައި. އެކަމަކު މި މައްސަލަ ތަހުގީގުކޮށް ހުއްޓައި ވީޑިއޯ ވައިރަލް ކުރީމަ ކަންބޮޑުވޭ." އޭނާ ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ވެމްކޯ އިން މިއއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެފަދަ ކަމެއް ތަކުރާރު ނުވާނެ ފަދަ ގޮތަކަށް ހިދުމަތްތައް ބައްޓަން ކުރުމައްޓަކައި ކުރަންޖެހޭ މަސައްކަތް އެކުންފުނިން ކުރަމުންދާ ކަމަށެވެ.
ވެމްކޯއިން ބުނީ އެ މައްސަލާގައި ޝާމިލު ވެފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތެއް ނަމަވެސް ކުރިން މިކަހަލަ އެއްވެސް ކަމެއް އެ މުވައްޒަފުގެ ފަރާތުން ދިމާވެފައިނުވާ ކަމަށެވެ. ވެމްކ،ޯއިން ވަނީ އެމުވައްޒަފު ވަގުތީ ގޮތުން ހައުސްހޯލް އޮޕަރޭޝަނުން އެކަހެރި ކޮށްފައެވެ.